ކައިރިން ދުށްތަން ދޮގެއް ނުކުރެވޭނެ (ދެވަނަ ބައި)

ފުނަމާ

ދިވެހީންނަކީ ޖަޒީރާ ރަށްތަކެއްގައި އުޅެމުން ގެންދާ ވަކި ވަކި ކުދި މުޖުތަމަޢުތަކެކެވެ. ރާއްޖޭގެ އެކިހިސާބުގައި ބަސްމޮށި އުޅޭ އުޅުމާއި ސަގާފަތުގައިވެސް ފާހަގަ ކުރެވޭ މިންވަރަކަށް ތަފާތުތަކެއް ހުރެއެވެ. ފެށުނީއްސުރެ ކޮންމެ އާއިލާއެއްގެވެސް ވެރިއެއްގެ ގޮތުގައި ހުންނަނީ އެއާއިލާއެއްގެ އެންމެއިސް ފިރިހެނެކެވެ. ދާދިފަހާ ޖެހެންދެން އާންމްދަނީ ހޯދުމުގައިވެސް އިސްވެ ހުންނަނީ އާއިލާގެ ވެރިއެއްގެ ގޮތުގައި ހުންނަ ފިރިހެނެކެވެ. ނަމަވެސް ވަޒީފާތައް ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރެން ފެށުމާ ގުޅިގެން އާއިލާގެ އެހެނިހެން މެންބަރުންވެސް ވަޒީފާ އަދާކޮށް އާންމްދަނީ ހޯދާން ފަށާފައިވެއެވެ.

މާދުރުނޫން މާޟީއަކަށް ބަލާލާއިރު ޚާއްސަކޮށް ރާއްޖެތެރޭގައި އެންމެ އާންމުކޮށް އާމްދަނީ ހޯދުމަށް ކުރެވެމުންއައި މަސައްކަތަކީ މަސްވެރިކަމެވެ. އެމަސައްކަތުގެ ބާވަތުން އާއިލާގެ އެންމެންގެ ހިއްސާވެސް އެކަމުގައި ހިމެނެން ޖެހެއެވެ. މަސްކެއްކުމާ ހިއްކުމާއި މިކަމަށް ހޯދަންޖެހޭ ދަރުފަދަ ތަކެތި ހޯދުމުގައެވެ. ހަމައެހެންމެ ދަރުކޮށައި ދަރުހިއްކައިގެން މާލެގެނެސް ވިއްކުމަކީވެސް އެޒަމާނުގައި ބޮޑުއާމްދަނީއެއް ލިބޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ، ހަމައެހެންމެ އާއިލާއެކުގައި ބައިވެރިވެ ކުރެވޭ މަސައްކަތެކެވެ. ނަމަވެސް ގޭހުގެ ޒަމާނާއި އެކުވެގެން ދަރުކޮށުމުގެ މަސައްކަތް މިއަދު ހަމައެކަނި ކުރެވެނީ މަސްކައްކައި ހިއްކާ މީހުންގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.

މިފަދަ މަސައްކަތް ތަކަކީ އޭރުގެ މިންތަކަށް ބަލާލާއިރު ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތް ތަކެއް ކަމުގައި ބެލުނު ނަމަވެސް މިއަދު ޒަމާނާއި ކަންކަމަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި ތަފާތު އެހެން މަސައްކަތްތައް ކޮށްގެން އާންމްދަނީ ހޯދަމުން މިވަނީ ގެންދާން ޖެހިފައެވެ. އެންމެ ކުރީ ޒަމާނުގައި އެދުރުގެއިން ކިޔަވާލައިގެން ފުއްދާލި ނަމަވެސް މިއަދު ދަރީން ސްކޫލްއަށް ފޮނުވުމުން ފެށިގެން ގޭތެރޭގެ ޒީނަތްތެރިކަމާ މިނޫންވެސް ދިރިއުޅުމަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ކުރާންޖެހޭ ޚަރަދުތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ގޯތިގެދޮރު ޢިމާރާތް ކުރުމަށް ކުރާންޖެހޭ ޚަރަދުތައްވެސް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

