އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުންނަށް އަންގައިފި

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ޖޫންމަހުގެ ނިޔަލަށް އެޕާޓީއަށް ދީފައިވާ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އުސްފަސްގަނޑު ރޫޅާލުމަށް ހޯމް މިނިސްޓްރީން މިއަދު ފުލުހުންނަށް އަންގައިފިއެވެ.

އެމްޑީޕީން ފެބްރުއަރީ 17 އިން ފެށިގެން އެ ޕާޓީގެ ހަރަކާތްތައް ހިންގަމުން ދިޔަ ރާޅުގަނޑު ސަރަހައްދަށް ފުލުހުންނާއި ސިފައިން ގަދަކަމުން އަރައިގަނެ، އެތަން ސުންނާފަތި ކުރުމާއި ގުޅިގެން އެމްޑީޕީ އަށް މާލޭ ސިޓީ ކައުންސިލުން ދީފައިވާ އުސްފަސްގަނޑު ރޫޅާލުމަށް ބާޣީ ސަރުކާރުން މަސައްކަތް ކުރަމުންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެން ނަމަވެސް އެމްޑީޕީން ވަނީ އުސްފަސްގަނޑު އެ ޕާޓީގެ ދިދައާއި، ރީނދޫ ކުލައިން ޒީނަތްތެރިކޮށް، އެ ސަރަހައްދުގައި ސްޓޭޖް އަޅައި، ބެންޗާއި، އުނދޯއްޔާއި، ބާޣީ ސަރުކާރު ރަމްޒުކޮށްދޭ ކާޅުކޮށި ފަދަ ތަކެތި އެ ސަރަހައްދުގައި ބަހައްޓާފައެވެ.

އުސްފަސްގަނޑު އެމްޑީޕީއަށް ދޫކޮށްފައިވަނީ އެހެން ޕާޓީތަކަށް ވެސް ބިންދޫކުރާ އުސޫލުން ވަގުތީ ހުއްދައެއްގެ ދަށުން ކަމަށާއި، އެ ޕާޓީއަކީ އެންމެ ބައިބޯ އެންމެ ހަރަކާތްތެރި ޕާޓީއަށް ވުމާއެކު އެފަދަ ހުއްދައެއް ނުދީފިނަމަ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ބާއްވާނޭ ތަނެއް ނެތި މަގުމަތީގައި އެ ހަރަކާތްތައް ބާއްވަން ފަށައިފިނަމަ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރާނެތީ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ. .