14.50 އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު 4 ޖަހާއިރު ހެންވޭރު ޓްރެކް ސަރަހައްދުގައި އޮންނާނޭ ކަމަށް އެ ޕާޓީން ބުނެފި
13.50 އުސްފަސްގަނޑުގައި ސިހުރު ހާހޫރު ހަދާ ކަމަށް ޝައްކުކޮށް ފުލުހުން އުސްފަސްގަނޑު ކޮންނަން ފަށައިފި ކަމަށް އެ ސަރަހައްދުގައި ހުރި އެމްޑީޕީގެ ރިޕޯޓަރު މައުލޫމާތުދޭ
13.45 ފުލުހުން ވަރަށް ހެނދުނުގެ ވަގުތެއްގައި އުސްފަސްގަނޑު ސަރަހައްދު ގެ މަގުތައް ބަންދުކޮށް އެތަން ހިސާރުކޮށްފި ކަމަށް. “ގާތްގަނޑަކަށް 8 ޖެހިއިރު ފުލުހުން އެތަނަށް ވަދެއްޖެ. އެމްޑީޕީ ބަޔަކަށް އެތަނަށް ވަދެވުނީ 9.30 ވެ ބޮޑުވި ފަހުން. އެހެން ވީމަ ބަޔަކު ވައްދަން ބޭނުން އެއްޗެއް އެ ދޮޅުގަޑިއެއްހާ އިރު ތެރޭ ވެއްދިފަ ހުންނަނީ.” ހިސާން ވިދާޅުވި
13.45 އިންތި ވިދާޅުވީ މަގުމަތީގައި ހިނގާ ބޮޑެތި ޖިނާއީ ކުށްތައް ކަމަށްވާ ވައްކަމާއި ފޭރުމާއި މާރާމާރީ ހުއްޓުވުމަށް ސަމާލުކަން ނުދީ ފުލުހުންގެ ސީރިއަސް އޮގަނައިޒްޑް ކްރައިމް ޔުނިޓުން ޖަންގަލީގެ އުސޫލުން، ކާޅުގެ އުސޫލުން އެމްޑީޕީއާ ޖައްސާލައި، އެ ޕާޓީ ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް
13.40 ހިސާން ވިދާޅުވީ ބަލައި ފާސްކުރުމުގެ އަމުރުގައި ހެކި ހުށަހަޅާފައިވަނީ މާކުރިން ހިނގާފައިވާ ކަމަށް ފުލުހުން ބުނާ ކަންތައްތަކެއް ކަމަށް ވިދާޅުވި. އަދި ސަރޗްވަރަންޓް (ބަލައި ފާސްކުރުމުގެ އަމުރު) ދީފައިވަނީ ތަން ރޫޅާލާކަށް، މުދާ ފޭރިގަނެގެން ގެންދާކަށް ނޫން ކަމުގައި އޭނާ ވިދާޅުވި. އަދި ބަލައި ފާސްކުރިއިރު ފެނުނު ކަމަށް މައުލޫމާތު ލިބިފައިވަނީ ކަތުރަކާއި، ފޮއިލް އާއި، ދުންދަނޑި ޖަހާފައި ހުރި ދަޅަކާއި ހޮޅިތަކެއް ކަމަށް ހިސާން ވިދާޅުވި. އަދި ފުލުހުން އަމަލުކޮށްފައިވަނީ އަމަލުކުރަންޖެހޭ ޕްރޮސީޖާއާ އެއް ގޮތަށް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި. އެ ގޮތުން އެތަނަށް ވަދެގަތުމުގެ ކުރިން ކޯޓު އަމުރު ރަސްމީކޮށް އެމްޑީޕީއަށް ދައްކަން ޖެޙޭނޭ ކަމަށާއި، އެހެން ނަމަވެސް ކޯޓު އަމުރު “އެމްޑީޕީއަށް ސާރވްކޮށްފައެއް ނެތް” ކަމަށް ހިސާން ވިދާޅުވި
13.35 “ކާޅުގެ އުސޫލުން އައިސް އުސްފަސްގަނޑު ބަލައި ފާސްކޮށް، އެތަނުގައިހުރި ތަކެއްޗަށް ގެއްލުންދީ ހަދާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން” އިންތި ވިދާޅުވި. ބާޣީ ސަރުކާރުގައި ހިމެނެނީ އަނިޔާވެރިކަމުގެ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށާއި، ދުންފިނި ހަރުގެ ރޫޅާލީވެސް މިހާރުގެ ޑިފެންސް މިނިސްޓަރުކަމަށް އިސްވެގެން ހުރި މީހާ އިސްވެ ހުރެގެން ކަމަށް އިންތި ވިދާޅުވި. އަދި އެއީ ބަޣާވާތުގެ ވެރިން އެމްޑީޕީގެ ހަރަކާތްތައް ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތް ކަމަށް ވިދާޅުވި.
