ރައީސް ނަޝީދު ދ.މީދުއަށް ކުރެއްވި ދަތުރުފުޅުގައި ކަން ހިނގާދިޔަ ގޮތް…

ލިޔުނީ: ޢަލީ ރަޝީދު އަޙްމަދު / ރިނބުދޫ

ފެށުން

މިއީ 6 މޭ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ދ.މީދޫއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން، މީދޫ ބަނދަރުމަތީގައި ހިނގާ ދިޔަ ކަންތައްތަކާއި ކުރިއަށް ދިޔަ ހަރަކާތްތަކުގެ މައްޗަށް ބިނާ ކޮށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި އެކުލެވިގެން ވާނީ މީދޫ ދަތުރުގައި ސީދާ އަޅުގަނޑުގެ ލޮލަށް ފެނުނު މަންޒަރުތަކެވެ. އަދި، ބަނދަރުމައްޗާއި ރަށުތެރެ ހަމަ އެކަނި އަޅުގަނޑުގެ ލޮލަށް ފެނިފައިވާ ގޮތަށެވެ. ސިފަކޮށް ދިނުމުގައި ވެސް ވާނީ އަޅުގަނޑުގެ ހިތަށް މަންޒަރު ވެރިވިގޮތެވެ.

ރައީސް ނަޝީދު ދާލު އަތޮޅަށް….

ރައީސް ނަޝީދު ދ.އަތޮޅަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއް ކައިރި މުސްތަޤުބަލެއްގައި އޮތްކަން އޭގެ ދުވަސްކޮޅެއް ކުރިން އެނގުނު ނަމަ ވެސް، އަޅުގަނޑުގެ ރަށަށް މި ދަތުރުގައި ވަޑައިނުގަންނަވާތީ ދަތުރު އޮތް ދުވަހެއް ކުރިއަކުން އެނގިފައެއް ނުވެއެވެ. 5 ވަނަ ދުވަހު މެންދުރު ފަހު، މީދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހިދު ފޯނުކުރައްވައި، ޖެހިގެން އަންނަ ދުވަހު ރައީސް ނަޝީދު މީދުއަށް ވަޑައިގަންނަވާތީ ގުލްޗަންޕާ (ގުލްސަންޕާ) މައު ކޮޅެއް ފެރީ އިން ފޮނުވާ ދިނުމަށް އެދުމުން ރައީސް ގެ ދަތުރުފުޅު އޮތީ 6 ވަނަ ދުވަހުކަން އެނގުނެވެ. މި ދަތުރުފުޅުގައި، ‘އެމްޑީޕީ ސަރުކާރުގައި މީދޫ އަށް ގެނެސްދެއްވި އެންމެ ބޮޑު އުފާވެރިކަން’، އާދެ! ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށާއި އެހެންކަމުން މީދޫއަށް އައުމަށް ޝާހިދު ދަޢުވަތުދެއްވިއެވެ.

6 މެއި 2012

މިދުވަހުގެ ހެނދުނު އަޅުގަނޑުމެން ދަތުރާ ބެހޭ ގޮތުން މަޝްވަރާ ކުރީމެވެ. އަދި އެ ދުވަހު މީދޫއަށް ދިޔުމަށް އަޅުގަނޑުމެން ނިންމީމެވެ. ދ.ހުޅުދެލިން މީދޫއަށް ދާ އޮޑީގައި ދަތުރުގައި ބައިވެރިވާ ގޮތަށް ދެފަރާތުން ވާހަކަ ދައްކައި ހަމަޖައްސައި މި ދުވަހުގެ މެންދުރު ފަހު މީދޫއަށް ދިޔުމަށް ދަތުރުފެށީމެވެ. މި ދަތުރުގައި އަޅުގަނޑާއެކުގައި ރިނބުދޫ ކައުންސިލްގެ ރައީސް ޚާތިމް އިބްރާހީމާއި، ރިނބުދޫ ކައުންސިލްގެ މެންބަރ އަދި އެމްޑީޕީ މީދޫ ދާއިރާގެ ސެކެޓްރީ އަޙްމަދު ނިޔާޒާއި ރިނބުދޫ ކައުންސިލްގެ މެމްބަރ ޔޫސުފް ނާފިޒާއި އެމްޑީޕި މީދޫ ދާއިރާގެ އިންތިޒާމް ސެކެޓްރީ މޫސާ ޢަބްދުﷲ (އާމިރު) އަދި ރިނބުދޫ އެމްޑީޕީ ގޮފީގެ އިސް ދެ ބޭފުޅުން ކަމުގައިވާ ނިޒާރުބެ އާއި ހަސަނުބެ ވެސް ބައިވެރިވެލެއްވިއެވެ.

