ރާޅުގަނޑު މައްސަލަ މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކޮށްފި

ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގުމަށްޓަކައި ޖެހި ކޭމްޕްތައް ބާޣީ ސަރުކާރުގެ ސިފައިންނާއި ފުލުހުން ރޫޅާލައި، އެ ކޭމްޕްތައް ސުންނާފަތިކުރުމާ ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަ މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ހައި ކޯޓުން މިފަދަ ވަގުތީ އަމުރެއް ނެރެފައި މިވަނީ އެމްޑީޕީގެ ރައީސްގެ ހައިސިޔަތުން އެ ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ދައުވާ ފޯމްގައި ސޮއިކުރައްވާފައި ވުމަކީ އެ މައްސަލަ ކުރިއަށްގެންދިޔުމަށް އޮތް ހުރަހެއް ނޫން ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ވަގުތީ އަމުރާ ގުޅިގެން ރާޅުގަނޑު މައްސަލައިގެ މިއަދުގެ ޝަރީއަތް ކެންސަލް ކުރެވިފައިވާ ކަމަށާއި، ދެން އެ މައްސަލައިގެ ޝަރީއަތް ފަށާނީ ހައިކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމުމުން ކަމަށް ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ މިއަދު ވިދާޅުވި އިރު، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރ އަދި އެމްޑީޕީ އޭދަފުށީ ދާއިރާގެ ރައީސާ ހިސާން ހުސައިން ވިދާޅުވީ ހައި ކޯޓުން މި ފަދަ ވަގުތީ އަމުރެއް ނެރެފައިވަނީ އެމްޑީޕީގެ ފަރާތުން ހައި ކޯޓުގައި ވަކާލާތުކުރުމުގެ ފުރުސަތު ނުދީ ޕާޓީގެ ބަހެއް ހޯދުމަކާ ނުލައި ކަމަށެވެ.

އެމްޑީޕީން ކޮށްފައިވާ ދައުވާގައި ރާޅުގަނޑު ސަރަހައްދުގައި ތިބުމުގެ ހައްގު އެމްޑީޕީ އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެމްޑީޕީގެ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތް ހުއްޓާލުމަށް އަމުރުކޮށްދިނުމަށާއި އެތަނުން ފުލުހުން ގެންދިޔަ ތަކެތި އަނބުރާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.

ރާޅުގަނޑު ސަރަހައްދަކީ މާލެ ސިޓީ ކައުންސިލުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ދޫކޮށްފައިވާ ސަރަހައްދެކެވެ. އެހެން ނަމަވެސް މާރޗް 19 ވަނަ ދުވަހު އެއްވެސް އިންޒާރެއް ނެތި ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ވަދެ، އެމްޑީޕީގެ ސްޓޭޖާއި ޖަގަހަތަކާއި، މީޑިއާ ކޭމްޕްތައް ފަދަ ތަންތަން މުޅިން ރޫޅާލައި، އެމްޑީޕީގެ މުދަލަށް ބޮޑެތި ގެއްލުންތައްދީ، އިލެކްޓްރޯނިކް ސާމާނުތައް ވަނީ ހަލާކުކޮށްލާފައެވެ.