ބަޣާވާތާ ދެކޮޅަށް އެމްޑީޕީގެ އާންމު މެންބަރުން ނުނިކުތްނަމަ މިއަދު އަޅުގަނޑުމެން ތިބީހީ ސަންދޯކަަށް އަޅާފައި – ރައީސް ނަޝީދު

7 ފެބްރުއަރީގައި ބައެއް ވިޔަފާރިވެރިންނާއި، ބައެއް ފުލުހުންނާއި މަދު އަދަދެއްގެ ސިފައިން ގުޅިގެން އެމްޑީޕީގެ ފިކުރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖެއަށް ގެނައި ބަޣާވާތާ ދެކޮޅަށް އެމްޑީޕީގެ އާންމު މެންބަރުން ނުތެދުވިނަމަ، މިހާރު އެ ބަޣާވާތް ފުރިހަމަކޮށް އެމްޑީޕީގެ އިސްފަރާތްތައް ތިބޭނީ ސަންދޯކުއަޅާފައި ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ މާލެ ސިޓީ ހޯލުގައި އައްޑޫ ސިޓީގެ އެމްޑީޕީގެ މެންބަރުންނާ އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އިތުރަށް ހަރުދަނާކުރެވޭނީ ގްރާސްރޫޓް ލެވެލްއިން އިން ކަމަށާއި، ފެބްރުއަރީ 7 ވަނަ ދުވަހު “ބަޔަކު މީހުން ތަޅައިގަތީމާ” އެމީހުންގެ ދިފާއުގައި ނިކުތީ ވެސް އާންމު މެންބަރުން ކަމަށެވެ.

ރޭގެ ބައްދަލުވުމަކީ އެމްޑީޕީގެ މެނިފެސްޓޯ އަލުން އެކުލަވާލުމަށް އައްޑޫސިޓީގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅުއްވާ އެ ޕާޓީގެ އިސް ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ އެމްޑީޕީ ގޮފިތަކާއި، ދާއިރާތަކާއި އެސިޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައިވެރިންގެ ސުވާލުތަކަށް ސީދާ ރައީސް ނަޝީދު ޖަވާބުދެއްވި މި ބައްދަލުވުމައި އެމަނިކުފާނު ވިދާޅުވީ 2 އަހަރުން ސިޓީއެއް ތަރައްގީކޮށް ގާއިމްކުރެވޭނޭ ކަމުގެ ޔަގީންކަން މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން 5 އަހަރުގެ ދައުރެއްގައި އައްޑޫ ސިޓީ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ތަރައްގީ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިއަންނަ ޖޫން 16 ގައި ބާއްވާ އެމްޑީޕީގެ އިންތިޚާބުގައި އިންޑިއާގެ ޓްރިވެންޑްރަމް އާއި، ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގައި ވޯޓު ފޮށި ބެހެއްޓޭނޭ އިންތިޒާމް ހަމަޖެހޭނޭ ގޮތެއް އޮތްތޯ އެމްޑީޕީގައި ދަންނަވާނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޕާޓީގެ މެނިފެސްޓޯ އަލުން އެކުލަވާލާނީ ދޮރުން ދޮރަށް ހިނގައި އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާއާއި، ފުރިހަމަ ބައިވެރިވުން ހިމަނައިގެން ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސިޔާސަތު އެކުލަވާލުމާއި ބެހޭ ގޮތުންނާއި، ދޮރުންދޮރަށް ހިނގުމާއި، މެންބަރޝިޕް އިތުރުކުރުމާއި ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވިއެވެ. ސިޔާސަތު އެކުލަވާލުމާއި ބެހޭ ޕްރެޒެންޓޭޝަން ހުށަހެޅުއްވީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާއެވެ. ދޮރުންދޮރަށް ހިނގުމާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސް ޙަސަން އަޙުމަދު ހުށަހެޅުއްވި އިރު، މެންބަރޝިޕް އާއި ބެހޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ނައިބު ރައީސާ ޚަދީޖާ އަބޫބަކުރު (އާނިޔަތު) އެވެ.

މަތިއުތުރު ޕްރޮވިންސްގެ އެމްޑީޕީ މެންބަރުންނާއެކު ވެސް ރައީސް ނަޝީދު ވަނީ ބުދަ ދުވަހުގެ ރޭ މިފަދަ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކުރިޔަށް އޮތްތާނގައި ހުރިހާ ޕްރޮވިންސަކާ އެކު މިފަދަ ބައްދަލުވުންތައް ބާއްވާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.