މީދޫ ބަނދަރުމަތި….

މީދޫއަށް ލެފުނު އިރު ގާތްގަނޑަކަށް އަސުރުވެއްޖެއެވެ. މަސްވެރިކަމަށް ރާއްޖޭގައި ކުރިއަރައިފައި އޮތް މީދޫގެ ބަނދަރު ތެރޭގައި ކަންނެލި އޮޑިފަހަރާއި އާދައިގެ ދޯނި ފަހަރުގެ އިތުރުން ޑިންގީ ފަދަ އެކި ބާވަތްބާވަތުގެ އުޅަންދުފަހަރު ތަރުތީބުކޮށްލާފައި ހުރިލެ ވަރަށް ހިތްގައިމެވެ. އޮޑި ފަހަރުގައި ރީނދޫ ދިދަ ފައްޗާއި އެމްޑީޕީ ދިދަ އަދި ޤައުމީ ދިދަ ނަގާފައި ހުރި އިރު ބަނދަރުމަތީގެ އެކި ސަރަހައްދުންނާއި ބޭރު ތޮށިންވެސް ހަމަ މި ކުލަތައް ފެންނަން ހުއްޓެވެ. މުޅި ރަށް ވަނީ މިދުވަހަށް ކެތް މަދު ވެފައިކަން ފެންނަ މަންޒަރުތައް ހެކި ދެއެވެ. ބަނދަރުމަތީގައި ޒުވާން ފުރައިގެ ކުދިންނާއި ހަރު ކުލައިގެ މީހުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ގެންދެއެވެ. އަޅުގަނޑުމެން އެ ސަރަހައްދަކަށް ނުދަމެވެ. ރަށަށް އެރުމަށް ފަހު އަޅުގަނޑުމެންގެ ޓީމް އަވަސްވެގަތީ ކޮފީއަކަށް ދިޔުމަށެވެ.

