ކައިރިން ދުށްތަން ދޮގެއް ނުކުރެވޭނެ (ހަތަރުވަނަ ބައި)

ފުނަމާ

ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމުންގެ ނަމުގައި ދިރިއުޅެމުން ގެންދާ ބައެކެވެ. ނަމާދުކުރާނެ މިސްކިތެއް ނެތް ރަށެއް މިގައުމަކު މީހުން ދިރިއުޅޭނަމަ ގައިމުވެސް ނުހުންނާނެއެވެ. މިފަހަކަށް އައިސް ހުރިހައި ރިސޯޓު ތަކުގަޔާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައިވެސް މިސްކިތްތަކެއް މިވަނީ ގާއިމު ކުރެވިފައެވެ.

ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އިސްލާމީ އުސޫލުތައް ބޭނުންކުރާ ކަމުގައި ބުނެއުޅޭއިރު އަޅުގަނޑުމެންގެ ތެރޭގައި އުފަންދުވަސް ފާހަގަ ކުރުމާއި ވެލަންޓައިންސްޑޭ، އެޕްރީލް ފޫލް ފަދަ ދުވަސްތައްވެސް ފާހަގަ ކުރެވޭތީ ފެނެއެވެ. މިއަށްވުރެ ބޮޑަށް މުޅި ރާއްޖޭގެ ވަކިރަށްތަކެއް މުޅީން ޖަރީކޮށް ކްރިސްމަސް ފާހަގަ ކުރަމުން ގެންދާތާވެސް ލައްކަ ޒަމާން ވެއްޖެއެވެ. އެހެން ނަމަވެސް މިގައުމަކީ ހަމަ ކުރީން ދެންނެވި ފަދައިން ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ.

އިސްލާމް ދީނުގައި ޙައްދު ގާއިމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ހުރިހައި ފާފަތަކެއް ދިވެހީންގެ ތެރޭގައި ނުހިނގާ ކަމުގައި ދަންނަވައިފިނަމަ އެވާނީ ކުށަކަށެވެ. ތެދެކެވެ. އިންސާނުންނަކީ ކުށްކުރެވޭ ބައެކެވެ. ބޮޑެތި ކުށާއި ކުދި ކުށްތަކެވެ. މިފަދަ ކުށްތައް ކުރެވުމުން ތައުބާވެ އަމިއްލަ ނަފްސު އިސްލާޙު ކުރުމުގެ ދޮރުވަނީ ﷲގެ ދީލަތި ވަންތަ ކަމުން ހުޅުވާ ދެއްވާފައެވެ. އެއިލާހަށް ޝިރުކު ކުރުން ފިޔަވައި ކޮންމެ ކުށަކަށް ތައުބާ ދެއްވައެވެ.

އިސްލާމް ދީނޭ، ޝަރީޢަތޭ ކިޔަކަސް ދީނުގައި ކަނޑައެޅިފައިވާ ހައްދުތައް މިގައުމުގައި ގާއިމް ކުރެވެމަކުން ނުދެއެވެ. އަތްކެނޑުމާ ރަޖަމު ކުރުންފަދަ ކަންކަމަކީ މިގައުމުގައި ތަންފީޒު ކުރެވެމުންދާ ހައްދުތަކެއް ނޫނެވެ. މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ތަސައްރަފު ފުދިފައިވާ ޖޫޑިޝަރީއެއްވެސް މިގައުމަކު ގައިމުވެސް ނެތެވެ. ފަނޑިޔާރުން ޝަރީޢަތްތައް ނިންމާ ގޮތުން އިސްލާމީ ޝަރީޢަތައް މަލާމާތް ކުރަމުން ގެންދަނީ ކަމުގައި ބުނެވޭލެއްވެސް މަދެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި އަނބިމީހާ ވަރިއަށްއެދި ކޯޓަށް ހުށައަޅާ ކިތަންމެ މައްސަލައެއް ބަލަންހުންނަ ގާޟީ އެއްކަލަ އަނބި ގޮއްޔެ ގޮވައިގެން އޮށްވާ ފެންނަ ވާހަކަވެސް އާންމުވެފައި އެބަހުއްޓެވެ. މައްސަލަ ތަކުގައި ހިމެނޭ ޚަސްމުންގެ އަތުން ނާޖާއިޒު ގޮތުގައި ރިޝްވަތު ހިފައި މައްސަލަތައް އެކޮޅުކޮޅުން ޖަހާލާ ކަމުގައި މާކުރީއްސުރެވެސް ދެކެވޭ ވާހަކަ ތަކަކީ ގައިމުވެސް އެކަމުގައި ހަގީގަތްތަކެއް ވާތީވެ ދެކެވޭ ވާހަކަ ތަކެކެވެ. ތިން ގާޟިން ކުރެ ދެ ގާޟީ ނަރަކަޔަށޭ ބުނެވޭ އަޑުވެސް އިވޭތާއެވެ.

