އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމާއި މެދު ގައުމީ މަޖިލީހުން ސުވާލު އުފައްދާފައިވާތީ އެ ދެ މަގާމަށް ކެމްޕެއިން ކުރުން މަޑުޖައްސާލަން ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި މި ވަގުތު ހުންނެވި މޫސަ، އެ މްޑީޕީ މީޑިއާއަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި ވެސް އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަސްއޫލިއްޔަތު ސާފު ނުވާތީ އެކަމާ މެންބަރުން ވަރަށް ގިނަ ސުވާލު އުފައްދާފައިވާ ކަމަށެވެ. މޫސަ އިތުރަށް ވިދާޅުވީ އެ މަގާމްތަކުގެ މަސްއޫލިއްޔަތާ މެދު ގައުމީ މަޖިލީހުން ސުވާލުއުފައްދަމުން ދިޔަ ނަމަވެސް އެ ދެ މަގާމާމެދު ވަކި ގޮތެއް ނިންމާނޭ ދުވަހެއް އަދި ކަނޑައަޅާފައި ނުވާތީ އްއެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން އެ ޕާޓީގެ ރައީސް ކަމުގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކޮމިޓީގެ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
” އެމްޑީޕީގެ އަސާސީ ގަވައިދުގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ގޮތުން، އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް މެންބަރުންވަނީ ވަރަށް ބޮޑަށް އެ ދެ މަގާމު ބޭއްވުމުގެ ބޭނުމާ މެދު ސުވާލު އުފައްދާފަ. ބައެއް ބޭފުޅުން އެ ދެ މަގާމު އުވާލުމަށް އާދަޔާ ޚިލާފް ކޮންގްރެސް އަކަށް ގޮވާލާފައި ވާއިރު، އަނެއްބަޔަކު ވަނީ އެ ދެ މަގާމުގެ މަސްއޫލިއްޔަތާއި އެހެން މަގާމްތަކުގައި ހުރި ފުށުއެރުންތަކާއި، އަސާސީ ގަވައިދުގައި ހުރި ފުށުއެރުންތައް ވީހާވެސް އަވަހަކަށް އިސްލާޙްކުރުމަށް ގޮވާލާފަ. އެހެން ކަމުން އިންތިޚާބާ ބެހޭ ކޮމިޓީން އަދި އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އެ ދެ މަގާމަށް އިއުލާން ކުރި ނަމަވެސް އަޅުގަނޑަށް ފެންނަނީ އެ އިންތިޚާބު ވެސް އަދި އޮތީ މާފަހުގެ ތާރީޚެއްގައި ކަމަށް ވާތީ އޭގެ ކުރިން އެ ދެމަގާމެދު އެހެން ގޮތަކަށް ނިންމަފާނޭ ކަމަށް ބެލެވޭތީ ހަމަ ކެމްޕެއިންކުރުން އިހަށް މަޑުޖައްސާލަން. ” މޫސަ މިއަދު ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ އިންތިޚާބު 31 އޯގަސްޓް 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައި، މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ވަނީ ހުޅުވާލާފައެވެ. އަދި މި ދެ މަގާމަށް ޕާޓީގެ އިސްސަފުގައި ގުނާލެވޭ ބައެއް ފަރާތްތަކުން ދަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ.