ރިޔާސީ ޕްރައިމަރީ އާއި ޗެއަރޕާސަން އިންތިހާބުގައި ވޯޓުލެވޭނީ އެޕްރީލް 12 އާއި ހަމައަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް

ޖޫން 16 ގައި އޮންނަ އެމްޑީޕީ އިންތިހާބުތަކުގެ ތެރެއިން ރިޔާސީ ޕްރައިމަރީ އަށާއި، ޗެއަރޕާސަން އިންތިހާބުގައި ވޯޓުލެވޭނީ އެޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4 އާއި ހަމައަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް މި ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އިންތިޚާބުތަކާއި ބެހޭ ކަންތައް ވިލަރެސްކުރުމުގައި ޕާޓީގެ ސެކްރެޓޭރިއަޓްގައި ހަރަކާތްތެރިވެލައްވާ ފޯކަލް ޕޮއިންޓް އަކްރަމް މިއަދު ވިދާޅުވީ ޖޫން 16 ގައި އޮންނަ 7 އިންތިހާބުގައި 16 ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަމަށާއި، މިއިންތިހާބު ތަކުގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިޔަށްދާނެކަމަށެވެ. އަދި ވޯޓުލުމަށް ޓަކައި 260 ވޯޓު ފޮށި ބަހައްޓާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެފޮށި ތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ހާހަކަށް ވުރެ ގިނަ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތް ތެރިވާނެކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީއާއި ޗެއަރޕާސަން އިންތިހާބުގެ އިތުރުން އެދުވަހު ބޭވުމަށް ހަމަޖެހިފައިވާ އިތުރު އިންތިހާބުތަކަކީ ޗެއަރޕާސަންގެ ނާއިބު އިދާރީ އާއި، ދާއިރާ ރައީސް އަދި ދާއިރާގެ ނައިބު ރައީސްގެ އިންތިހާބާއި، ދާއިރާގެ ސެކްރެޓަރީން އަދި ސެކްރެޓަރީންގެ ނާއިބުންގެ އިންތިހާބެވެ.

މި އިންތިހާބު ތަކުގައި ވޯޓުލެވޭނެ މެމްބަރުން އެމްޑީޕީގެ ރަސްމީ ވެބް ސައިޓުންނާއި ޕާޓީގެ މައި އިދާރާއިން މިހާރު ސާފުކުރެވޭނެއެވެ. އަދި މި އިންތިހާބު ތަކުގައި ވޯޓުލުމަށް ވީހާވެސް ގިނަ މެމްބަރުން ނިކުތުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.