ކޮފީއަށް ފަހު އެނބުރި ބަނދަރަށް އައިސް އެއްވެފައިވާ މީހުންނާއި ބައިވެރިވެލާ ސަލާން ގަލާން ކޮށް ހަދައިލުމަށް ފަހު ދަންނަ އެކި މީސްމީހުނާ ވާހަކަ ދައްކާލާ ހާލު އޮޅުން ފިލުވާލާ ޕާޓީގެ ވާހަކަ ތަކާއި ބަނދަރުގެ ވާހަކަތައް ދައްކަމުން ދިޔަ ވަގުތު ބަނދަރާ އެންމެ ކައިރިއަށް ހުރި ގެތަކުން ގެއެއްގެ ތެރެއިން، ‘އިދިކޮޅު’ ލަވަ ޖަހާ އަޑު އިވެއެވެ. އަދި 7 ފެބްރުއަރީ ދުވަހު ރައީސް ނަޝީދު މީޑީއާގައި އިސްތިއުފާ ދެއްވުމަށް ދެއްވި ޕްރެސް ގެ އޯޑިއޯ ވެސް ދޭތެރެއަކުން އިއްވާލައެވެ. ބަނދަރު މައްޗަށް އެއްވަމުން ދިޔަ ރީނދޫ ލަޝްކަރުގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނާންފެށިއެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމުގެ ޝުޢޫރުތައް އެވެރީން އެވެރީންނާއި ހިއްސާކުރަމުން ދިޔައެވެ. 5 ވަނަ ދުވަހު މެންދުރު ފަހު، އަތޮޅު ކައުންސިލާއި ސަރުކާރު ގުޅިގެން މީދޫ ބަނދަރު ހުޅުވުމޭ ކިޔާ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު ގެންނަވައިގެން ޖެއްސެވި ސަކަރާތުގެ ތެރެއަށް އެމްޑީޕީ އަށް ތާއީދުކުރާ މީހުން އައިސް ހަމަ ނުޖެހުން ނުހިންގާ ކަމާށާއި އެމީހުން ބޭނުން ކަމެއް ކޮށްފައި ދިޔަ އިރު، އެއްވެސް ކަހަލަ މަސްލަހަތު ގެއްލޭ ބާވަތުގެ ކަމެއް އެމްޑީޕީ މީހުން ނުކުރާ ކަމަށް ކަންބޮޑުވުމާއެކު ބައެއް މީހުން އަޅުގަނޑުމެން ގާތު ކިޔާދިނެވެ. ހަރުކުލައިގެ މީހުންގެ މޫނު މަތީން ކަންބޮޑުވުމާއި ހާސްކަން ފެނުނު ނަމަ ވެސް، އެމްޑީޕީގެ ނޫކަށި ފުރައިގެ ޒުވާނުންގެ ފަރާތުން ހިތްހަމަ ނުޖެހުމާ ރުޅިވެރިކަން ފާޅުވެއެވެ. ނަމަވެސް، އެ ކުދީން ވެސް މައިތިރިވެގެން ތިއްބެވެ. އެ އުޅެނީ ހަޖަމުނުކުރެވިގެން ކަމަށާއި ހަމަނުޖެހުން ހިންގަންކަމުން، ކުރިން ދުވަހުވެސް މަސްލަހަތު އިސްކުރި ފަދައި އެވަގުތު ވެސް އާންމު މަސްލަހަތު އިސްކުރުމަށް އެމްޑީޕީގެ ސަޕޯޓަރުން އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ.
އެއްވެފައިވާ އެންމެހާ ބޭފުޅުން ރައީސް ނަޝީދުއަށް އިސްތިޤްބާލުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ސަރަހައްދަށް ޖަމާވުމަށް އަޑުގަދަކުރާ އަކުން ޒުވާނަކު ހަރު އަޑުން ގޮވާލުމާއެކު ބަނދަރުގެ އެކި ހިސާބުތަކުގައި އެއްވެފައި ތިބި މީހުންތައް ހެލިގަތެވެ. އަދި އެ ސަރަހައްދަށް އެއްވެ ދެ ސަފަކަށް އެތުރިލިއެވެ. ބޮޑު މަންޒަރު ފެނުނީ އަދި އެ ވަގުތުގައެވެ. އެއްވެފައިވާ ގިނަ ބައިވަރު އަންހެނުންނާއި ފިރިހެނުން، ކުޑަކުދީންނާއި ބޮޑެތި މީހުން، އަދި ޒުވާނުންނާއި މުސްކުޅިން ފެނި %90 މަތީން ހިތަށް އަރައި ޒާތަކަށް ހިނިވެސް އައެވެ. އަޅުގަނޑުމެންގެ ޓީމްގެ ބައިވެރިން ވެސް ސަފުތެރެއަށް ވަދެއްޖެއެވެ. އަޅުގަނޑާއި ނިޔާޒް ކުޑަކޮށް އެއްފަރާތަކަށް ޖެހިލީމެވެ. ނިޔާޒު އުޅުއްވީ ފޮޓޯ ނެންގެވުމުގައެވެ. އަޅުގަނޑުގެ ކަމަކަށް އޮތީ އެމްޑީޕީ ޔެލޯ ފޯސްއަށް ރައީސް ނަޝީދުގެ ދަތުރުފުޅުގެ ލައިވް ފީޑް ޓެކްސްޓް ކުރުމެވެ.

ހަމަނުޖެހުން

ސަފަށް ވުރެ ތަންކޮޅެއް ފަހަތުގައި މަޑުކޮށްލައިގެން ހުއްޓާ އަންހެނަކު އައިޕެޑެއް ހިފައިގެން އުޅުނުތަން ފެނުނެވެ. ފޭސްބުކުގައި އަޅުގަނޑާ ވެސް ކޮންމެވެސް ވަރަކަށް ބަހުސް ކޮށްފައިވާ މި އަންހެނާ އަކީ އިދިކޮޅު ޚިޔާލުގެ މީހެކެވެ. އެއްވެފައިވާ އެމްޑީޕީ މީހުންނާ ދިމާއަށް އައިޕެޑް ދިއްކުރަމުން ގެންދިޔައެވެ. އެނަގަނީ ފޮޓޯ ކަމެއް ކުރަނީ ވީޑިއޯ ކަމެއް ނޭނގެއެވެ. އެކި ދިމަ ދިމާއަށް އަމާޒުކުރަމުން ގެންދިޔަ އިރު، އެމްޑީޕީ މީހުން މާބޮޑު ޝައުގެއް އޭނާ އަކަށް ނުދެއެވެ. ނަމަވެސް، ބައެއް މީހުން ހުއްޓިގެން އޭނާ ގެ ހަރަކާތައް ބަލަމުން ދިޔައެވެ. އެވަގުތު މީދުއަށް އައި ފުލުހުންގެ ޓީމެއް އެރިތަން ދުށީމެވެ.އާދައިގެ ޔުނިފޯމުގައި ތިބި މި ފުލުހުން ގޮސް ތިބީ ކިހާ ހިސާބެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއްލި ކަޅި އަކުން އަދި އެހެން މަންޒަރެއް ފެނުނެވެ. އެއްވެފައިވާ އެމްޑީޕީ މީހުންނާ ގާތްގަނޑަކަށް ސައްތައެއްހާ ފޫޓު ދުރުގައި ދޮޅަހަކަށް މީހުން ތިއްބެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ގިނަ މީހުން ތިބީ ޒާތެއްގެ ‘ފިޔާތޮށި’ ކުލައެއްގެ ހެނދުންތަކެއް ލައިގެން ހަމަ އެކުލައިގެ ފުއްޕާހަންތަކެއް ހިފައިގެނެވެ. ފުއްޕާފައި ހުރި ހަންތަކުގައި ލިޔެފައިވާ އެއްޗެއް ސާފެއް ނުވެއެވެ. އެމީހުން ފެނުމާއެކު މަޝްރަހު މާ ރަނގަޅު ނުވެދާނެހެން ހީވެ ހުރެ، ނިޔާޒްގާތުގައި އެދިމާ ބަލާލަން ބުނެލީމެވެ.

