އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑު ރޫޅާނުލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފައިވަނިކޮށް ވެސް އެތަން ރޫޅާލުމުގެ މަސައްކަތް ފުލުހުން ކޮށްފިއެވެ.
އުސްފަސްގަނޑުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެތަން ރޫޅާލުމުގެ މަސައްކަތް ނުކުރުމަށް އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އަމުރުކޮށްފައެވެ. އަދި ޝާމިލްވާ އެންމެންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދަށް ހުރަސް އެޅޭނެ ފަދަ އެއްވެސް އަމަލެއް ވެސް ކޮށްގެންނުވާނެ ކަމަށެވެ.
އުސްފަސްގަނޑު ރޫޅާނުލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެމްޑީޕީން މިރޭ ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން މައްސަލަ ބެލުން ލަސްކުރުމަށް ބާޣީ ސަރުކާރުގެ ބަންޑާރަ ނައިބު ޢައިޝަތު އާޒިމާ ޝުކޫރު މަސައްކަތްކުރައްވާފައިވާ ކަމަށް ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރ އަދި މަޝްހޫރު ގާނޫނީ ވަކީލު އިބްރާހީމް އިސްމާއިލް (އިބުރާ) މިރޭ ވިދާޅުވިއެވެ.
ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އިބުރާ ވިދާޅުވީ އެންމެ ބޮޑު ހިތާމައަކީ އެމްޑީޕީން ކޯޓު އަމުރުތަކަށް ތަބާ ނުވާ ކަމަށް ބުނި މީހުން ގަދަކަމުން ސަރުކާރާ ހަވާލުވުމަށްފަހު، ކޯޓުގެ އަމުރުތަކަށް ތަބާނުވުން ކަމަށެވެ. އަދި ފުރަތަމަ ވެސް ބަންޑާރަ ނައިބުގެ މަގާމުގައި އެ ހުންނެވި ފަރާތުން މަސައްކަތް ކުރެއްވީ މިރޭ އެމްޑީޕީން ހުށަހެޅި މައްސަލަ ފުލުހުން އުސްފަސްގަނޑު ރޫޅާލާނޭ ކަމަށް ބުނެފައިވާ ގަޑީގެ ކުރިން ފެށިޔަ ނުދިނުން ކަމަށް އިބުރާ ވިދާޅުވިއެވެ. އެ ގޮތުން ދައުލަތުގެ ވަކީލު ކޯޓަށް ހާޒިރުވީ ވެސް ގަޑިޖެހިގެން ކަމަށާއި، އެއީ ފުލުހުންނަށް އުސްފަސްގަނޑު ރޫޅާލަން ފެށުމަށް ފުރުސަތު ދިނުމަށް ކަމަށް އިބުރާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން ވެސް އިބުރާ ވިދާޅުވީ “ހޯމް މިނިސްޓަރު ކަމުގައި މިހާރު ހުންނެވި ޖަމީލަކީ މިހާރުން މިހާރަށް ވެސް އިސްތިއުފާދޭންޖެހޭ މީހެއް” ކަމަށް ވިދާޅުވިއެވެ. އިބުރާ ވިދާޅުވީ ހޯމް މިނިސްޓްރީން ކަނޑައެޅިގެން ކޯޓަށް ގޮންޖަހައި، ޝަރީއަތަށް ގޮންޖަހަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކޯޓުން ވަކި ގޮތެއް ކަނޑައަޅުއްވަންދެން ހޯމް މިނިސްޓްރީއަށް ވެސް އުސްފަސްގަނޑަށް “އެއްވެސް ގޮތެއް” ހެދުމުގެ ބާރެއް ލިބިގެން ނުވާ ކަމަށް އިބުރާ މިރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުން ކޯޓުތަކުގެ ހުރުމަތްކަނޑާލާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ފަރާތްތަކަށް ރައްދުދެއްވަމުން އިބުރާ ވިދާޅުވީ ރާޅުގަނޑުގެ މައްސަލަ ވެސް އެކި ގޮތްގޮތަަށް ކޯޓުތަކުން އަނބުރަމުންދާއިރު ވެސް ކޯޓަށް ތަބާވުމުގެ ގޮތުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގުން މަޑު ޖައްސާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ “މި ސަރުކާރުގައި ޝަރުއީ ދާއިރާއަށް ހުރުމަތްތެރިކޮށް ހިތުމުގެ އެއްވެސް ސިފައެއް، ކުލައެއް ނެތް” ކަމަށެވެ.
އެމްޑީޕީ އޭދަފުށީ ދާއިރާގެ ރައީސާ އަދި ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީ ހިސާން ހުސައިން ވިދާޅުވީ މިރޭގެ މައްސަލަ ހިނގަމުން ދިޔަ އިރު، އުސްފަސްގަނޑުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުން ވެސް މަޑުޖައްސާލަން ދައުލަތުން އެދުނު ކަމަށާއި، އެހެން ނަމަވެސް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އުސްފަސްގަނޑުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ފުލުހުންނަށް ކޯޓުން ދީފައިވާ 48 ގަޑިއިރުގެ ބަލާފާސްކުރުމުގެ މުހުލަތު ހަމަވުމުން ފުލުހުން އެ ސަރަހައްދުން ނިކުންނަން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭ ކޯޓުން އުސްފަސްގަނޑު ރޫޅާނުލުމުގެ ވަގުތީ އަމުރު ނެރުމުގެ ކުރިން ވެސް އެ މައްސަލަ ހިނގަމުން ދަނިކޮށް، 10 ޖެހުމުގެ ކުރިން ކޯޓުން ވަނީ އެ މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން އުސްފަސްގަނޑު ރޫޅާލުމުގެ މަސައްކަތް ނުފެށުމަށް ދައުލަތަށް އަންގާފައި ކަމަށާއި އެހެން ނަމަވެސް އެ އަމުރަށް ކިޔަމަން ނުވެ ބާޣީ ސަރުކާރުން އުސްފަސްގަނޑު ރޫޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ގާޒީ ހާތިފް ހިލްމީ ބައްލަވާ މި މައްސަލާގައި ދައުލަތުގެ ވަކީލަކީ އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް އަހުމަދު އުޝާމްއެވެ. އެމްޑީޕީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އިބުރާ އާއި، ހިސާން އާއި ހަސަން ލަތީފް އަދި އަހުމަދު އަބްދުﷲ އަފީފް އެވެ.
އުސްފަސްގަނޑު ރޫޅާލުމާ ދެކޮޅަށް އެމްޑީޕީން ދަނީ އެ ސަރަހައްދުގައާއި، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރުއަނގޮޅީގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި 60 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވެސް ހިމެނެއެވެ.