ކައިރިން ދުށްތަން، ދޮގެއް ނުކުރެވޭނެ

ފުނަމާ

އިންސާނާއަށް ﷲ ދެއްވި ޙިއްސުތަކަކީ އޭގެ ބޭނުން ކޮށްގެން އިންސާނާއަށް ދެނެގަންނަން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްވާ ނިޢުމަތެކެވެ. އަނެކާއަށް އިހުސާސު ކުރެވުނު ޝުޢޫރެއް ނުވަތަ ފެނުނު ޙަގީގަތެއް ތިމާއަށް އެންމެ ފުރިހަމަ ގޮތުގައި ފަހުމް ނުވެދާނެއެވެ. ނަމަވެސް ތިމާގެ ލޮލުންދެކި އަހާ އަޑަކީ ގައިމުވެސް ތިމާއަށް ޔަގީންވެ އޮޅުންފިލައި ފަހުމްވާނެ އެއްޗެކެވެ. އެއެއް އަނެކުންނަކަށް ފަސްލައި ފޮރުވައެއް ނުލެވޭނެތާއެވެ.

ދިވެހިރާއްޖެއަކީ އަންޒަމާނުއްސުރެ މަތިވެރި ވެގެންވާ އިސްލާމް ދީނުގައި ސާބިތުވެތިބި ރައްޔިތެއް ދިރިއުޅެމުން ގެންދާ ގައުމެކެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނަނީ އެގައުމުގެ މީސްތަކުންގެ އަގީދާއާއި ސަގާފަތާވެސް އެކުލެވިގެންނެވެ. ދިވެހީންގެ ހިތުން އިސްލާމްދީނަށް ޙުރުމަތް ތެރިކޮށް ހިތުން ނައްތާލުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. ތެދެކެވެ. ދީނީ ޢަގީދާ ބަލިކަށި ބަޔަކުވެސް ދިވެހީންގެ ތެރޭގައި އުޅެފައި ވާނެއެވެ. އަދި މިއަދުވެސް އުޅެދާނެއެވެ. ނަމަވެސް ދިވެހީންނޭ ބުނެވޭ ކޮންމެ ކަމެއްގައި ދިވެހީންގެ އަޣުލަބިއްޔަތު ކަނޑައަޅާން ޖެހޭނެއެވެ.

އިންސާނީ ހަޟާރަތެއް އުފެދި އެކުވުމުގައި ކޮންމެހެން ފުރިހަމަ ކުރާންޖެހޭ ރުކުންތަކެއް ހުންނަކަމީ ހަގީގަތެކެވެ. އެގޮތުން އެބައެއްގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކޮންމެހެން ފުރިހަމަވާން ޖެހޭނެ ރުކުނެކެވެ. އެތެރެއާއި ބޭރަށް ހުޅުވާލެވިފައިވާ ވިޔަފާރި މީގެތެރޭގައި ހިމެނެއެވެ. އެންމެ އާދައިގެ ބަހުރުވައިން ބުނާނަމަ ވިޔަފާރިއަކީ ގަނެވިއްކުމެވެ. ނަމަވެސް ވިޔަފާރީގައި މިނޫން ކަންކަންވެސް ހިމެނެއެވެ. އަޅުގަނޑުމެންގެ މުސްލިމުންނަށްވެސް ﷲތަޢާލާ ވަނީ ވިޔަފާރި ޙަލާލު ކުރަށްވާފައެވެ. އިސްލާމްދީނުގައި ޙަރާމް ކުރަށްވާފައިނުވާ ކޮންމެ އެއްޗެއް ގަނެވިއްކުމަކީ ހުއްދަ ކަމެކެވެ. އުނުފޭރާމާއި، ކާބޯ ތަކެއްޗާއި މުސްހަފްއާއި ހަމަޔަށްވެސް ވިއްކައި ވިޔަފާރި ކުރެވިދާނެއެވެ. ޝަރުތަކީ އޮޅުވާލުމާއި މަކަރާ ހީލަތް ނުހެދުމެވެ. ނަފާވެރިކަން ހޯދުމަށް މިދެންނެވި ބީދައިން ކޮންމެ ވިޔަފާރިއެއްވެސް ކުރެވިދާނެއެވެ.

