އުސްފަސްގަނޑު ރޫޅާލުމަށް ކޯޓު އަމުރެއް ނުލިބުނު

އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ހިންގުމަށް އެ ޕާޓީއަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ އުސްފަސްގަނޑު ރޫޅާލުމަށް ކްރިމިނަލް ކޯޓުން އަމުރު ދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

އުސްފަސްގަނޑު ރޫޅާލަންޖެހޭ ސަބަބުތައް ބަޔާންކޮށް ބާޣީ ސަރުކާރުގެ ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކްރިނިލް ކޯޓުން ރިއާޔަތްކުރި އިރު، އެ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކަނޑައަޅައިފައެވެ.

އެމްޑީޕީން ފެބްރުއަރީ 17 އިން ފެށިގެން އެ ޕާޓީގެ ހަރަކާތްތައް ހިންގަމުން ދިޔަ ރާޅުގަނޑު ސަރަހައްދަށް ފުލުހުންނާއި ސިފައިން ގަދަކަމުން އަރައިގަނެ، އެތަން ސުންނާފަތި ކުރުމާއި ގުޅިގެން އެމްޑީޕީ އަށް މާލޭ ސިޓީ ކައުންސިލުން ދީފައިވާ އުސްފަސްގަނޑު ރޫޅާލުމަށް ބާޣީ ސަރުކާރުން މަސައްކަތް ކުރަމުންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެން ނަމަވެސް އެމްޑީޕީން ވަނީ އުސްފަސްގަނޑު އެ ޕާޓީގެ ދިދައާއި، ރީނދޫ ކުލައިން ޒީނަތްތެރިކޮށް، އެ ސަރަހައްދުގައި ސްޓޭޖް އަޅައި، ބެންޗާއި، އުނދޯއްޔާއި، ބާޣީ ސަރުކާރު ރަމްޒުކޮށްދޭ ކާޅުކޮށި ފަދަ ތަކެތި އެ ސަރަހައްދުގައި ބަހައްޓާފައެވެ.

އުސްފަސްގަނޑު އެމްޑީޕީއަށް ދޫކޮށްފައިވަނީ އެހެން ޕާޓީތަކަށް ވެސް ބިންދޫކުރާ އުސޫލުން ވަގުތީ ހުއްދައެއްގެ ދަށުން ކަމަށާއި، އެ ޕާޓީއަކީ އެންމެ ބައިބޯ އެންމެ ހަރަކާތްތެރި ޕާޓީއަށް ވުމާއެކު އެފަދަ ހުއްދައެއް ނުދީފިނަމަ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ބާއްވާނޭ ތަނެއް ނެތި މަގުމަތީގައި އެ ހަރަކާތްތައް ބާއްވަން ފަށައިފިނަމަ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރާނެތީ ކަމަށް މާލެ ސިޓީ ކައުންސިލުން ތަކުރާރުކޮށްދަނީ ބުނަމުންނެވެ.