އެއުޅެނީ ހަމަނިދި ނުނިދި ބޯގޮވައިގެންނެވެ!

ފުނަމާ

ވެރިކަމުން ބޭލީއްސުރެ ޚުދުމުޚްތާރު ކަތީބާއި އޭނާއަށް ތާއީދުކުރާ މީހުން ރަކިވެ ގަތްލަދުން ކުރާނެކަމަކާމެދު ސައްލާކޮށް އެންމެފަހުން ފާޅުގައި ރައްޔިތުން އިންތިޚާބުކުޅަ ސަރުކާރު ކޮންމެ ގޮތަކުން ނަމަވެސް ވައްޓާލާނެ ކަމުގައި އަޑުހަރުކޮށް ގޮވަމުން ގެންގޮސް އެމީހުންނާއި ބައިވެރިވި މުނާފިގު ކަމުން ފުރިފައިތިބި ސިޔާސީ ފަހަރި ސޭކުންތަކެއްގެ ފަތުވާއާއި ބައެއް މަހުޖަނުންގެ ފައިސާބޮނޑީގެ އެހީގައި ދިވެހި ސަލާމަތީ ބާރުތަކުގައި ހިމެނޭ މަދުބަޔަކަށް ރިޝްވަތުދީގެން ސަރުކާރު ވަށްޓާލުމަށް ރޭވި، ރޭވުމުގައި މަޝްހޫރު ފިލި ކަތީބު ބައިވެރިވެ ގެނައި ބަޣާވާތަށްފަހު އެމީހުން ހީކުރީ ދެންމިނިމުނީ ކަމުގައެވެ.

ތިރީސްއަހަރުން ރާއްޖެ ދިރުވާލި ކަލޭގެ މާމަޑުމަޑުން ފިލައި ހުރެގެން ދެން އުމުރުގައި ބާކީއޮތް ތަނެއް ކޮންމެދުވަހަކު ރައީސްއޮފީހަށް ވަނުމާއި ވެރިކަން ހިންގާންވީގޮތް ކިޔައިދިނުމުގައި ހޭދަކުރެވޭނެ ކަމުގައާއި އަލުން ތީމުގެ ވަގުފުން ލިބޭނެކަމުގެ ފޮނިއުންމީދުގައި ހުރިހުރުން މިއަދުމިވަނީ ހުވަފެނަކަށް ވާނެކަން ޔަގީންވެފައެވެ. ޕީއެޗުޑީ ނެގީއްސުރެ ރާއްޖޭގެ ވެރިކަމުގައި ހުރެވޭނެކަމުގެ އުންމީދުގައި ތިބި ކާޅުދެމަފިރިންވެސް ހީކުރީ އެމީހުން ބުނާހައި އެއްޗެއް ބައިނަލް އަގުވާމީ ދުނިޔެ ގަބޫލުކޮށް މިމަގުން ބޭނުން ކޮންމެ ކަމެއް ކޮށްލައި އަރާމުގައި ދުނިޔެއުމުރު ހޭދަކުރެވޭނެ ކަމުގައެވެ.

ނަމަވެސް ކަންމިއަދު ބަދަލުވަމުން މިދާގޮތުން އެވެރީން އެތިބީ މިހާރު ހެދުނު މޮޔަ ހިތަށްއަރައިފައެވެ. ފޫނުބެއްދޭ އެތަކެއް ދޮގުތަކުން ފުލުފުލުން ބޭޒާރުވެދަނީއެވެ. ފުލުހުންނާއި ސިފައިންގެ ތެރެއިން ރިޝްވަތުގައި ހިފައި ލިބުނު ފައިސާ ގަނޑުން މުޅިއުމުރު އުފަލުގައި ހޭދަ ކުރެވޭނެ ކަމުގައި ހިތި މީހުން މިއަދު ބަޣާވާތުގެ ސަބަބުން ލިބުނު މެޑެލިތައް ހަލުވަމުން މަގުމަތީގައި ދުއްވާލާފައި ދާއިރު އެކީ އެއްލަވަ އަކަށް އެއިވެނީ ” ބާޣީ ، ބާޣީ ، މަނީމަނީ ޔެސްސަރ! ” ގޮވާއަޑެވެ. އަރާރުޅިން ބާރަށް ދުއްވާފައިގޮސް އަމިއްލަ ގެޔަށް ވަންނައިރު ލޯބިލޯބި ކުޑަދަރިފުޅުވެސް އެގޮވާލަނީ ” މަނީ، މަނީ ޔެސްސަރ އެވެ.” ކިރިޔާ ވާހަކަ ދެއްކޭ ދަރިފުޅުވެސް އެބުނަނީ ” ކޮއްކޮމީ ބާޣީއެއްނޫން ، އެކަމަކު ކޮއްކޮގެ ޑެޑީއެއީ ބާޣީއެކޭއެވެ.” އަރާރުޅިން އަނބިމީހާގެ ކަންފަތް މައްޗަށް އަތްދޮވެލި ކިތަންމެ އޮފިސަރުންނެއް އެބައުޅެޔޭ ބުނާއަޑު އިވެއެވެ.

