އެމްޑީޕީގެ ފަރާތުން ދައުވާއުފުލާ އަދި ދައުވާ ލިބޭ މައްސަލަތަކުގައި ސޮއިކުރާނޭ ފަރާތްތައް ކަނޑައެޅުމުގެ ބާރު އިތުރު ފަރާތްތަކަކަށް ދީފި

ފޮޓޯ: މުޙައްމަދު ލުހުޝާން (ޔެލޯ ފޯރސް)

އެމްޑީޕީގެ ފަރާތުން ދައުވާއުފުލާ އަދި ދައުވާ ލިބޭ މައްސަލަތަކުގައި ސޮއިކުރާނޭ ފަރާތްތަކާއި އެ ޕާޓީ ތަމްސީލްކުރާނޭ ފަރާތްތައް ކަނޑައެޅުމުގެ ބާރު އިތުރު ފަރާތްތަކަކަށް ދީފިއެވެ.

އެމްޑީޕީން މިއަދު ބޮޑުތަކުރުފާނު މަގު، ހެންވޭރު ޓްރެކް ސަރަހައްދުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، ޤާނޫނީ ޝަޚުސްތަކާއި، އަމިއްލަ ފަރާތްތަކުގައި އެމްޑީޕީ ތަމްސީލް ކުރާނެ ފަރާތްތަކާއި އެކިއެކި ލިޔެކިޔުންތަކުގައި ސޮއި ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރު އެމްޑީޕީގެ ލީޑަރޝިޕަށާއި،ޤައުމީ މަޖިލީހުން އައްޔަންކުރާ އެމަޖިލީހުގެ މެންބަރުންގެ ތެރެއިން 2 މެންބަރަކަށް ލިބިގެންވާކަމަށެވެ.

“ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ދަޢުވާ އުފުލާ މައްސަލަތަކުގައާއި އެމްޑީޕީގެ މައްޗަށް ދަޢުވާ ލިބޭ މައްސަލަތަކުގައާއި، އަދި ހިނގަމުންދާ މައްސަލައެއްގައި އެމްޑީޕީގެ ފަރާތުން ތަދައްޚުލްވުމަށް ބޭނުންވާ ހާލަތްތަކުގައާއި އަދި މިނޫންވެސް ކަންކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި އެހެނިހެން ހުރިހާ ޝަރުޢީ ކޯޓުތަކާއި އަދި މިނޫންވެސް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، ޤާނޫނީ ޝަޚުސްތަކާއި، އަމިއްލަ ފަރާތްތަކުގައި އެމް.ޑީ.ޕީ ތަމްސީލް ކުރާނެ ފަރާތްތަކާއި އެކިއެކި ލިޔެކިޔުންތަކުގައި ސޮއި ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރު އެމް.ޑީ.ޕީގެ ޗެއަރޕާރސަނާއި އެމްޑީޕީގެ ރައީސްއާއި ނައިބުރައީސްއާއި، ޕާލިމަންޓަރީ ގްރޫޕުގެ ރައީސްއާއި، ޗެއަރޕާސަންގެ ނައިބު އިދާރީއާއި، ޗެއަރޕާސަން ނައިބު މާލީ އަދި ޤައުމީ މަޖިލީހުން އައްޔަންކުރާ އެމަޖިލީހުގެ މެންބަރުންގެ ތެރެއިން 2 މެންބަރަކަށް ލިބިގެންވާކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އިޤްރާރުވަމެވެ.” މިއަދު ފާސްކުރި ގަރާރުގައި ވެއެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހަޅުއްވައި، އެމްޑީޕީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް، އުތުރު ޕްރޮވިންސްގެ ރައީސް އަލީ ނިޔާޒް ތާއީދުކުރެއްވި މި ގަރާރު ފާސްވީ ގައުމީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން ގައުމީ މަޖިލީހުން ކަނޑައަޅާ 2 މެންބަރުންގެ ގޮތުގައި ހުށަހެޅުއްވި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ އާއި، އެމްޑީޕީ މެދު ޕްރޮވިންސްގެ ރައީސް އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބުގެ ނަންފުޅު ވަނީ ގައުމީ މަޖިލީހުގެ މި އަދުގެ ބައްދަލުވުމުގެ އިއްތިފާގުން ފާސްވެފައެވެ. މި 2 ބޭފުޅުންނަށް ވަކިވަކިން ވޯޓަށް އެއްސެވި އިރު، މާރިޔާގެ ނަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އީވާ ޢަބްދުﷲ އެވެ. ތާޢީދުކުރެއްވީ އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާހީމް އަޙުމަދު (މާލިމީ) އެވެ. މުޙައްމަދު ޝިޙާބުގެ ނަން ހުށަހެޅުއްވީ މާރިޔާ އަހްމަދު ދީދީ އެވެ. ތާޢީދުކުރެއްވީ އިމްތިޔާޒް ފަހުމީ އެވެ.