ތ. އޮމަދޫ. ހަންޏާމީދޫ އަދި އއ.މަތިވެރި ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީން ކެންޑިޑޭޓުން ވާދަކުރައްވާނޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އދ. ހަންޏާމީދޫ ކައުންސިލަށް ވާދަކުރުމަށް އެމްޑީޕީން ކަނޑައަޅާފައި ވަނީ އެ ރަށު ޝަބްނަމީގޭ އަހުމަދު ފިރާގް ކަމަށާއި، މަތިވެރީ ކައުންސިލަށް އެ ރަށު ޑައިމަންޑްހައުސް އަލީ ރިޝާމް، އަދި ތ. އޮމަދޫ ކައުންސިލަށް އެމްޑީޕީން ކުރިމަތި ލުމަށް ހަމަޖައްސާފައި ވަނީ އެ ރަށު އަލިވިލާގޭ ހަސަން މުހައްމަދު ދީދީ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ކްރިމިނަލް ކޯޓަށް ހާޒިރުކުރެއްވުމާ ބެހޭ ގޮތުން ވެސް އިންތި ވާހަކަފުޅުދެއްކެވިއެވެ. އެ ގޮތުން މާލެ ސިޓީ ކައުންސިލުގެ ފަރާތުން އަލިބެ ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއަކީ ހެޔޮ ނިޔަތުގައި ފޮނުއްވި ސިޓީއެއް ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ފަހުން ކޯޓުން އަމުރު ނެރުނީ ވެސް އެ މަގުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ކޯޓުތަކަކީ އެންމެ އަންޑިމޮކްރެޓިކް ތަންތަން ކަމަށާއި، އެހެންކަމުން އިލެކްޓެޑް ބަޔަކާ މެދު ހާއްސަކޮށް އެންމެ ބޮޑު ސިޓީ ކައުންސިލާ މެދު ކަންތައް ކުރައްވާއިރު ސަމާސަ ކަންތައްތަކެއް ނުކުރެއްވޭނޭ ކަމަށާއި، އެ ކައުންސިލާ މެދު ކަންތައް ކުރަންޖެހޭނީ ވަރަށް ހަރުދަނާކޮށް ކަމަށް އިންތި ވިދާޅުވިއެވެ.
ޕީއެމްގެ މެންބަރުންނަށް ވެސް ބޮނޑިބަތް ކެވޭނޭ ކަމަށް ވިދާޅުވެ އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ދެއްކެވި ވާހަކަފުޅަށް ވެސް މިއަދުގެ ނޫސް ކޮންފަރެންސްގައި އިންތި ރައްދުދެއްވިއެވެ. އެ ގޮތުން އިންތި ވިދާޅުވީ ބޮނޑިބަތް ކެއުމަކީ ގޯސް ކަމަކަށް ވަނީ އެމްޑީޕީން އެކަން ކުރުމުން ކަމަށާއި، “އެމްޑީޕީން ބޮނޑިބަތްކާނަމަ ތެލިވެސް ކުށްވެރިވާ” ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ އަމީންއާންމު ޙަސަން ޝާހް އެ މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްއަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް އިންތި މިއަދު ވިދާޅުވި އެވެ.
ބޮޑު ބަޣާވާތަކަށްފަހު، އެއާ ވިއްދައިގެން ސަރުކާރުން ކުދި ބަޣާވާތްތައް ކުރަމުންދާ ކަމަށާއި، ޕޮލިސް ސްޓޭޓަކަށް ރާއްޖެ ހެދުމަށް ވެސް ބާޣީ ސަރުކާރުން މަސައްކަތްކުރާ ކަމަށް އިންތި ވިދާޅުވިއެވެ. އެ ގޮތުން އާސަންދަ ކަނޑާލައި އާންމުން ބާޣީ ސަރުކާރުގެ އިސްވެރިންގެ “ފޫބުޑަށް ސަލާން ޖަހަން” ފޮނުވުމަށް ވަރަށް ބޮޑަށް ބާޣީ ސަރުކާރުން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.