ﷲތަޢާލާ އެކަލާނގެ ކަލާމްފުޅުގައި ސަރީޚަ ބަސްފުޅުން އަންގަވާފައިވާ ގޮތުގައި މުސްލިމުންނަށް ވަނީ ވިޔަފާރި ޙަލާލު ކުރަށްވާފައެވެ. ހަމަ އެއާއެކު ރިބާވަނީ ޙަރާމް ކުރަށްވާފައެވެ. އެއެއްޗެއްގެ ހަމައަގުފިޔަވައި އިތުރަށް ނެގޭ ކޮންމެ އެއްޗަކީ ރިބާއެވެ. މިއީ ކަނޑައެޅިގެން އިންސާނިއްޔަތާވެސް ޚިލާފު ހުތުރު އެހާމެ ގޮތްކުޑަ އެއްޗެކެވެ. މީހަކު ހާޖަތެއް ޖެހިގެން އައުމުން ދަރަނީގެ ގޮތުގައި ދޭމިންވަރުގެ އެތަކެއްގުނަ އިތުރަށް އަތުލައި މިކަމަކީ ނަފާވެރި ކަމެއް ކަމުގައި ޖާހިލިއްޔަ ޒަމާނުގައި އޮތްގޮތަށް މިއަދުވެސް ދުނިޔޭގައި މިކަން ކުރަމުން ގެންދެއެވެ. ނަންރީތި ކޮށްލައިގެންނެވެ.
ހިތާމަޔަކީ އަދި ލަދުވެތިވާން ޖެހޭކަމަކީ އަންދުވަހުއްސުރެ ދިވެހީންގެ ތެރޭގައިވެސް ރިބާކައިއުޅޭ ބަޔަކު ތިބުމެވެ. ކުރީގައި މިކަމަކީ ދޭދޭ މީހުންގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއްގެ ގޮތުގައި އޮތްގޮތަށް މިއަދުވެސް މަދުންނަމަވެސް މިކަން ކުރާބަޔަކު އެބައުޅެއެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތީން ރިބާ ނަގައިދިނުން ހުއްދަ ކަމަކަށް ނުވާތީވެ ރަސްމީގޮތެއްގައި ދާދި ފަހާ ޖެހެންދެންވެސް ދިވެހި ރާއްޖޭގައި ރިބާއަށް ހިމެނޭ އެއްވެސް މިންވަރެއް ނަގައި ނުދޭކަން ޔަގީންކުރެވެއެވެ.

ހަތްދިހައިގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ބޭރުގައުމެއްގެ ކޮމާޝަލް ބޭންކެއް ހުޅުވި 2008 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގައި ވަނީ އިތުރު ކޮމާޝަލް ބޭންކުތަކެއް ހުޅުވާފައެވެ. މީގެތެރޭގައި ދިވެހީންގެ އަމިއްލަ ބޭންކުވެސް ހިމެނެއެވެ. ބޭންކުތަކުން ދޫކުރާ ލޯންއާއި ގުޅިގެން ނަގަމުން ގެންދާ އިންޓަރެސްޓަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމް ކުރަށްވާފައިވާ ރިބާކަމުގައި ދަންނަބޭކަލުން އިއްތިފާގުވެ ލަށްވައެވެ. އަދި ރިބާ އެކުލެވޭ ލޯނު ނަގާމީހާއާއި ،ދޭމީހާގެ އިތުރުން ލިޔާކާތިބާއި ހެކިވާ ދެމީހުންގެ މަށްޗަށް ﷲއާއި ރަސޫލާގެ ލައުނަތް ވާކަމުގައި ޢިލްމުވެރީން ބުނެއެވެ. މިހެން ދަންނަވާއިރުވެސް މިގައުމުގައި މިއަދު މަޝްހޫރުވެގެން އެއުޅޭ ފަހަރި ޝޭޚުން މިކަންކަން އެހެންގޮތަކަށް ބަދަލުވެސް ކޮށްފާނެއެވެ. އެކަމަކު ދުނިޔޭގެ އެންމެން ކުރިޔަސް ނުބައިކަމެއްވާނީ ހަމަ ނުބައި ކަމަކަށެވެ. ޝައްކެއްވެސް ނެތެވެ.

