އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާހު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި

އެމްޑީޕީގެސެކްރެޓަރީ ޖެނެރަލް ސ. މަރަދޫފޭދޫ ބަގީޗާގޭ ޙަސަން ޝާހު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ބައްދަލުވުމަށް ހާޒިރުވި 22 މެންބަރުންގެ އިއްތިފާގުންނެވެ. ޝާހު މަގާމުން ވަކިކުރުމަށް ގައުމީ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން އެމްޑީޕީން ބަޣާވާތުގެ ކަންކަން ދިރާސާކުރުމަށް ނަގާފައިވާ 7 މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރ ތޮލްޙަތު އިބްރާހީމް ކަލޭފާނުގެ ބަދަލުގައި އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު އެ ކޮމިޓީގައި ހިމެނުމަށް ވެސް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ބައިވެރިން ވަނީ އިއްތިފާޤްވެފައެވެ.

އެމްޑީޕީގެ 7 މެންބަރުންގެ ކޮމިޓީއަކީ 7 ފެބުރުއަރީގައި ހިނގައިދިޔަ ކަންކަމާއި އަދި އެކަންކަމާއި ގުޅިގެން ނިކުންނަ ކަންކަމަށް ރިއާޔަތްކޮށް ކުރަންޖެހޭ ކަންކަން ކުރުމަށާއި އެކުރިމަތިވާ މައްސަލަތައް ދިރާސާކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި ޕާޓީގެ ލީޑަރޝިޕަށް ލަފާދިނުމަށްޤައުމީ ހިންގާ ކޮމިޓީން އުފައްދާފައިވާ ކޮމިޓީއެކެވެ. މި ކޮމިޓީގައި ޝިފާގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ރައީސް ނަޝީދުގެ ކެބިނެޓް މިނިސްޓަރުން ކަމަށްވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އާއި، ހޯމް މިނިސްޓަރ ޙަސަން އަފީފު އާއި، ފޮރިންގ މިނިސްޓަރ އަޙުމަދު ނަސީމް އާއި، ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބުގެ އިތުރުން ރައީސްގެ އިންފްރާސްޓަކްޗަރ އެޑްވައިޒަރ ސަރަނގު އާދަމް މަނިކު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.