އެއްކަލަ ބަޣާވާތުގެ ދުވަހު މާފޮނިވެފައި ތިމަންނާ ބަނޑޭރި ކޮށްޓަށް ވަނުމުން ހުރިހައި މީހުން އުފަލުންއައިސް އުރާލި ކަމުގައި އެބުނި ބާޣީ ކަލޭގެ މިއަދު އުޅެނީ އަންހެނުންނާ އެކުގައި ނަމަވެސް ވަކިން ނަމަވެސް ބޭނުން ކުރަންޏާ ކުރާހައި ދޮރެއްގެ ބޭރުގައި މެޓަލް ޑިޓެކްޓަރ ހަރުކޮށްގެން މަރަށްބިރުން ފިލައެވެ. އެކަމަކު އެހެރީ ކާޅުބައިގެ ދިފާއީ ވަޒީރުކަން ލިބިފަތާއެވެ. ކުރީން ހީކުރީ މިއީވާ ފިސާރި ހަމަޖެހިލައިގެން އުނދަގުލެއްނެތި އުމުރަށް ދެންއިނދެވޭނެ ގޮނޑިއެއް ކަމުގައެވެ.

ތިމާމެންނަކީ ނަބީންނަށް ވުރެވެސް ދިވެހީންގެ ތެރޭގައި މަގުބޫލު ބައެކޭ އަމިއްލަޔަށް ހީކުރި ފަހަރި ޝޭޚުން މިއަދު ތަނެއްގައި އަނގަ ހުޅުވާލާއިރަށް ކޮންމެވެސް ބަޔަކު ނުކުމެ މޫނަށް ކުޅުޖަހައެވެ. ރަށްރަށަށް ދިއުމުން ފަހާބާލަނީއެވެ. މިންބަރަށް އަރައިފިއްޔާ މިސްކިތް ދޫކުރާމީހުންވެސް މަދެއް ނޫނެވެ. ބޮނަކުއާ ފެންބޮއެގެން ނާއިބުބާޣީގެ ރިސޯޓުގައި ކުޅިމަޖާ ނަގަނީއެވެ. ކުރެވުނު މުޑުދާރު ކަންކަން އެނގޭވަރުން ހަމަހޭގައި ތިބުންވެސް ދަތީތޯއްޗެކެވެ.
ކަރުގައި ހިފައި ދެބަސްވެ އުޅުނު މީހުންކޮޅު ބަޣާވާތާ ގުޅިގެން އެއްގަލަށް އަރައި ފެހިކައިގެން އުޅޭންލިބުނު ދެތިން ހަފުތާ މިހާރު ފަހަނަ އަޅައިގޮސް އިވެނީ ” ގުއިކޭ ވާހަކަ ” ގޮވާއަޑެވެ. އެކަކު އަނެކަކަށް މިހާރު އިސްތިއުފާއަށް ގޮވައި ނަގަނީއެވެ. ދެރޭން އެއްރޭ އެކަކު އަނެކެއްގެ ކަރުގައި ހިފާ ހިސާބަށް ޒުވާބުކޮށް ހަދަމުން ދާއިރު ކުރިމަތިވެދާނެ ރިޔާސީ އިންތިޚާބަށް ނެރޭނެ ނުނެރޭނެ މީހަކު ނޭނގިގެން މަރުވަނީއެވެ. ކޮންމެ މީހަކުވެސް ބޭނުމީ ވެރިކަމެވެ. އެކަކު އަނެކަކަށް އިތުބާރެއް ނުކުރެވެއެވެ.

