އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޓީމެއް މިއަދު އައްޑޫއަށް ފުރައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީ (ޕޮލިސީ ކޮމިޓީ)ގެ ޓީމެއް މިއަދު ހެނދުނު އައްޑޫ ސިޓީއަށް ފުރައިފިއެވެ.

3 މެންބަރުންގެ މައްޗަށް އެކުލެވޭ މި ޓީމް މިހަފްތާގެ ނިޔަލަށް އައްޑޫ ސިޓީއަށް ކުރާ ޒިޔާރަތުގައި އެމްޑީޕީގެ ސިޔާސަތު އެކުލަވާލުމާ ބެހޭ 3 ވޯރކްޝޮޕެއް ބޭއްވުމުގެ އިތުރުން އެމްޑީޕީގެ މެނިފެސްޓޯ އަލުންއެކުލަވާލުމަށް އާންމުންގެ ހިޔާލު ހޯދުމަށް ސަރވޭއެއް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މި ދަތުރުގައި އެ ޕާޓީގެ ސިޔާސަތު އެކުލަވާލުމާ ބެހޭ ވޯރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ އާއި މަރަދޫފޭދޫ އަދި ހުޅުމީދޫގައެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ދޮރުންދޮރަށް ހިނގައި، އެމްޑީޕީ ސަރުކާރުގެ ވައުދުތަކާއި، ސިޔާސަތުތަކާ މެދު އާންމުންގެ ޚިޔާލުހޯދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިދަތުރުގައި އިސްކޮށް ވަޑައިގަންނަވާ ޕޮލިސީ ކޮމިޓީގެ މުޤައްރިރު އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ސިވިލްއޭވިއޭޝަން މިނިސްޓަރ މަޙްމޫދު ރާޒީ ވިދާޅުވިއެވެ.

އެމްޑީޕީ ޕޮލިސީ ކޮމިޓީން މިހާތަނަށް މިފަދަ 2 ބައްދަލުވުމެއް ޏ.ފުވައްމުލަކާއި، ބ.ތުޅާދޫގައި ހިންގާފައިވެއެވެ. އަދި އެ ބައްދަލުވުންތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފައެވެ.

އެހެން ޕާޓީތަކާއި ޚިލާފަށް އެމްޑީޕީ ފާހަގަކުރެވިފައިވަނީ އާންމު ރައްޔިތުންނާ ވަރަށް ކައިރިން މަސައްކަތް ކުރާ، އަދި ދޮރުންދޮރަށް ހިނގައި، ރައްޔިތުންގެ އަޑުއެހުމަށްފަހު ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަންދީގެން އެ ޕާޓީގެ ސިޔާސަތު އެކުލަވަމުންދާ ޕާޓީއެއްގެ ގޮތުގައެވެ.

އެމްޑީޕީގެ މި ދަތުރުގައި ޕޮލިސީ ކޮމިޓީގެ މުގައްރިރު މަހުމޫދު ރާޒީގެ އިތުރުން އެ ކޮމިޓީގެ މެންބަރު އަލީ އަޒުވަރު، އަދި އެމްޑީޕީގެ މެންބަރު ޖުވޭރިއްޔާ ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.