13.30 އެމްޑީޕީގެ ނޫސް ކޮންފަރެންސެއް އެ ޕާޓީގެ މައި އޮފީހުގައި ފެށިއްޖެ. މި ނޫސް ކޮންފަރެންސްގައި މައުލޫމާތުދެއްވަނީ އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އާއި، އެމްޑީޕީ އޭދަފުށީ ދާއިރާގެ ރައީސާ ހިސާން ހުސައިން.
13.00 ބާޣީ ސަރުކާރުގެ ފުލުހުން އުސްފަސްގަނޑު ސަރަހައްދު ބޮޑު ތަކުރުފާނު މަގުގައި ކޭމްޕް ޖަހައިފި
12.20 އެމްޑީޕީން އަދިވެސް ދަނީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ބާޣީ ސަރުކާރުން ހުރަސްއަޅަމުންދާތީ ޓްރެކް ސަރަހައްދުގައި މުޒާހަރާ ކުރަމުން. މި މުޒާހަރާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އުސްފަސްގަނޑުގެ ބެލެނިވެރި ފަރާތް ކަމުގައިވާ މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ
12.00 ހެކީގެ ގޮތުގައި ހޯދި ތަކެތީގެ ތެރޭގައި ގިނައީ އެމްޑީޕީން ބެންޗާއި، ޖޯލި އަދި ކާޅުކޮށި ފަދަ ތަކެތި ހަދަން ގެންގުޅުނު ދަގަނޑު ހޮޅި
11.35 ފުލުހުންނަށް ދީފައިވާ ކޯޓުއަމުރަށް ސިފައިން އުސްފަސްގަނޑަށް އަރައިގެން ނުވާނޭ ކަމަށާއި، ފުލުހުންގެ މަސައްކަތެއްގައި ސިފައިންނަށް ބައިވެރިވެވޭނީ ފުލުހުންނަށް އެކަމެއް ނުވުމުން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ސަމީރު ޓުވިޓާގައި ވިދާޅުވެއްޖެ
11.20 ހެކީގެ ގޮތުގައި ފެނުނު ކަމަށް ބުނާ ތަކެތި ނަގަން ފަށައިފި ކަމަށް ހަބަރު ލިބޭ. 21 ތަނެއްގައި ދިދަ ޖަހާފައިވާ ކަމަށްވޭ
11.10 ދެވަނަ ކޮންޓެއިނަރ ހުޅުވީ ތަޅޔހަލާކުކޮށްލައިގެން ކަމަށް މައުލޫމާތު ލިބޭ. އެތަނުން ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ނުފެންނަ ކަމަށްވޭ. އުސްފަސްގަނޑުގައި ބާޣީ ސަރުކާރުގެ ފުލުހުންނަށް ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުން
10.45 ކޮންޓެއިނަރތައް ޗެކްކޮށް ނިމިއްޖެ. އަދި ބަލާފާސްކުރުން ނިންމުމަށްފަހު އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުން ނިންމާފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނޭ
10.40 ޗެކްކުރަން ފެށީ ސުނާމީ ބިނާއާ ދިމާލުން ކަމަށާއި، ދަގަނޑުކޮޅެއް ފެނުނަސް ފާޑެއްގެ ދިދައެއް ޖަހަމުންދާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ އެމްޑީޕީ ވެބްސައިޓްގެ ރިޕޯޓަރު ބުނޭ. ބޯ ވިއްސާރައިގައި އެމްޑީޕީގެ ސަޕޯޓަރުން ދަނީ އެ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ކުރިމަތީގައި ބާޣީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކުރަމުން
