ނިއުޒީލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު މިރޭ މާލެ ވަޑައިގަންނަވާނެ

ނިއުޒީލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު މިރޭ މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު ނިއުޒީލޭންޑަށް ވަޑައިގެންނެވީ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށާއި، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖެއަށް ގެނައި ބަޣާވާތާއި ބެހޭ މައުލޫމާތު ހިއްސާކުރެއްވުމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނިއުޒީލޭންޑްގެ ނެޝަނަލް ޕާޓީގެ ފަރާތުން ނިއުޒީލޭންޑްގެ ވެލިންގޓަން ގައި ބޭއްވި އައިޑީޔޫގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތްގޮތާއި، ރާއްޖެއަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމުން ސަލާމަތްވުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ނިއުޒީލޭންޑްގެ ފޮރިންގ މިނިސްޓަރ މުރޭ މެކްކަލީ އާއި ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމާއި ބެހޭ މައުލޫމާތު ދެއްވިއެވެ. ރައީސް ނަޝީދުގެ އިތުރުން ނިއުޒީލޭންޑްގެޕާލަމެންޓްގެ ފޮރިންގ އެފެއަރޒް، ޑިފެންސް އެންޑް ޓްރޭޑް އެފެއަރޒް ކޮމިޓީގެ މުގައްރިރު ޖޯން ހަޔެސް އާއި، ނޭޝަނަލް ޕާޓީގެ ރައީސް ޕީޓަރ ގުޑްފެލޯ އަދި ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮންމެކިނަން ވެސް މި ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ.

މި މަހުގެ 27 ން 29 ގެ ނިޔަލަށް ބޭއްވި މި ބައްދަލުވުމުގައި އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން އިން ވެސް ވަނީ ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ތާޢީދުކޮށް އެކަމަށް ގޮވާލާފައެވެ.

ރައީސް ނަޝީދު ނިއުޒީލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ 10 ޖަހާއިރު މާލެ ވަޑައިގަންނަވާ އިރު، އެމްޑީޕީން ދަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުން އޮތީ މިރޭ 10 ޖަހާއިރު ފޮރިންއެފެއަރޒް ކުރިމަތީގައި ކަމަށް އެމްޑީޕީން ބުނެއެވެ.