އެމްޑީޕީގެ ހަރުގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ނަގައިފި ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވި ގޮތުގައި އިމާދުއްދީން ކުރިމަތިން އަމީނީ މަގުގައި އެމްޑީޕީން މީގެ 3 އަހަރު ކުރިން ފެށިގެން ހަރުގެ ހަދާފައިވާ ބިން ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ނެގީ އެ ތަނުގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށެވެ.
އާސިފް މި ގޮތަށް ވިދާޅުވެފައިވީ ނަމަވެސް އެ ބިމުގައި ފައިނޭންޝަލް ސެންޓަރެއް އެޅުމުގެ އެއްވެސް ތައްޔާރީއެއް މިހާތަނަށް ވެފައި ނުވާކަން ފާހަގަކުރެވެއެވެ.
އެމްޑީޕީ ހަރުގެއަކީ ބަޣާވާތުގެ ކުރިން އެމްޑީޕީގެ ހުރިހާ ސިޔާސީ ޙަރަކާތެއް ހެން ހިންގަމުން އައި މައި މަރުކަޒު ނަމަވެސް ބަޣާވާތަށް ފަހު އެމްޑީޕީއަށް ތާޢީދުކުރާ މެންބަރުން އިތުރުވެ، ހަރުގޭގައި ޖާގައިގެ ދަތިކަން ކުރިމަތިވެ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން ގޮސްފައިވަނީ ރާޅުގަނޑު ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދުގައެވެ.
ވިޔަފާރި ވެރިންގެ ޖަމިއްޔާއިން އެމްޑީޕީގެ ހަރުގެ ހިންގަމުން އައި ބިން އެ ޖަމިއްޔާއަށް ނަގާފައިވާ ކަމަށް ބުނެފައިވާ އިރު، އެމްޑީޕީގެ ހަރަކާތްތައް ފެބްރުއަރީ 17 އިން ފެށިގެން ހިންގަމުން އައި ރާޅުގަނޑު ސަރަހައްދު ބާޣީ ސަރުކާރުން ވަނީ ގަދަކަމުން އަތުލާފައެވެ. އަދި މިހާރު އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން އަންނަ އުސްފަސްގަނޑު ވެސް މާލެ ސިޓީ ކައުންސިލްގެ ނުރުހުމުގައި އަތުލުމަށް ބާޣީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އާޓިފިޝަލް ބީޗާއި، ސަލްޓަން ޕާކް ވެސް ބާޣީ ސަރުކާރުން ވަނީ މާލެ ސިޓީ ކައުންސިލްގެ ދަށުން ވަކިކޮށް އެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.