މާލެ ސިޓީކައުންސިލުން ގަވާއިދާއި އެއް ގޮތަށް އެމްޑީޕީއަށް ދޫކޮށްފައިވާ އެ ކައުންސިލުގެ ބެލުމުގެ ދަަށުގައިވާ ބިމެއް ކަމަށްވާ އުސްފަސްގަނޑު ފުލުހުން ރޫޅާލައިފިނަމަ މުޅި މާލޭގައި އެމްޑީޕީން މަރުކަޒުކުރާނޭ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އަމިއްލަފުޅު ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަމުން ފޯނުން މިއަދު އެމްޑީޕީ ވެބްސައިޓަށް މައުލުމާތު ދެއްވަމުން މޫސަ ވިދާޅުވީ” އުސްފަސްގަނޑު ބާރުގެ ބޭނުން ކޮށްގެން އަތުލައިފިއްޔާ މުޅި މާލޭގައި އިޙްތިޖާޖުކޮށް މާލޭގެ އެކި ހިސާބުތަކުގައި މަރުކަޒުކުރާނަން. ބޮޑަށް ހަމަ އަމާޒުކުރާނީ އެމްއެމްއޭ ކައިރި މައި މަރުކަޒަކަށް ހަދަން.” ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގަށް އެއްވެސް ބަޔަކަށް އަރައިނުގަނެވޭނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީއަށް އުސްފަސްގަނޑު ދީފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެހަމައާއި އުސޫލު މުގުރާލުމަށްފަހު، ބަޣާވާތްކުރިހެން ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން އަސާސީ ހައްގަކަށް އަރައިގަތުމުގެ އިޚްތިޔާރު ބާޣީ ސަރުކާރަށް ލިބިފައިވާ ކަމަށް ހަމައާއި އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
“ދިވެހި ރައްޔިތުން އަތުން އެތަން (އުސްފަސްގަނޑު) ނެގުމަށްފަހު އެ ސަރަހައްދަކީ މާލެއަށް ގަވައިދާ ޚިލާފަށް އެތެރެވެފައިވާ ބިދޭސީން ހިތްއުފާކޮށްލަންދޭ ތަނަކަށް ހެދުންތޯ ރަގަޅީ. ނޫނީ އާންމުންނަށް ފަސޭހަވާނޭ ގޮތަށް ވަކިތަނެއްގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގަން ބޭއްވުންތޯ ރަގަޅީ. “، މޫސަ ސުވާލުކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ އިޙްތިސާސްތަކުގެ ތެރެއަށް ބާޣީ ސަރުކާރުން އަތްބާނަމުން ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި އެއްވެސް ގައުމެއްގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމެއްގެ ފުލުހުންނާ ސިފައިން ބޭނުންކުރަން ފަށައިފިނަމަ އެ ގައުމެއްގެ ހާލަތު ރަގަޅުވެގެން ނުދާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.