ވަގުތަކީ ރައީސް ނަޝީދު މީދޫއަށް ބޭލުމަށް، ލާންޗު ކައިރިއަށް ދިޔަ ރީނދޫ ކުރެވިފައިވާ ( މުޅި އޮޑީގައި ރީނދޫ ދިދަ ފަތި ދަމާ، ބެނާ ހަރުކޮށްފައިވާ) ކަންނެލި އޮޑި ފަޅަށް ވަތް ވަގުތެވެ. ދެން ފެނުނީ ފެންނާނެކަމަށް ހީވެސް ނުކުރާ މަންޒަރެކެވެ. ހިތްތިރި ކޮށްލައިގެން ތިބި އެމްޑީޕީ މީހުންގެ ދެ ސަފު ދޭތެރެއަށް އައި ޕެޑްގެ ވެރިޔާ ވަދެގަތެވެ. ފުރަތަމަ އަންހެންވެރީން ތިބި ސަފު އެއްކޮޅުން އަނެއްކޮޅަށް، މީހުންގެ މޫނާ ފުދޭވަރަކަށް ކައިރިން އައި ޕެޑް ދިއްކޮށްގެން ހުރެ އޭނާ ދިޔައެވެ. އެ އަންހެން މީހާގެ އަތުގައި ހިފައިގެން އެހެން އަންހެނަކު ވެސް ވަނެވެ. މީދޫ އަކީ އަޅުގަނޑު ކިޔަވަން އުޅުނު ރަށްކަމުގައި ވެފައި، ދަންނަ މީހުން ކިތަންމެ ގިނަޔަސް، އެއީ ކާކު ކަން އެނގޭ ވަރެއް ނުވިއެވެ. އެއްވެފައިވާ މީހުންގެ ތެރެއަށް ވަނުމާ އެކު އަޑުގަދަ ވިއެވެ. މީހުންތައް ހަޅޭލަވަން ފެށިއެވެ. ‘ބާޣީ’ ‘ބާޣީ’ އޭ ކިޔާ ގޮވަމުން ދިޔަ އަޑު ވަރަށް ސާފެވެ. އެހެން އެއްވެސް ޝުއޫރެއްގެ އަޑު ސާފެއް ނުވިއެވެ.

