ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 48
ތާރީޚް: 30 މެއި 2012 (ބުދަ)
ކޮމިޝަނަށް ހުށައެޅުނު ނަންފުޅު އާންމުވުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަންފުޅުތަކުން ވަކިނަމެއް އެމަނިކުފާނާ މަޝްވަރާ ކުރުމެއްނެތި މީޑީޔާތަކުގައި ޢާންމުކޮށް ވާހަކަތައް ފަތުރާފައިވާތީ އެކަމުގެ ހިތްހަމަނުޖެހުން ރައީސް ނަޝީދު ކޮމަންވެލްތާ ހިއްސާ ކުރައްވައިފިއެވެ.
ރައީސް ނަޝީދު ހުށައެޅުއްވި 10 ވަނަ ނަން ސަރުކާރުން ގަބޫލު ނުކުރާ ކަމަށް އިއުލާންކުރި އިރު ރައީސް ނަޝީދު ހުންނެވީ ނިއުޒިލެންޑުގައި ހިނގަމުންދާ އިންޓަރނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަންގައި ބައިވެރިވެވަޑައިގަތުމަށް ނިއުޒިލޭންޑުގައި ރާއްޖެއިން ބޭރުގައެވެ. މިކަމާއި ގުޅިގެން ކޮމަންވެލްތުން ދިވެހިރާއްޖެއަށް ކަނޑައަޅުއވާފައިވާ ސްޕެޝަލް އެންވޯއިއަށް އެތައް ނަންތަކެއް ހުށައަޅުއްވަމުން ގެންދެވިއެވެ.
ރައީސް ނަޝީދާ، ކޮމަންވެލްތު އަދި ސަރުކާރާ ދެމެދު އޮތް އެއްބަސްވުމަކީ ސަރުކާރަށް ގަބޫލުކުރެވޭ ނަމެއްވާނަމަ އެކަން މީޑިޔާއަށް ހާމަ ކުރުމުގެ ކުރިން ރައީސް ނަޝީދާ އެކަމާ މަޝްވަރާ ކުރައްވައި އެބޭފުޅަކާ މަޝްވަރާކުރެއްވުމަށް ފުރުޞަތު ރައީސް ނަޝީދަށް ދިނުމެވެ. އެހެންނަމަވެސް އެއްބަސް ވެވިފައިވާ ގޮތާ ސަރުކާރުން ޚިލާފުވެ، ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނަށް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން ސަރުކާރަށް އެއްބަސްވެވުނު ފަރާތުގެ ނަން ރައީސް ނަޝީދާ މަޝްވަރާކުރުމެއްނެތި މީޑިޔާތަކުގައި ޢާންމު ވެފައިވާތީ އެކަމާ މެދު ކަންބޮޑުވުންފާޅުކުރައްވައި ހިތްހަމަޖެހިވަޑައިނުގަންނަވާކަން ކޮމަންވެލްތާ ރައީސް ނަޝީދު މިއަދު ހިއްސާކުރެއްވިއެވެ.
ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
ތަރުޖަމާން
7777852