މައިޒާން އަލިބެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި

އުސްފަސްގަނޑުގެ މައްސަލައިގައި މާލެ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިބެއާ ކްރިމިނަލް ކޯޓުން ބައްދަލުކޮށްފައިވަނީ އެ ކޯޓުގެ ރެޖިސްޓްރާ އެވެ. އަލިބެ މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ހިންގާ އުސް ފަސްގަނޑު ރޫޅާލުމުގެ ކޯޓު އަމުރަކަށް އެދި ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން ސުވާލުކުރުމަށެވެ. އެ ސުވާލުތަކަށް އަލިބެ ވަރަށް ފުރިހަމައަށް ޖަވާބު ދެއްވާފައިވާ ކަމަށް އެމްޑީޕީ ވެބްސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސިޔާސީ ހަރަކާތްތަކަށް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް އުސް ފަސްގަނޑު ދީފައިވަނީ ވަކި އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުމާ އެމްޑީޕީންޚިލާފްވެފައި ނުވާތީ އުސްފަސްގަނޑު ނުނެގޭނޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގަމުން ދިޔަ ރާޅުގަނޑު ސަރަހައްދަށް ސިފައިންނާއި ފުލުހުން އަރައިގަނެ، އެ ސަރަހައްދުގައި އެމްޑީޕީން ގާއިމްކޮށްފައިވާ ކޭމްޕްތައް ރޫޅާލައި، އެތަން ސުންނާފަތި ކުރުމާ ގުޅިގެން އުސް ފަސްގަނޑު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އެ ޕާޓީއަށް ދީފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.