ކައިރިން ދުށްތަން ދޮގެއް ނުކުރެވޭނެ (ތިންވަނަ ބައި)

ފުނަމާ

ދިވެހީނަކީ ކުރީ ޒަމާނުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކާއި ވަރަށް އެކަހެރިކޮށް އުޅެން ޖެހުނު ބައެކެވެ. ކުރީ ޒަމާނުގައި ދަތުރ ފަތުރު ކުރުމުގެ ނިޒާމް އޮތްގޮތުން ރާއްޖެއަށް އައިސްއުޅޭ ބިދޭސީންނާއި ، ރާއްޖެއިން ބޭރަށް ގޮސްއުޅޭ މީހުންގެ އަދަދަކީ ނިސްބަތުން ވަރަށް މަދު އަދަދެއް ކަމުގައި ތާރީޚީ ހެކިތަކުގެ މަށްޗަށް ބިނާކޮށް ދެންނެވިދާނެއެވެ. މީގެ ހެއްކެއްގެ ގޮތުން ދުނިޔޭގެ ޗާޓުގައި ރާއްޖެ ފާހަގަ ކުރެވި އާންމު ކުރެވިފައި ވަނީވެސް މިއަދު ދިރިތިބި އެތަކެއް މީހުންގެވެސް ހަނދާނުގައެވެ.

އަންޒަމާނުގައިވެސް ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރި ބައެއް ނާފަހަރު ރާއްޖެއަށް އާދެވި ބައެއްފަހަރު ޗާޓުތަކުން ފާހަގަ ނުކުރެވިވާ މިޖަޒީރާ ރަށްތަކުގެ ފަރުތަކަށް އުރި މިފަދަ ކިތަންމެ ހާދިސާތަކެއް ހިނގާފައިވެސް ވެއެވެ. ހަމައެހެންމެ އެޒަމާނުގެ ދަތުރު، ފަތުރު ހުންނަގޮތުން ދިވެހީންވެސް މަދުން ނަމަވެސް ބެހިގެން ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް ގޮސްފައިވެއެވެ. ނަމަވެސް ފާއިތުވި ގަރުނެއްހައި ދުވަހަށް ބަލާލާއިރު ރާއްޖެއިން ބޭރަށާއި ރާއްޖެއަށް ދަތުރު، ފަތުރު ކުރުން ދިޔައީ އިތުރުވެ އަދި ކުރިއަރަމުންނެވެ.

ރާއްޖެއަކީ ކިތަންމެ ވައިފެން ސާފު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަވެސް ދިވެހީންގެ ތެރޭގައިވެސް ތަފާތު ރޯގާގަކާއި ބަލިމަޑުކަން އަބަދުވެސް އޮވެއެވެ. ނަމަވެސް ކުރީޒަމާނުގައި މިފަދަ ބަލިމަޑުކަމަށް ފަރުވާ ދެވެމުންދިޔައީ ދިވެހި ބޭސްވެރި ކަމުގެ ޒަރީޢާއިންނެވެ. ނަމަވެސް ބޭސްވެރި ކަމުގެ އިތުރުން ބޮޑުދުމާ ހިނގުމާ ފަންޑިތަ ވެރިކަމަކީ ދިވެހީންގެ ސަގާފަތާއި ގުޅިފައިވާ ކަމެކެވެ. ބަލިބައްޔަށް ފަރުވާ ހޯދުމުގައެވެ. ރަށެއްގައި ރޯގާއެއް އާންމުވެ ފެތުރެން ފަށައިފިނަމަ އެރަށެއްގައި ރަސްމީ ފެންވަރެއްގައި ބޮޑުދުމާ ހިނގުން އޮވެއެވެ. ސޮލަވާތް ފާތިޙާ ކިޔެވުމާއި ބޮޑުތަކުބީރު ކިއުމާއި ދުޢާ ދެންނެވުން ހިމެނޭ ގޮތެއްގައެވެ. މީގެ އިތުރުން ކަންވެރީންގެ ކައިރީން އެކިއެކި ބަލިބައްޔަށް ފަންޑިތަ ހެދުމަކީ ބޭސްވެރިކަމަށްވުރެ ދިވެހީގެ ތެރޭގައި މާއިތުބާރު ގޮތެއް ކަމުގައި ބެލެވިފައި އޮތް އޮތުން ފާހަގަ ކޮށްލަމެވެ. މިއަދުގެ މިތަހުޒީބު ޒަމާނުގައިވެސް މިކަމަކީ (ފަންޑިތަ ވެރިކަމަކީ ) ދިވެހީންގެ ތެރެއިން މުޅީން ފޮހެވިފައިވާ ކަމެއް ނޫނެވެ.