ބޮޑުބާޣީ ފިލި ކަތީބަށް މިވީވަރަކީ އެހާދުވަހު ކަންކުރާގޮތް ބެއްޔެއް ކަމަކު ހަމަ އެއްކަމެއްވެސް ކުރާނެ ގޮތެއް ނޭނގުނެވެ. ކުރީކޮން ގޮތަކަށް ކަމެއްވެސް ނޭނގުނެވެ. ތިންއަހަރު ކެބިނެޓުގެ މޭޒުދޮށުގައި އިންއިރުވެސް އަބަދުވެސް ރިޔާސަތަށް ބަލައި އެގޮނޑިއަށް ދަހިވެ އިނދެވޭ ވަރުން އެތަނުގައި ދެއްކި ވާހަކައެއް ހަނދާން ހުންނަވަރެއް ނޫނެވެ. އެންމެ ފަހުން ބަޔަކު ޖެހި މަޅީގައި ބެދިގެން މިއަދު އެހެރީ މުޅިދުނިޔެއަށް ބޭޒާރުވެ ދެންހަދާނެ ގޮތެއް ނޭނގި އެވެސް މަރޭ މިވެސް މަރޭ ގޮވަގޮވައެވެ. ދިވެހި ރައްޔިތުން އިންތިޚާބުކުޅަ ކަތީބުގެ ނާއިބަކަށް ހުރެ މުޅި ގައުމަށް ޣައްދާރުވެ ރައްޔިތުން އެބަޔަކު ވެރިކަމަށް ގެނައުމަށް ނުރުހި ނޫނެކޭ ބުނިހައި އެންމެން ރައްޔިތުންގެ މައްޗަށް އިސްކޮށްގެން އެހެރަގެން ގަންނަ ގަނޑުން ދެކޭމީހުން ލަދުން ބޯފަޅައިގެން ދާހާވެއެވެ. ތިމާޔަކީ ރައްޔިތުންގެ ވޯޓަކުން ގައިމުވެސް ވެރިކަމަށް އާދެވިދާނެ މީހެއް ނޫންކަން އެނގިހުރެ ދިވެހި ރައްޔިތުންގެ ނުރުހުމާ އެކުގައި ނަމަވެސް އެގޮނޑިއަށް އެއިނީ ވެރިވެގަނެގެންނެވެ. ގަދަކަމުންނެވެ. ބަޣާވާތަކުންނެވެ.

ހީކުރިގޮތާ ޚިލާފަށް ރައްޔިތުންގެ ރުޅިވެރިކަން ފެނުމުން މިއީ ބަޣާވާތެއް ނޫންކަމުގައި ހެދޭތޯ އަމިއްލައަށް ކޮމިޝަނެއް ހަދައި ތިމާލިޔެފައި ދޭހައި އެއްޗެއްގައި ސޮއިކޮށް ނެރެދާނެ ކަމުގައި ހީވާހާ ބަޔަކު އެއަށްލައިގެން މިއީ ބަޣާވާތެއް ނޫންކަމުގައި ނިންމަން އުޅުނެއް ކަމަކު އެކަންކުރާން އެތިބަ މީހުންނަށްވެސް ރޯމާދުވާލުގެ އިރުފެންނަ ފަދައިން ކަންހިނގިގޮތް އެނގި އެއީ ބަޣާވާތެއް ނޫންކަމުގައި ނިންމެން ނެތަތީއާއި، ބަދަލުކޮށް ނެރެންޖެހޭ ރިޕޯޓުގަނޑުވާނީ ބަޔަކު ގަބޫލުނުކުރާ ވަރުގެ ހާސާރުގަނޑަކަށްކަން އެނގުމުންނާއި ތިމާގެ ފޫކޮޅުގައި ގުއިނެތް ކަމުގައި ބުނާން ތިމާނެރުނު މީހުންނަކީ ބައިނަލް އަގްވާމީ ދުނިޔެވެސް ގަބޫލުނުކުރާނެ ބައެއްކަން އެނގުމުން މިއަދު އެހުރީ އެއްކުރި ބޮނޑިވަރު ” އުނގަށް ” ގޮވައިފައެވެ. ކިތަންމެ ވަރަކަށް މޭމައްޗާ ހަމަޔަށް ބެގީކުރިޔަސް ކަޅުކާޅުގެ ފަތްގަނޑު ފޮރުވޭވަރެއް ނުވެއެވެ. ދެންހަދާނެ ގޮތް ހުސްވެ އެމްޑީޕީގެ ތެރެއިން ތާއީދުއޮތް ދެތިން ބާޣީން ބޭނުންކޮށްގެން އެމްޑީޕީ ގަނެލަން ކުރިހައި މަސައްކަތް އެވަނީ ބޭކާރެވެ. އެމްޑީޕީގެ ރޫޙަކީ ކޮބައިކަމާއި، އެމީހުންގެ އަމާޒަކީ ކޮބައިކަން އެނގޭ ވަރަށްވުރެ ބާޣީ ފިލި ކަތީބު ސިޔާސީގޮތުން އަދި މާޅަކަންވެސް އެނގުނީ ކުރިމަތިލާން ޖެހުނީމައެވެ. ތިމާސިޔާސީގޮތުން ” ކިރުބުއި ދަތްތައް ” ފަނިކައި ވާއުނދަގުލާއި އަނގައިންދުވާ ނުބައިވަހުން ދަތާބެހޭ މީހަކު ހޯދައިގެން ފަރުވާއެއް ހޯދަން ދުވުނެއް ކަމަކު ވައިއެޅޭ އެންމެންނަށްވެސް ހަގީގަތް އެބައެނގެއެވެ.