ލަވަމުން ދިޔަ ހަޅޭކަށް ނުބަލައި، އަންހެންވެރީންގެ ސަފު އެއްކޮޅުން އަނެއްކޮޅަށް އައި ޕެޑް ދިއްކޮށްގެން ދިޔުމަށް ފަހު ދެން މި އަންހެން މީހާ ދިމާކުރީ އެމްޑީޕީ ފިރިހެނުންގެ ސަފާއެވެ. ތަންގުގުމައިލީ އަދި އެވަގުތުއެވެ. ހަޅޭކުގެ އަޑު އިންތިހާއަށް ގަދަ ވިއެވެ. ސަފުގެ ދެބައިކުޅާ އެއްބަޔާ ހިސާބުން ފިރިހެނަކު އޭނާ ފަހަތުން ހިނގައި ގަތެވެ. ފަޅި ސިކުންތެއްހާ އިރު ވެސް ނުވެއެވެ. އެތައް ބަޔަކު، އޭނާ ފަހާ ހިނގައިގަތެވެ. އެމްޑީޕީ ގެ ސަޕޯޓަރުންގެ ސަފުތަކުން އަންހެނުނާއި ފިރިހެނުން ހަޅޭ ލަވަމުން އައިސް އޭނާ ވަށާލިއެވެ. އޭރު ޕީޕީއެމް މީހުން ވެސް އެހިސާބަށް އަރާ ހަމަ ވެއްވެއެވެ. މުޅިތަން ހޫނުވެ މަޝްރަހު ކިލަނބުވެއްޖެއެވެ. ދެފަރާތުގެ ދެމެދުގައި ވަރަށް ހޫނުކޮށް ޒުވާބު ކުރެވެމުން ދިޔައެވެ. ކިޔާނުކިޔާ ސާފެއްނޫނެވެ. އެކަކު އަނެކަކު ގައިގަ އެޖަހަނީ އޭ ހިތަށް އަރާހާ ކައިރިންނެވެ.
ރައީސް ނަޝީދު ވަޑައިގަންވަނީ އޭ، އެމީހުން ބައިތިއްބާށޭ، އެ އުޅެނީ ހަޖަމު ނުކުރެވިގެންނޭ، އެމްޑީޕީ މީހުން މި ކޮޅަށް އަންނާށޭ ގޮވަމުން އެމްޑީޕީގެ ބަޔަކު އައިސް ‘ހޫނު ވެފައިވާ’ އެމްޑީޕީ މީހުން ގެންދަން މަސައްކަތް ކުރިއެވެ. ޒުވާބު ހުއްޓާލުމަށް ފަހު ބައެއް މީހުން ރައީސްއަށް އިސްތިޤްބާލުކުރަން ދިޔައެވެ. ދެން ތިބި މީހުން ވެދިޔަހައިރު ހިފަހައްޓަލައިގެން ތިބި ރުޅިގަނޑު ހަމަ ރަނގަޅަށް ވެސް ބޭރު ކޮށްލުމުގައި ދެމި ތިއްބެވެ.

ދުރަކު ބަލަހައްޓައިގެން ނުހުރެވުނެވެ. ދުވެފައި ގޮސް އެއްވެފައި ތިބި އެމްޑީޕީ މީހުނާއި ޕީޕީއެމް މީހުންގެ މެދަށް ވަދެވުނެވެ. ރަނގަޅަށް ވަދެ ބަލައިލި އިރު، ދެ ފަރާތުގައި ވެސް ތިބީ މުޅިން ވެސް ދަންނަ މޫނު ތަކެވެ. އެހެނަސް، ތަނުގެ ހާލަތާއި، މަޝްރަހާ އަދި އަޅުގަނޑު އެރަށަށް ގޮސް ހުރި ހައިސިއްޔަތާ މެދު ވިސްނާލާފައި އަޅުގަނޑު ވެސް ބެލީ އެމްޑީޕީ މީހުން ދުރު ކުރެވޭތޯއެވެ. ވަރަށް މަސައްކަތް ކޮށް ގެން ވެސް ދުރަށް ދިޔައީ ތިން މީހުނެވެ.

ރައީސް ނަޝީދު މީދުއަށް ފައިބާ ވަޑާއިގަތުން…

ދިވެހިރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވާފައިވާ ޖެހިލުން ކުޑަ އެމްޑީޕީގެ ފައުންޑަރ އަދި އެންމެ އިސްލީޑަރު މުހައްމަދު ނަޝީދު މީދޫއަށް ފޭބުމާ އެކު އެމަނިކުފާނަށް އިސްތިޤްބާލުކުރަން އައިސް ތިބި އެތައް ރައްޔިތުންނެއް ރައީސް ވަށާލިއެވެ. އަދި ކެނޑިނޭޅި މަރުހަބާގެ ބަސްތަކާއި އަތްތިލަބަޑިން ވެދުންކުރަމުން ދިޔައެވެ. އެއްވެފައި ތިބި ޕީޕީއެމް މީހުން އެކި ޒާތްޒާތުގެ އެއްޗިހި ގޮވަމުން ދިޔައެވެ. އެމްޑީޕީ ބައެއް މީހުން އެމީހުނަށް ރައްދު ދެމުން ގެންދިޔައެވެ. އޭރު އެއް ދިމާލުން މަރުހަބާގެ ލަވަ ޖަހަމުން ދިޔައިރު، އަނެއްދިމާލުން އިވެނީ ހަޅޭކުގެ އަޑެވެ. އެއްވެފައިވާ އެމްޑީޕީ މީހުންގެ ތެރެއަށް ޕީޕީއެމް އެއްވެސް މީހަކު ވަނަ ނުދިނުމަށް އެމްޑީޕީ މީހުން މަސައްކަތް ކުރަމުން ދިޔައެވެ. އަދި ރައީސް ނަޝީދު އަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ ރައްކާތެރިކަން ލިބެމުން ދިޔައެވެ. ދެފަރާތުގެ ހަމަނުޖެހުން ކުރިއަށް ދިޔަ ހިސާބުގައި ހުރެފައި، ރައީސް ނަޝީދު ހުރި ހިސާބަށް ދިޔުމަށް އަޅުގަނޑު ގަސްތުކުރީމެވެ. އެއްވެފައިވާ މީހުންގެ ގިނަ ކަމުންނާއި، ރައީސްގެ ސަޕޯޓަރުން އެމަނިކުފާނުގެ ވަށާލައިގެން ތިބުމުން އެހިސާބާ ކައިރިވެވެން ވެސް ނެތެވެ. ރަސްމިއްޔާތު އޮތް ހިސާބަށް ހިންގަވާފައި ރައީސް ނަޝީދު ވަޑައިގެންނެވި އިރު ވެސް އަޅުގަނޑަށް ރައީސް ފެންނަ ވަރެއް ނުވެއެވެ.

