ރައީސް ނަޝީދު ނިއުޒީލޭންޑަށް ފުރާވަޑައިގެންފި

އެމްޑީޕީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިއުޒިލެންޑަށް ފުރާވަޑައިގެންފިއެވެ.

ނިއުޒީލޭންޑްގައި މިމަހުގެ 27 ން 29 އަށް އޮންނަ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ބެހޭ މައުލޫމާތު ދެއްވައި ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ރައީސް ނަޝީދު ނިއުޒީލޭންޑަށް ކުރައްވާ މި ދަތުރުފުޅުގައި އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖެއަށް ގެނައި ބަޣާވާތަށް ފަހު ރައީސް ނަޝީދު ވަނީ ދުނިޔޭގެ އެންމެ ބޮޑު 2 ޑިމޮކްރަސީ ކަމަށްވާ އިންޑިއާ އަދި އެމެރިކާއަށް ވަޑައިގެން ބަޣާވާތުގެ ކަންކަން ހިނގައިދިޔަ ގޮތް އެގައުމުތަކުގެ ސިޔާސީ ފަރާތްތަކާ ހިއްސާކުރައްވާފައެވެ.