ދެންމިހާރު ބާޣީންގެ ހަތުރުން ކަމުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެންމެއިސްކޮށް ބާޣީންނަށް ރައްދުދެމުން ގެންދާ ފަރާތަކީ އެމްޑީޕީ ކަމުން ރެޔާދުވާލު ނުނިދައި އެކުރެވޭ މަސައްކަތަކީ އެމްޑީޕީގެ މެންބަރުން އެއްވެއުޅޭހައި ތަނެއް ރޫޅާ، ފުނޑާލުމެވެ. މިކަމުގައި ލެވެންއޮތްހާ ބާރެއްލައި އަނެއްކާވެސް ރިޝްވަތުދީފައި އެމްޑީޕީގެ ހަރުގެ ފުނޑާލައި މީހުންކޮޅު މަރާލަން ފުލުހުން ފޮނުވިހެން ފޮނުވާން ބަލާއިރު އެއްކަލަ ރިޝްވަތުދޭ މަހުޖަނު ކަލޭގެ އުޅޭކަމުގައި ވަނީ ތިމާއަށް މިކުރެވުނު ކަންކަން އެނގި ލިބިދާނެ އަދަބަކީ ކޮބައިތޯ ބެލުމަށް ވަކީލުންގެ ޖަމާއަތްތައް އެއްކޮށްގެންނެވެ. މިއީ މިއަދު އެވެރީންގެ ހާލެވެ. ގާނޫނެއް ގަވާއިދެއް ބެލުމެއް ނެތެވެ. ބަޣާވާތަށް ޚަރަދުކުރި ލާރިގަނޑު އަނބުރައި ދީފައި ބަލާލިއިރު ރައްޔިތުންނަށް ޚަރަދުކުރާނެ ފައިސާއެއް ހުރިކަމަކަށް ނުވެއެވެ. މިއަދުގެ ހާލަކީ މިއެވެ. ރައްޔިތުންނަށް ދެމުންދިޔަ އާސަންދަ ފަދަ އެންމެހައި ޚިދުމަތްތައް ކަނޑާލައި ނިންމާލަނީއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ބިންތައް ބާޣީންނަށް ބަހާލައިގެން ނަމަވެސް ތާއީދެއް ލިބޭތޯބަލަނީއެވެ. އެކަމަކު ބާޣީންގެ މެދުގައި އެކުރާ ޒުވާބާއި ކަރުހިފާ ހިފުންތައް ފެންނާތީވެ ދެންވާނެގޮތެއް ނޭނގި އެހެރީ ހަތަރު އުދަރެސް ފެނުއެޅިފައެވެ. މިއަދު އިވެމުންދާ އަޑުތަކާ ޔަގީންވާ ޔަގީންވުންތަކުން ތިމާމެން ފަޟީޙަތްވެ ބޮލާފޮށާ އެޅޭދުވަސް ދެންމާދުރުނޫންކަން އެނގި ކޮންމެ ބާޣީއަކުއެހެރަ އުޅެނީ ހަމަނިދި ނުނިދި ބޯގޮވައިގެންނެވެ.