ގައިންގަޔަށް އަރާ ޖުޒާމް ބައްޔާއި ، ފައިފަލަ ބަލި އަދި ، ކެއްސުން ބަލިފަދަ ބަލިތައް ޖެހިފައިވާ މީހުން އެކަހެރިކޮށް ވަލަށްލައި ބޭއްވި ޒަމާނެއްވެސް މިގައުމުގައި އޮތެވެ. އެދުވަހު އެނޫން ހައްލެއް ފެންނާން ނެތަތީ ކަމުގައި ދެންނެވި ދާނެއެވެ. ދިވެހީންގެ ތެރޭގައި ޑޮކްޓަރީ ބޭހުގެ ޝައުގުވެރިކަން އުފެދިގެން އައީ އައްޑޫ ސިޓީގެ ގަމުގައި ގާއިމުކުރެވުނު މިލިޓަރީ ހޮސްޕިޓަލުތަކުގެ ސަބަބުން ކަމުގައި ގިނަބަޔަކު އެއްބަސް ވެއެވެ. އެއަށްފަހު މާލޭގެ ހަކުރާގޭގައި ސަރުކާރުން ހިންގާންފެށި ސިއްޙީ މަރުކަޒު ނުވަތަ އެޒަމާނުގެ ހަސްފަތާލުން ފެށިގެން ޒަމާނީ ބޭސްފަރުވާ މިގައުމުގައި ދިޔައީ މަޑުމަޑުން ކުރިއަރަމުންނެވެ. ކުރީން ރަނގަޅު ނުވާނެ ކަމުގައި ހީކުރެވުނު ކިތަންމެ ބައްޔަކަށް ފަރުވާ ކުރެވި ރަނގަޅުވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މިޚިދުމަތް ފުޅާކުރެވި މިއަދު މިގައުމުގައި ދުނިޔޭގެ މޮޅެތި ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުންވެސް އެގެންދަވަނީ ސަރުކާރުގެ ސިއްޙީ ދާއިރާއާއި ޕްރައިވެޓް ހޮސްޕިޓަލް އަދި ކުލިނިކުތަކާއި ، މަރުކަޒު ތަކުގައި މަސައްކަތް ކުރަށްވަމުންނެވެ.

ކޮންމެ ޚިދުމަތެއްވެސް ޒަމާނާ އެއްގޮތަށް ކުރިއެރުވޭނީ އެޚިދުމަތެއް ކުރިއެރުވުމަށް ބޭނުންވާ ފައިސާ ލިބިގެން ކަމުގައި ވުމާއެކު މިއަދު މިރާއްޖޭގައި ސިއްޙީ ޚިދުމަތަށް ކުރާންޖެހޭ ޚަރަދުތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދިވެހި ރާއްޖެއިން ލިބޭންނެތް ބައެއް ފަރުވާ ހޯދުމަށް ކައިރި އަވަށްޓެރި ގައުމުތަކަށް ކުރާންޖެހޭ ދަތުރުތައްވެސް އިތުރުވުމާ އެކުގައެވެ. ކަންމިހެން އޮތުމާއެކު ދިވެހީންގެ ތެރެއިން އެންމެ މަތީ ފަންތީގައި ދިރިއުޅޭ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ދާދިފަހާ ޖެހެންދެން އަބަދުވެސް ޖެހިފައި އޮންނަނީ ސަރުކާރާއި މުއްސަތީންގެ ކައިރީން ސަލާމް ޖަހާށެވެ. މިކަމުގައި ހައްލެއް ހޯދައި ދިނުމުގެ ނަމުގައި ސަރުކާރުން ވެލްފެއަރ ބަޖެޓެއް ހަދައި އެއިން ރައްޔިތުންނަށް ހަމަހަމަ ގޮތުގައި އެހީތެރިކަން ދިނުމުގެ ނަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ޖީބަށް ލެވޭގޮތަށް ބާއްވާފައި އޮވެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެއްކަލަ ތިރީސް އަހަރުގެ ޚުދުމުޚުތާރު ވެރިމީހާގެ ދައުރު ތަކެވެ. ފަގީރުންގެ ބޭސްފަރުވާޔަށް އެހީ ތެރިވެ ދިނުމުގެ ނަމުގައި ތީމުގޭގެ ބަޖެޓުގައި ހިމަނައިގެން އެތަކެއް ސަތޭކަ މިލިޔަން ރުފިޔާ އޭނާ ރުއްސަވާ މުއްސަނދީންނަށް އިތުރަށް ކުރިއެރުން ހޯދުމަށް ބޭސްފަރުވާގެ ނަމުގައި ޚަރަދު ކޮށްފައި އެބަހުރިކަން ރާއްޖޭގެ އޮޑިޓު ރިޕޯޓުތަކަށް ބަލާލުމުން އެނގެއެވެ. ކޮންމެވެސް ވަރަކަށް ބޮޑެތި ބޮޑެތީންގެ ހެޔޮފުޅުކަމުން ނިކަމެތީންނަށްވެސް ލާރިކޮޅެއް ފޯރުކޮށް ނުދޭ ވާހަކައެއް ނުދަންނަވަމެވެ.