ދިވެހީންގެ ދިރިއުޅުމަށް އަންނާންފެށި މިފަދަ ބަދަލުތަކާއި ގުޅިގެން އާއިލާތަކުގެ ޚަރަދުތައް އުފުލުމުގެ އެންމެ ހިތި އަސަރެއް ކުރަން ފެށީ އާއިލާގައި ތިބޭ މުސްލުޅީންނަށެވެ. އުމުރުން ދުވަސް ވުމާގުޅިގެން މަހަށް ، ފަރަށް ނުދެވި ތިބޭންޖެހުމުން އެމީހުންގެ ބޭސްފަރުވާއާއި މިނޫންވެސް ޚަރަދުތައް ބޮލުގައި އެޅެމުންދިޔައީ ލިބޭއެއްޗަކުން ފޫނުބެއްދިގެން އުޅެމުން ގެންދާ އެމީހުންގެ ދަރީންގެއެވެ. މިހެން ކަންވާން ފެށުމުން ދަރީންނާއި ދުވަސްވީ މައިން ބަފައިންގެ ދެމެދުގައި އޮންނާންވީ ގުޅުންތައް ހީނަރުވެ ދެމެދުގައި އަބަދުވެސް ޝަކުވާތައް ކުރެވޭ އަޑުތައް ދިޔައީ މުޖުތަމައުގައި ގަދަވަމުންނެވެ. ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ޖާގަދިޔައީ ފުލްވަމުންނެވެ. ދަރީންނާއި މައިން ބަފައިން ވަކިވެ ހަތުރުންނަށްވެ މުސްކުޅިވީ ދުވަހު ދަރީންގެ އެހީތެރިކަމެއްނެތި އުކާލެވިފައިތިބި ކިތަންމެ މުސްކުޅީންނެއް މިގައުމުގައި ދިޔައީ އިތުރު ވަމުންނެވެ.

މިގައުމަކީ މާބޮޑު އާމްދަނީއެއް ހޯދައިގަނެވޭނެ ވަސީލަތްތަކެއް ނެތް ގައުމެއް ކަމުގައި ބުނަމުން ގެންދިޔަ ސަރުކާރުތަކުން މިފަދަ ބިކަހާލުގައި ޖެހިފައިިތިބި މައިން ބަފައިންނަކަށް ކުޑަތާކު ފޯއްއަޑިއެއްވެސް ދިއްކޮށްލެވޭނެ ފަދައެއް އޮތްކަމަކަށް ނުވެއެވެ. އެހެންކަމުން ވަކިއުންމީދެއްނެތި ގައުމުގައި ހާލުގައި ޖެހިފައިތިބި މުސްކުޅީން އެމީހުންގެ ހަޔާތުގެ ފަހުބައި ގުނަންޖެހުނީ ނުހަނު ހިތްދަތި ހާލުގައެވެ. މިހެން ދެންނެވި ނަމަވެސް މައިން ބަފައިންނާއިމެދު އޯގާތެރިވެ އެމީހުންގެ ކަންކަމުގައި އަމިއްލަ އުފާތަކުންވެސް މަހުރޫމުވެގެން ދީލަތިވެ އުޅުނު ދަރީން ނެތެކޭ ނުދަންނަވަމެވެ. އެކަމަކު މިދަންނަވާލީ އާންމު ހާލަތެވެ. އަޅުގަނޑުގެ ލޮލުން ދެކި އަތުން ހިފައިދިޔަ ހާލަތެވެ.

ނަސީބުގަދަކަމުން ޒުވާން އުމުރުގައި ސަރުކާރުގެ ވަޒީފާގަނޑެއް ލިބުނު ބައެއްމީހުންނަށް އުމުރުގެ ފަހުކޮޅާއި ހަމަޔަށް އައިއިރު ސަރުކާރުން ލިބޭ ޕެންޝަނެއް ނަމުގައި އޮވެއެވެ. އެއީ މިޒަމާނަށް މިނާލާއިރު އެއްވެސް ބަރުދަނެއް ނެތް މިންވަރެކެވެ. ހަމައެކަނި މުސްކުޅި އުމުރުގައި ބޭސްފަރުވާ ކުރުމަށްވެސް އެމިންވަރުން ނުފުދެއެވެ. އަމިއްލަ ޒަރޫރީ ހުރިހައި ކަމެއްގައި އަނެކުންގެ ކައިރީގައި ބުނެކިޔައި ، އާދޭސްކޮށް ، ސަލާމް ޖެހުން ނޫންގޮތެއް މިގައުމުގެ އެންމެ އިއްޒަތްތެރި ރައްޔިތުންނަކަށް ނެތެވެ. ނަމަވެސް ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ އަކަށް މަގުފަހިވެ އެމްޑީޕީ އުފެދުނު ހިސާބުން މަޑުމަޑުން މުސްކުޅީންނަށް އެހީތެރިކަމެއް ދައުލަތުން ދޭންޖެހޭނެ ކަމުގައި ދެކެވޭ ވާހަކަތަކެއް އަޑުއިވެން ފެށިއެވެ. ޚާއްސަކޮށް ރައީސް ނަޝީދުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން މިއަޑުތައް ގަދަވާން ފެށިއެވެ. ” އަޅުގަނޑު މެންގެ ވެރިކަމެއްގައި އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދެހާހެއްހައި ރުފިޔާ ދިނުމަށް މަސައްކަތް ކުރާނަން ” ރައީސް ނަޝީދު މިހެން ވިދާޅުވި އަޑު އެންމެ ފުރަތަމަ ދުވަހު އަޅުގަނޑުވެސް އެހީ ހައިރާން ކަމާއެކުގައެވެ. އެއާއެކު އެކުހެން އެމްޑީޕީއާއި ވާދަވެރި ފަރާތްތަކުން މިކަމަށް ހަޖޫޖަހައި މަލާމާތް ކުރަމުން ގެންދިޔަ އަޑު މުޅިގައުމުގައި ގަދަވެގެން ދިޔައެވެ. ނަމަވެސް ރައީސް ނަޝީދު ގެންދެވީ ތަކުރާރުކޮށް މިވާހަކައެއް ވިދާޅުވަމުންނެވެ.