ކޮންމެއަކަސް ސައްތައިން ސައްތަ މުސްލިމުން ކަމުގައި އަޅުގަނޑުމެން ދަޢުވާ ކުރަމުން ގެންދާއިރު ލަދުން ހަލާކުވާ މިންވަރަށް ފާޙިޝް ކަންކަން ކުރުން މިގައުމުގައި ވަނީ އާންމު ވެފައެވެ. ހަށިވިއްކުމާ ވައްކަންކުރުން، މީހުންމެރުން، ފޭރުން ނޫނަސް ގިނަގުނަ ކުށްތައް މިގައުމުގައި ވަނީ އާންމު ވެފައެވެ. ނާޖާއިޒު ގޮތުގައި ދަރީންވިހައި މެރުމަކީ ނުވަތަ އެއްލައި ލުމަކީ އާންމު ކަމެއް ކަމުގައި ބުނެވޭ މިންވަރަށް އެކަންވެސް ވަނީ އިތުރުވެފައެވެ. މިއަދު މިގައުމުގައި ކައިވެނީގެ ކުރީން ބަލިވެ އިނދެ ކައިވެނި ކުރުމާއި އެގޮތުގައި ބަލިވެ އިނދެ އެބޯޝަން ހަދައި ދަރި ވަށްޓާލުމަކީ އެންމެ އާދައިގެ ކަމެއް ކަމުގައި ވެފައިވާކަމީ މިގައުމުގެ ރައްޔިތުން ލަދުގަންނާން ޖެހޭނެ ކަމެކެވެ. ބައެއްފަހަރަށް މިކަންކަމަކީ މިހާރުގެ ތަހުޒީބީ އަމަލެއް ކަމުގައިވެސް ދެކެމުންދާހެން ހީވެއެވެ. މަސްތުވާ ތަކެތީގެ ވަބާގައި މުޅިގައުމުޖެހި މިވަނީ ޚަރާބު ވެފައެވެ.

ވަރިއަކީ ﷲތަޢާލާ ހުއްދަ ކުރެއްވި ކަންކަމުގެ ތެރެއިން އެންމެ ނުރުއްސަވާ ކަމެއްގެ ގޮތުގައި އަންގަވާފައިވާ ކަމެކެވެ. ނަމަވެސް ދިވެހީން މިކަމުގައި ވަނީ ދުނިޔޭގެ ރެކޯޑަށް އަރާފައެވެ. ނިސްބަތުން އެންމެ ވަރިގިނަ ގައުމެއްގެ ގޮތުގައި ގައިމުވެސް މިސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ދިވެހިރާއްޖެ ހިމެނޭނެއެވެ.

ކުރީން ދެންނެވި ފަދައިން ނާޖާއިޒު ގޮތުގައި ލިބޭ ދަރީންނާއި، ދެމަފިރީން ވަރިވުމުގެ ސަބަބުން ނިކަމެތިވެފައިވާ އެތަކެއް ދަރީން މިފަސްމަތީގައި ދަނީ އުޅެމުންނެވެ. އެދަރީންގެ އެއްވެސް ކުށެއް ނެތިއެވެ. ހަމައެހެންމެ މައިމީހާ، ނުވަތަ ބަފައިމީހާ ނުވަތަ، މިދެމީހުން އެކުގައި މަރުވެ ޔަތީމުވެ މިސްކީނުވެފައިވާ ކިތަންމެ ދަރީންނެއްވެސް މިފަސްމަތީގައި އެބަތިއްބެވެ. މިގައުމުގެ ކޮންމެ ރައްޔިތެއްގެ ބަލަދުވެރިޔަކީ އެއިރެއްގައި ގައުމުގައި އޮންނަ ސަރުކާރު ކަމުގައި ވާއިރު މުޖުތަމައުގައި ހާލުގައި ޖެހިފައިވާ މިފަދަ ދަރީންނާއި ބިކަވެފައިވާ މައިންނާއި ، ބަފައިންނަށް އަޅާލެވޭނެ ނިޒާމެއް މިގައުމުގައި ދާދި ފަހަކާ ޖެހެންދެންވެސް ނެތެވެ. މައެއް ބަފައެއްގެ އަޅާލުމެއް ނެތި އެތަކެއް ދަރީން މަގުއޮޅި މަގުތަކުގެ މަތީގައި އުޅެމުން ގެންދާއިރު އެކަމާ ވާހަކަ ދެއްކުން ފިޔަވައި އެހެންކަމެއް ކުރާތަނެއް ނުފެނި އެތަކެއް ޒަމާން ފާއިތުވެވަނީ ގޮސްފައެވެ. ދައުލަތަށް ލިބޭ ކުރިއެރުމަކުން ތަނަވަސް ކަމަކުން މިއިން ދަރިއަކަށް މަަޔަކަށް ބަފަޔަކަށް ކުރާ ރާހަތެއް އަމުދުން ނުފެނުނެވެ.