ދާދިފަހަކުން ސަރުކާރުގެ މުއައްޒަފުންގެ މުސާރައިގެ އިތުރުން ކޮންމެ ތިންމަހުން އެއްމަހު ދުއިސައްތަ ފަންސާހެއްހާ ރުފިޔާ މެޑިކަލް އެލަވަންސު ކަމުގައި ކަނޑައަޅައި ދޭންފެށިއެވެ. ނަމަވެސް ރާއްޖޭގައި ސިޔާސީ ގޮތުން ސަރުކާރާ ވާދަވެރީން ، ޚާއްސަކޮށް އިސްލާހަށް ތާއީދުކުރާ އެމްޑީޕީގެ ޙަރަކާތްތައް ފެށިގަތުމާއެކު ސިޔާސީ ގޮތުން ސަރުކާރުގެ މުއަށްޒަފުންގެ ތާއީދު އެއިރުގެ ވެރިމީހާއަށް ހޯދައިގަތުމުގެ ބޭނުމުގައި ނަމަވެސް މަދަނައޭ ކިޔައި އެއިރު މާއާންމުކޮށް ނީވޭ އަދި، އެލިބޭ ބަޔަކަށްވެސް އެއީ ކިހިނެއް ކޮންގޮތަކަށް ލިބެމުންދާ އެއްޗެއްކަން ނޭނގޭގޮތަކަށް ޚިދުމަތެއް އުފައްދައި ސަރުކާރުގެ މުއަށްޒަފުންނަށް މިޚިދުމަތް ދޭންފެށިއެވެ. ސަރުކާރުގެ ހުރިހައި މުއަށްޒަފުންނަށް ކުރީން ލިބެމުންއައި މެޑިކަލް އެލަވަންސް ކަނޑާލުމަށް ފަހުގައެވެ. އެގޮތުގައި ވާއެއް ނުވާއެއް ނޭނގި އޮޅުން ބޮޅުން ގަނޑެއްގައި މިޚިދުމަތެއް ނަމެއްގައި އޮންނަތީ ކުޑަދުވަސްކޮޅެއް ފަހުން ތިރީސްއަހަރުގެ ޚުދުމުޚުތާރު ، މަކަރުވެރި ، އޮޅުވާލުންގިނަ ސަރުކާރު ރަށްޔިތުން ވޯޓުން ބަދަލުކޮށް ވެރިކަން ފުރޮޅިގެން ދިޔައީ އެމްޑީޕީގެ ސަރުކާރަކަށެވެ. ރައީސް ނަޝީދުގެ މާލިމީ ކަމުގައެވެ. އެހިސާބުން ރައީސް ނަޝީދު އަވަސްވެ ވަޑައިގަތީ މަދަނަ އެއީ ކޮންކަހަލަ ޚިދުމަތެއްކަމާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މުހިންމުކަން ދިވެހީންނަށް އަންގަވައި ދެއްވުމަށެވެ. އެގޮތުން ސަރުކާރުގެ މުއަށްޒަފުންގެ އިތުރުން ކޮންމެ ދިވެހި ރައްޔިތަކަށް މަދަނައިގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަ ދެއްވިއެވެ. އެންސްޕާ އުފަށްދަވައި ، ވެރިމީހާގެ ކާމޭޒުމަތީން ނާއި ކާފަދަރީންގެ ނެޕީގެ ތެރޭގައި ކުރީގައި އޮތް ވެލްފެއަރ ބަޖެޓު ހަމަހަމަ ގޮތެއްގައި ދިވެހީންގެ އެންމެންނަށް އެމީހުންގެ ހިއްސާއެއްވެސް ލައިގެން ލިބޭނެގޮތް ހަށްދަވައި ދެއްވިއެވެ. ކަމުގެ ފައިދާއާއި ބޭނުންތެރިކަން އޮޅުންފިލައި ސަރުކާރުގެ މުއަށްޒަފުންނެކޭ އެއްގޮތަށް ގިނަބަޔަކު މިޚިދުމަތުގެ ބޭނުންހިފާން ފަށައިގަތުމުން ކަންހިނގައި ނުހިނގައިގޮތް ރަނގަޅަށް ދިރާސާ ކުރަށްވައި ދިވެހި އެންމެހައި ރަށްޔިތުންނަށް އެއްވެސް ފައިސާއަކާއި ނުލައި ހަމައެކަނި އައިޑީ ކާޑު ދަށްކާލުމުން އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ލިބޭނެ އާސަންދަ ޕްރޮގްރާމެއް ރައީސް ނަޝީދުއެވަނީ ފަށްޓަވައި ދެއްވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގެ ކުރިއެރުންތަކާއި ނުރުހި ދެލޯބޮޑުވި ސިޔާސީ ހަތުރުން އެއްވެ ބަޣާވާތަކުން ސަރުކާރު ވަށްޓާލައި މިދައުލަތުގައި ބަގުޑި ބެއްދީ ” އާސަންދައަށް ” އެންމެ މަހަކާއި ހައެއްކަ ދުވަސް ވެފައި ވަނިކޮށެވެ. އެއާއެކު އިވެންފެށީ އާސަންދަ ކުރިއަށް ނުގެންދެވޭނެ ކަހަލަ އަޑުތަކެވެ. ބާޣީ ސަރުކާރުގެ ސިއްހީ ބާޣީއާއި ބޮޑުކާޅުގެ އެންމެ ފުރަތަމަ ރޭވުމަކަށް ވެފައި ވަނީވެސް “އާސަންދަ” ހުއްޓައިލުމެވެ. ނުވަތަ މިސްކީމަށް ރަށްޔިތުންގެ އަތުން ފައިސާ ނެގުމެވެ. އެގޮތުން އަނެއްކާވެސް ރަށްޔިތުން ބާޣީންނަށް އަޅުދާސް ކުރުވުމެވެ.