ރަސްމިއްޔާތު…..

ކުއްލިއަކަށް ލައިވް ފީޑް މަތީން ހަނދާން ވުމުން، ފޯނު ނަގާ ބެލި އިރު ”ބްރޯ އެނީ އަޕްޑޭޓް؟” އޭ ޖަހައިފައި އިން ދެ މެސެޖެއް އަޅުގަނޑުގެ ޔެލޯ ފޯސް އެކުވެރިޔާ ފޮނުވާފައި އިނެވެ. ކުޑަކޮށް އެއްފަރާތަކަށް ޖެހިލާ، ފޯނު ދެ އަތަށް ހެޔޮ ވަރުކޮށްލާ، ކީޕެޑް މަތީގައި އިނގިލިތައް ރުކުރުވާލައިފީމެވެ. ނަސީބު ކަމެއް ބަދު ނަސީބުކަމެއް ނޭނގެއެވެ. ހިނގައި ދިޔަ ހުރިހާ ކަމެއް ލިޔާނެހާ ވަގުތު ނުލިބިގެން އުޅެނިކޮށް ކަންފަތުގައި ޖެހުނީ ޤުރުއާނުގެ އަޑެވެ. ރަސްމިއްޔާތު ފެށުނީއެވެ. އަވަސް އަރުވާލާފައި އެދިމާއަށް މިސްރާބު ޖެހީމެވެ. ދޭތެރެ ހާވަމުން ގޮސް، ކުރިއަށް އަރައި ހަމަ ޖެހިލީމެވެ. އޭރު ވެސް އިދިކޮޅު ފަރާތްތަކުން ދުރުގައި ތިބެ އެކި އެއްޗިހި ގޮވަމުން ދެއެވެ. އެ ސަރަހައްދުގައި ކޮންމެ ވެސް ވަރަކަށް އެމްޑީޕީ މީހުން ތިބި ނަމަވެސް، ގިނަ މީހުން ތިބީ ރަސްމިއްޔާތުގައެވެ. އެކަކު އަނެކަކުގެ އަތު ގުޅުވާލައިގެން ރަސްމިއްޔާތު ކުރިއަށް ދިޔަ ސަރަހައްދުގައި މީހުން ތިއްބެވެ. ‘އެކެއް އަނެކެއްގެ ކިބައިން ހިތްވަރު’ ލިބިގަނެގެނެވެ. ފިސާރި ޖޯޝުގައެވެ. ޤުރުއާނުގެ ބަރަކާތުން ފެށިގެން ދިޔަ މި ޖަލްސާގައި މީދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހިދު ވާހަކަ ދެއްކެވުމަށް ފަހު ދެން އޮތީ ރައީސް ނަޝީދުގެ ތަޤްރީރުކުރެއްވުމެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާގެ ވަރުގަދަ ބަސް ތައް، އެއްވެފައި ތިބި އާންމުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދޭ ކަން ހާމަވާ އެންމެ ބޮޑު ދަލީލަކީ ކެނޑި ނޭޅި އިވޭ އަތްތިލަ ބަޑީގެ އަޑެވެ. ރާއްޖެޓީވީ އިން ވަގުތުން ދުރަށް ދެއްކި މި ރަސްމިއްޔާތުގެ މާ ބޮޑު ތަފްސީލަކަށް ނުގޮސް މިހިސާބަށް ކުރުކޮށްލާނަމެވެ.

ޖަގަހަ ބިންގާ އެޅުމާއި ބޮޑު ދިދަ ނެގުން….