ﷲގެ ރަޙްމަތްފުޅުން ދެހާސް އަށްވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދު މިންވަރު ކުރެއްވިއެވެ. އެއިރުވެސް މުސްކުޅި ހާލުގައި އެތަކެއް ދުވަސްވީ މީހުން މިގައުމުގައި ގަބުވެފައި ތިއްބެވެ. ރައީސް ނަޝީދު ވިދާޅުވާފަދައިން އުނގަށް ޓޯޗު ވެއްޓި ނިދިޖެހި މާލޭގެ އެކިއެކި މުއްސަނދީންގެ ގުދަންތަކުގެ ފޯރީމަރާން ކުޑަމުސާރައެއް ހިފައިގެން ތިބި ކިތަންމެ ހަސަނަކާ ، ރާއްޖެތެރޭގެ އަތިރި މަތީގައި ހިނގާލާނެ ވަރެއްނެތިފައި ތިބި އެތަކެއް މުސްކުޅީން މިގައުމުގައި ތިއްބެވެ. އެއިން މީހަކަށް އަތްގޮށްޓެއްގެ ފެންފޮދުވެސް ބަންޑާރައިން ނުދެއެވެ.

ދެހާސް އަށްވަނަ އަހަރުގެ ނޮވެމްބަރު އެގާރަ ދުވަހު މިގައުމުގައި އުފެދުނު އެމްޑީޕީގެ ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އެންމެ ފުރަތަމަ އިސްނެންގެވުމަކަށްވީ ކުރީން ވިދާޅުވަމުން ގެންދެވިހެން އުމުރުން ދުވަސްވީ މީހުންނަށް އެވިދާޅުވަމުން ގެންދެވި އިނާޔަތް ދެއްވުމެވެ. އެގޮތުން އޭގެ ކުރީގައި ހަމައެކަނި ސަރުކާރުގެ މުއްޒަފުންނަށް ގޮތްނޭނގޭ ގޮތަކަށް ދެވެމުންދިޔަ މަދަނައިގެ ދަށުން ހިލޭ ބޭސްފަރުވާ ލިބޭގޮތަށް އުމުރުން ފަސްދޮޅަސް ފަސް އަހަރުވީ ކޮންމެ މީހަކަށް ދެހާސްރުފިޔާ ދެއްވާން ނިންމަވައި ދެހާސް ނުވަވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެފައިސާ ދެއްވާން ފެއްޓެވިއެވެ. ހުވާކޮށްފައި ބުނަމެވެ. އޭގެކުރީން މިއިނާޔަތް ލިބުނު އެންމެ ދިވެއްސަކުވެސް ނުހުންނާނެއެވެ. އުމުރުން ފަސްދޮޅަސް ފަސް އަހަރުވީ ކޮންމެ މީހަކަށް އެމީހެއްގެ އުމުރުގެ ބާކީއޮތް ހުރިހައި ދުވަހެއްގައި މަހަކު ދެހާސް ރުފިޔާއާއި ހިލޭބޭސް ފަރުވާ ދައުލަތުން ހަމަޖައްސަވައި ދެއްވީ ރައީސް ނަޝީދެވެ. އެމްޑީޕީގެ ސަރުކާރުންނެވެ. މިއަކީ އޭގެކުރީގެ އެއްވެސް ވެރިޔަކު ގައިމުވެސް ކުރި ކަމެއް ނޫނެވެ. ގާނޫނެއްގެ ދަށުން އެކަން ކަނޑައެޅި ހަމަޖެހުނީ އޭގެ ފަހުންނެވެ.