10.30 ބޯކޮށް ވާރޭ ވެހެމުންދާއިރު ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހުރި 2 ކޮންޓެއިނަރުތެރެ ޗެކްކުރަމުން
10.15 އުސްފަސްގަނޑު ބަލާފާސްކުރުން ކުރިޔަށްދާއިރު އެ ސަރަހައްދުގައި އެމްޑީޕީން ދަނީ މުޒާހަރާކުރަމުން
9.55 މި ސަރަހައްދު ފާސްކުރުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ޑްރަގް އެންފޯރސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން. އަދި ފުލުހުންނަށް ފެންނަ ބައެއް ތަކެތި ހުރި ސަރަހައްދު ކަމަށް ބުނާ ސަރަހައްދުތަކުގައި ރަތް ދިދަ އެއް ޖަހަމުންދާ ކަމަށް މައުލޫމާތު ލިބޭ. އެ ގޮތުން 10 ތަނެއްގައި ދިދަ ޖަހާފައިވާ ކަމަށް ވެސް ދަނީ މައުލޫމާތު ލިބެމުން
9.40 ބަލާ ފާސްކުރާ ސަރަހައްދާ ނޫސްވެރިން ގާތްވުމަށް ފުލުހުން ހުރަސް އަޅަމުން އެބަދޭ
9.30 ބާޣީ ސަރުކާރުގެ ފުލުހުންގެ 60 އަށްވުރެ ގިނަ މީހުން އުސްފަސްގަނޑު ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވާ އިރު، ފުލުހުންގެ ޑައިވަރުންވެސް ހަރަކާތްތެރިވާ ކަމަށް އެ ސަރަހައްދުގައި ހުރި އެމްޑީޕީގެ މުރާސިލް މައުލުމާތުދޭ
9.20 އިންސާފަށް ލޯބިކުރާ ހުރިހާ ރައްޔިތުން އުސްފަސްގަނޑު ސަރަހައްދަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
9.10 އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން އެހެން ބައެއް މެންބަރުންނާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވެސް އެ ސަރަހައްދުގައި އެބަތިއްބެވި
8.40 އިއްޔެ ލިބުނު ކޯޓު އަމުރަކަށް މިއަދު ފުލުހުން އެތަން ބަލާ ފާސްކުރުން ކީއްވެތޯ މާރިޔާ ފުލުހުންނާ ސުވާލުކުރެއްވި
8.30 ކޯޓު އަމުރު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 3.15 ގައި ނަމަވެސް އެ ސަރަހައްދަށް ފުލުހުން ގޮސްފައިވަނީ މިއަދު ހެނދުނު. ކޯޓު އަމުރުގައިވަނީ ހަމައެކަނި އެތަން ބަލާ ފާސްކުރުމުގެ ހުއްދަ. ފުލުހުން ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީއަށް ކޯޓުއަމުރުގެ ކޮޕީއެއް އަރުވާފައި
8.15 ސްޓެލްކޯއާ ހަމައަށް އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި
7.55 އުސްފަސްގަނޑުގައި އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި، އެ ޕާޓީގެ މެންބަރުން ދަނީ ހަރަކާތްތެރިވަމުން
7.30 މާލެ ސިޓީ ކައުންސިލުން ޖޫންމަހުގެ ނިޔަލަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދޫކޮށްފައިވާ އުސްފަސްގަނޑަށް ބާޣީ ސަރުކާރުގެ ފުލުހުން އަރައިފި