ރަސްމިއްޔާތަށް ފަހު ދެން އޮތީ ހަވީރުގެ ސައެވެ. ހަމަ ބަނދަރު މަތީގައެވެ. ސަޔަށް ފަހު ދެން އޮތީ މީދޫ ގައި ހަދާ އެމްޑީޕީ ޖަގަހައިގެ ބިންގާ އެޅުމެވެ. އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ރައީސް ނަޝީދު، ޖަގަހައިގެ ބިންގާ އަޅަން ތައްޔާރު ކުރެވިފައިވާ ތަނަށް ވަޑައިގެންނެވިއެވެ . ޖަގަހައިގެ ބިންގާ އެޅުމާއި ބޮޑު ދިދަ ނެގުން އޮތީ ކުރިން ދަންނަވާލި އިދިކޮޅު ލަވަތައް ޖަހަމުން ދިޔަ ގެޔާއި ޖެހިގެން ހުރި ގޭގައެވެ. އެ ހިސާބަށް ދިޔަ އިރު މި ދެންނެވި ގޭގެ ބެލްކަނީގައި ތިބި ބަޔަކު ކޮންމެވެސް ހަޅޭކެއް ލަވަމުން ދިޔައެވެ. ކުރާނެ ކަމެއް ނެތެވެ. އެމްޑީޕީ މީހުން ގެ އަޑު މާ ގަދަ އެވެ. ކުލަ ރީނދޫ ފާރު ބުރި މަތީގައި ރައީސް ނަޝީދު ގެ އަތްޕުޅުން ރަމްޒީ ބިންގާ ބައިންދާލުމަށް ފަހު ހަމަ އެހިސާބުގައި ހުރި ބޮޑު ދިދަ ރައީސް ނަންގަވައި ދެއްވިއެވެ. އެއަށް ފަހު އެމްޑީޕީ ގެ ހިތްވަރުގަދަ ލަޝްކަރާ އެކު އެނބުރި ބަނދަރަށް ވަޑައިގެން ބަނދަރު މަތީގައި ރުކެއް އިންދަވައިދެއްވިއެވެ. އެތަނަށް ވެސް ޕީޕީއެމްގެ މީހުން އައިސް ހާޖާނު ހެދި ނަމަ ވެސް، ކާމިޔާބު ވާގޮތެއްނުވިއެވެ. ތާއީދު ކުރައްވާ ބޭފުޅުންނާއެކު، ފައިންޕުޅުގައި ރައީސް އަނެއްކާ ވެސް ވަޑާއިގެންނެވީ ކުރިން ރަސްމިއްޔާތު ކުރިއަށް ދިޔަ ސަރަހައްދަށެވެ.

އެމްޑީޕީ ހިންގާލުން ރައީސް ނަޝީދާ އެކު…

އިރު ކޮޅަކު ސަރަހައްދުގައި މަޑުކޮށްލުމަށް ފަހު ދެން ތައްޔާރުވާން ފެށީ ހިނގާލުމަށެވެ. ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑާއިގެންނެވި މި ހިނގާލުމަށް އެމްޑީޕީގެ އެންމެހާ ސަޕޯޓަރުން ސަފު ސަފަށް އަރާ، ހަމަޖެހިލުމާއެކު، ޒުވާން ‘ފްލެގްމޭން’ އެއްގެ ޖަޑިބު ކަމުގައި މުޅި ލަޝްކަރު ހިނގަން ފެށިއެވެ. ބަނދަރުމަތީން ގޮސް ރަށްވަށާ އޮންނަ މަގަށް އެރިއެވެ. ހިނގާލުމުގެ ތެރޭގައި ހުރި ޒުވާން ފިރިހެނަކު އަޑުގަދަކުރާ އިން ނަގާކިޔާން ފެށުމާ އެކު، ހިނގާލުމުގައި އެމްޑީޕީވަންތަކަމެއް ޖެހި މުޅިތަންގަނޑު އެކީ ‘މަނީ މަނީ….ޔެސް ސަރ’، ”އިންތިހާބު….އަވަސްކުރޭ” އަދި ”ކޮބާ ކޮބާ…..މަގޭ ވޯޓު؟؟” ގެ އަޑުން ގުގުމަންފެށިއެވެ. ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ހުރެވުމުގެ ސަބަބުން، ހިނގާލުމުގައި މީހުން ތިބި އަދަދާއި ލަޝްކަރުގެ ބޮޑުކަމެއް ނުފެނުނެވެ. ބަލާކަށް ހަޤީޤަތުގައި ނުވެސް އުޅެމެވެ. އެއަށް ވުރެ ބޮޑަށް ސަމާލުކަންދިނީ ގޮވަމުން ދިޔަ ‘އަންބާ’ގައި ބައިވެރިވުމަށެވެ. ރަށްވަށާ އޮންނަ މަގުން އައިސް، ރަށު ތެރެއަށް އެރިތަނުން ނަގާކިޔާ އަޑު ބަދަލު ވެއްޖެއެވެ. އަންހެން އަޑަކަށެވެ. ހަމަ އެންމެ ތަންކޮޅެއް ވެސް ދެރައެއް ނޫނެވެ. އެމްޑީޕީ ވިއްޔާ ހަމަ އުޅެނީ ‘ފިސާރި އަންހެނުން’ ތާއޭ ހިތަށް އެރިއެވެ. ރަށުގެ އެކި މަގު މަގުން ހިނގަމުން ގޮސް، ކޮންމެ މިސްކިތަކާ ހިސާބުން ގޮވުން ހުއްޓާލިކަން ފާހަގަކުރެވުނެވެ. (ދީން ހިމާޔަތްކުރާ މީހުންގެ ސަމާލުކަމަށް…) ރަށުތެރެއިން ވަރަށް އަމާން ކަމާއެކު ހިނގާލުމަށް ފަހު ބަނދަރަށް ދެވުނު އިރު ވެސް، މަޤްސަދު ހާސިލުކުރުމަށް ފެންބޮވާގެންފައިވާ ޕީޕީއެމް މީހުންކޮޅު ހަމަ އެތަނުގައި ތިއްބެވެ.

