އެމްޑީޕީން ދޫދިނުމުން އެޖެންޑާ ތަރުތީބަކާ މެދު އެއްބަސް ވުމަކަށް އާދެވިއްޖެ

ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ފެށި އޯލްޕާޓީ ޓޯކްސްގައި މަޝްވަރާކުރާނޭ މައްސަލަތަކުގެ އެޖެންޑާ ތަރުތީބަކާ މެދު އެމްޑީޕީން ދޫދިނުމާއެކު ޕާޓީތަކަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

އެޖެންޑާގައި އޮތް ހަ އައިޓަމްގެ ތެރެއިން އެންމެ ފުރަތަމަ މަޝްވަރާކުރުމަށް އެއްބަސްވެވުނީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމާ މެދު ކަމަށާއި އެންމެ ފަހުން މަޝްވަރާކުރުމަށް އެއްބަސްވެވުނީ ރިޔާސީ އިންތިހާބެއް ބާއްވާނޭ ތާރީހަކާއި މެދު ކަމަށް އޯލްޕާޓީ ޓޯކްސްގެ މޮޑަރޭޓާ އަހުމަދު މުޖުތަބާ ވިދާޅުވިއެވެ. ރާއްޖޭގެ ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށް މަޝްވަރާކުރުމަށާއި، އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްވެސް އިއްޔެގެ ބައްދަލުވުމުގައި އެއްބަސްވި އެވެ.

މުޖުތަބާ ވިދާޅުވީ ވާހަކަތައް އަނެއްކާވެސް އަންނަ ހަފްތާބަންދުގައި، ނުވަތަ ދެން ޖެހިގެން އަންނަ ހަފްތާ ބަންދެއްގައި ބޭއްވޭނެ ކަމަށް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި މަޝްވަރާތައް ހުއްޓާލަން ޖެހުނީ މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލްކުރާ ބޭފުޅުންގެ ގާނޫނީ ހައިސިއްޔަތާ މެދު އެހެން ޕާޓީތަކުން ގާނޫނީ ސުވާލުތަކެއް ފެންމަތިކުރައްވަމުން ގެންދެވުމުންނެވެ.

މި ވާހަކަތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު، އަދި ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރު ވިދާޅުވީ ގިނަ ޕާޓީތަކަކުން ބޭނުންވާ ގޮތަކަށް އެޖެންޑާ ތަރުތީބު ކުރުމުގައި ދޫދެއްވައި، އެމްޑީޕީން މަޝްވަރާއާއެކު ކުރިޔަށް ދިއުމަށް ތައްޔާރަށް ތިބިކަމަށެވެ.

އޯލް ޕާޓީ ޓޯކްސް އަލުން ފަށާފައި މިވަނީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ.ޑީޑީ އާއި ނާއިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެބޭފުޅުން އެޕާޓީގެ ލީޑަޝިޕުން ބޭރުކޮށްފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލައި ނިމެންދެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ނުގެންދާގޮތަށް އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ނިންމުމުން އޯލް ޕާޓީ ޓޯކްސް ކުރިއަށް ގެންދިއުން ހުއްޓާލާފައިވަނިކޮށެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަން މިހާރުވަނީ އެ ދެ ބޭފުޅުން ޕާޓީގެ ލީޑަރޝިޕުން ބޭރުކޮށްފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދާއި އެއްގޮތަށް ކަމަށް ނިންމާފައެވެ.