ބަހަނާއެއްގެ ގޮތުގައި ބަޖެޓުގައި ފައިސާއެއް ނެތޭ ގޮވާއިރު ބަޔަކުކުރާންފެށި މިމުހިންމު މަސައްކަތުގެ ތެރެއަށް މަރުމޯލުންތަކެއް މިއަތް ކޮށްޕާލީ ކީއްވެގެން ކަމެއް ނޭނގެއެވެ. ހަމައެހެންމެ ބޮޑު ބާޣީ ކާޅުގެ ޅިޔަނަށް ޖީބަށްލާން ސަތޭކަ މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ބޯޑަރ ކޮންޓްރޯލް ސިސްޓަމަކަށޭ ކިޔައި ދޭން އުޅުނީ ކޮންތާކުން ފައިސާ އުފުރައިގެން ކަމެއް ނޭނގެއެވެ. މިފަދަ ޚިޔާނާތްތެރި އެހެންމެ، ރަށްޔިތުންނަށް ހަރާމްކޯރު ބައެއްގެ ކިބައިން މިގައުމު ސަލާމަތް ކުރާން ޖެހެޔޭ ދަންނަވާލަމުން ، ހަމަމިނޭވާގައި ދަންނަވާލަން ޖެހެނީ މުޅި ރާއްޖޭގެ އެންމެހައި ރަށްޔިތުންނަށް ” މަދަނަ ” ތަޢާރަފު ކުރެއްވީ އަދި ، އެންމެ ލޯލާރިއެއްވެސް ޚަރަދު ކުރާން ނުޖެހި އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ލިބޭނެ ” އާސަންދަ ” ސްކީމް ތަޢާރަފުކޮށް ދެއްވީ ރާއްޖޭގެ މިދައުރުގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ފަޚުރުވެރި އިސްލީޑަރ މުޙަންމަދު ނަޝީދެވެ. އެމްޑީޕީގެ ސަރުކާރުންނެވެ. މިކަން ދޮގެއް ނުކުރެވޭނެއެވެ.