ހުޅުވުނު ބޭންކުތަކާއި ގުޅިގެން ދިވެހީން އިސާހިތަކު ލޯނުގެ މަޅީގައި ޖެހެން ފެށިއެވެ. ބޮޑެތި ރިސޯޓުތައް ހެދުމުން ފެށިގެން އަމިއްލަ މީހުންގެ ގެދޮރު އެޅުމާއި އަދިކީއް ރޯދަޔަށް ގޭގެ ފަރުނީޗަރު ބަދަލުކޮށްލުމާ ކައިވެނީގެ ހެދުން ތައްޔާރު ކޮށްލުމަށްވެސް ލޯނުނެގުމަކީ ފެޝަނަކަށް ވެގެން މިއަދުމިވަނީ ގޮސްފައެވެ. މިއިން ކޮންމެ ލޯނަކާ ގުޅިފައިވާ އިންޓަރެސްޓު ނުވަތަ ރިބާ ހުއްދަވެ ރަސްމީގޮތެއްގައި އެކަމަކީ ހަލާލު ކަމެކޭ ނުބުނިއެއް ކަމަކު ދައުރުވެ ދައުރުވެ ދިވެހީންގެ ތެރޭގައި މިއަދުވެސް މިއޮތީއެވެ.

ރާއްޖެއަށް ބޭންކިންގ ތަޢާރަފުވީއިރު ވެރިކަމުގައި ހުންނެވީ މާބޮޑު ދީނީ ޢިލްމުވެރިއެއް ނޫންކަމުގައި ބުނެއެވެ. ނަމަވެސް އެވެރިކަމަށްފަހު ދެންއައި ތިރީސްއަހަރު ރާއްޖޭގައި ވެރިކަންކުރީ ބައެއް މީހުންގެ ނަޒަރުގައި އެފަދަ ދެވަނައެއް ނުވާފަދަ ދީނީ ޢިލްމުވެރިޔެކޯލައެވެ. ނަމަވެސް ވެރިކަމަށް ބީތާވެ މޮޔަވެފައިހުރި މީހާގެ ލުއްޗާ ސިކުނޑިއަކަށް މިގައުމުގައި ރިބާ ޢާންމުވެ ރައްޔިތުން ބޯފެނަށްވުރެ ބޮޑަށް ރިބާގެ ވަބައިގައި ޖެހިފައިވާކަމެއް ނޭނގުނެވެ. ނުވަތަ އެނގުނު ކަމަކަށް ނުހެދިއެވެ. މީސްމީހުންގެ ގެދޮރުގެއްލި މަގުމަތީގައި ބިކަވެ ދިޔައިރު މިކަމަކީ ކިހާވަރެއްގެ ކަމެއްކަމެއް ރައްޔިތުންނަކަށް އަންގައެއްވެސް ނުދެވުނެވެ. ވާނީވެސް އެހެންތާއެވެ. ރަލާބެހޭގޮތުން އެކަލޭގެ ވެރިކަމަށް އައުމުގެ ކުރީން ދެއްކިވާހަކަ ވެރިކަމަށް އައުމުން ބަދަލުކޮށްލީ އެންމެ ބޮޑެތި މުނާފިގުންނެކޭވެސް އެއްގޮތަށެވެ.

ކޮންމެއަކަސް އެމްޑީޕީގެ ވެރިކަން ފެށި އެވެރިކަމުގެ އެންމެ ކުރީކޮޅުގައި މިދިވެހި ރާއްޖޭގައި ރިބާއިން ސަލާމަތް ވެފައިވާ އިސްލާމިކް ބޭންކެއް ހުޅުވިގެން ދިޔަކަމީ ފޮރުވެންނެތް ހަގީގަތެކެވެ. ގައިމުވެސް ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް ބޭންކެއް ގާއިމް ކުރެއްވީ މިއަދުގެ އިންތިޚާބީ ރައީސް ނަޝީދެވެ. މިހެން ދަންނަވާއިރަށް އެއްކަލަ އަނގަގަދަ މިތުރުން އަރައި އެހެންނުވާނެޔޭ އެއީވެސް އެއްކަލަ އަތްޕުޅު މަޑު ރައީސްއަށް ހުވަފެނުން ފެނުނު ކަމެކޭ ބުނެފާނެއެވެ. އެކަމަކު ދަންނަވަންތޯއެވެ. އަޅުގަނޑުމެން ކައިރިން ދުށްތަނެއް ދޮގެއް ނުކުރެވޭނެއެވެ. ދިވެހީން ރިބާގެ ވަބާއިން ސަލާމަތް ކުރުމުގެ މަތިވެރި ނިޔަތުގައި މިގައުމުގައި ރިބާއިން ނަޖިސްނުވާ އިސްލާމިކް ބޭންކެއް ގާއިމް ކޮށްދެއްވީ ގައިމުވެސް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އެމްޑީޕީގެ ވެރިކަމުގައެވެ.