ރައީސް ނަޝީދު ފުރާވަޑައިގަތުން….

ހިނގާލުމަށް ފަހު އެމްޑީޕީގެ ސަޕޯޓަރުން ބަނދަރަށް ދިޔައީ ރައީސް ނަޝީދު ފުރުވާލުމަށެވެ. ތޮށިގަނޑާ ހިސާބުން އެއްވެފައިވާ މީހުން އެމަނިކުފާނާ ސަލާމްކުރަމުން ދިޔައެވެ. އެތަނުން މީހަކު ވަރަށް ހިތްވަރާ ޖޯޝުގައި ”ރައީސް ހިތްވަރު ދޫނުކުރައްވާތި!” އޭ ބުނެލި އަޑުއިވުނެވެ. އެވަގުތު ‘އަންނި…އަންނި’ އޭ އެންމެން ގޮވަށް ފެށިއެވެ. މީދޫގައި ހަވީރުގެ ވަގުތުކޮޅެއް ހޭދަކުރެއްވުމަށް ފަހު އެމަނިކުފާނު އޮޑިއަށް ވަޑާއިގެންނެވުމާ އެކު، އަތްތައް އުފުލި ‘ޓާޓާ’ ގެ ހަނާ އެޅުމަކުން، އެމްޑީޕީގެ އެންމެހާ މެންބަރުން ރައީސްއަށް ވަދާޢު ކިއެވެ.

ނިންމުން

ވަރަށް ތަފާތު ދަތުރެކެވެ. ނުތަނަވަސް ކަމާ، ހިތް ހަމަ ނުޖެހުމާއި، ރުންކުރުވުމުގެ އިތުރުން ވަރަށް އުފާ ވެސްވިއެވެ. އެކި ކަހަލަ އިހްސާސްތަށް ގެނުވި މި ދަތުރު ވެގެން ދިޔައީ އަޅުގަނޑުގެ ހަޔާތުގައި ޚާއްސަ ޝައުޤުވެރިކަމެއް ދެވުނު ދަތުރަކަށެވެ. ދަތުރުގައި ކަންތައް ދިމާވި ގޮތުން މީދޫއެމްޑީޕީ މީހުންނަށް ވެސް މި ކަހަލަ ކިތަންމެ އިހުސާސެއް ވެރި ކުރުވި އެވެ. ނަމަވެސް، އެމްޑީޕީ ވިއްޔާ އަޒުމެއް ދުލެއް ނުކުރާނެ އެވެ. ތުރާކުނުން ފެށިގެން އައްޑޫއާ ހަމަ އަށް ވެސް ކަން ހުރީ މި މަގުންނެވެ. މީދޫ ފަޅުން ނުކުތުމާ ހަމަ އަށް ވެސް އެކި ކަހަލަ ޝުއޫރުތައް ހިތަށް އަރާ ފައިބަމުން ދިޔައެވެ. މީދޫއިން ފުރުނު އިރު އިރުއޮއްސިއްޖެއެވެ.