ނާޖާއިޒު ގޮތުގައި އުފަންވާ ދަރީންނަކީ ކޮންމެހެންނަކުން ބައެއްގެ އަޅާލުމެއް ބޭނުންވާ ބައެއްކަމުގައި މިމުޖުތަމައުގެ ގިނަބަޔަކު މިއަދުވެސް ނުދެކެއެވެ. ނަމަވެސް އެދަރީންގެ ކުށަކީ ކޮބައިކަން ބުނެދޭން އެނގޭނޭ ހަމައެކަކުވެސް މިގައުމަކު ނޫޅޭނެއެވެ. މުޖުތަމައުގެ ނަޝާއާއި މަސްތުގައި ޖެހިގެން ދުނިޔެއަށް އުފަންކުރާ މިފަދަ ދަރީންނަށް ތިމާގެ ވާރިސަކީ ކޮބައިކަން ނޭނގޭ ހާލުގައި އެއްވެސް މީހެއްގެ އެހީތެރިކަމެއް ލޯތްބެއް ނުލިބި ބޮޑެތިވެ ދާއިރު އެއީވެސް މިގައުމުގެ ރައްޔިތުންނޭ ނޫނީ ބުނެވޭނެ ގޮތެއް ނޯވެއެވެ. ލޯބީގެ މަސްތުގައި ޖައްސައި ގެއްލުވާލާ އިއްފަތް ތެރިކަމާއެކު ދުނިޔެއަށް ބޭޒާރުވެ އާޚިރަތުގެ އަޒާބަށް ހުށައެޅޭ ކިތަންމެ މައިންނެއް މިގައުމުގެ ރައްޔިތުންގެ ގޮތުގައި އެތިބީ ފެންނާށެވެ. ކަމަކީ ކިތަންމެ ނުބައި ކަމެއް ނަމަވެސް މިގައުމުގައި މިކަންމިވަނީ ހުއްދަ ކަމެއް ފަދައިން އާންމުވެފައެވެ. ދީނުގައި ކަނޑައެޅިފައިވާ ހައްދުތަކެއް ގާއިމުކުރެވޭތީއެއް ނުފެނެއެވެ.

ކަންމިހެން އޮތްއިރު އެތަކެއް ޒަމާންވަންދެން ނިކަމެތިވެފައިވާ މިދެންނެވި ހުރިހައި ގިންތިއެއްގެ ދަރީންނާއި މައިންނާއި، ބަފައިންނަކީވެސް މިމުޖުތަމައުގެ ބައެއް ކަމުގައި ދެކިގެން އެމީހުންނަށް ދައުލަތުގެ ފަރާތުން އިނާޔަތެއް ދެއްވަން ފެއްޓެވީ ކޮންއިރަކުތޯ ކޮންމެ މީހަކު ސުވާލު ކުރިނަމަވެސް ދޭންއޮތް ޖަވާބު ވަރަށް ސާފެވެ. މުޖުތަމައުގައި ތިބި މިފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީތެރިކަމެއް ދެއްވަން ފެއްޓެވީ މިދައުރުގެ އިންތިޚާބީ ރައީސް އަދި، އެމްޑީޕީގެ އެންމެއިސް ލީޑަރ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އެމްޑީޕީގެ ވެރިކަމުގައެވެ. މިއީ ހަމަޔަގީނުންވެސް ލޮލުންދުށްތަނެވެ. އަތުންހިފި ތަނެވެ. ދޮގެއް ނުކުރެވޭނެއެވެ.