އިސްލާމީ ޝަރީޢަތަށް މަލާމާތް ނުކުރާށެވެ!

ފުނަމާ

އަރަހުށި ހުސްތާހިރު ވަންތަ ﷲ، އެއިލާހުގެ ދަރުމަ ވަންތަ ކަމުން މިގައުމަށް ދެއްވާފައިވާ އެންމެ މަތިވެރި ނަސީބަކީ މިގައުމުގެ މީސްތަކުންނަށް ދެއްވާފައިވާ ހިދާޔަތެވެ. ތާކުންތާކު ނުޖެހޭ ގޮތްތަކަކަށް އުޅެމުންއައި މިގައުމުގެ މީސްތަކުންނަށް އިސްލާމީ ހިދާޔަތުގެ ނޫރު ލިބިދެއްވައި އެގޮތުގައި މިގައުމު ދެމިއޮންނަތާ މިވަނީ އެތަކެއް ގަރުނުވެފައެވެ. އިރާދަފުޅާއި ، މިންވަރުފުޅުން މިގައުމުން އިސްލާމްދީނުގެ ނޫރު ނައްތާލުމަށް އެއްވެސް ބަޔަކުކުރި މަސައްކަތެއް މިއަދާ ހަމަޔަށްވެސް ކާމިޔާބު ވެފައެއް ނެތެވެ.

ދިވެހީން އިސްލާމުންގެ ގޮތުގައި މިހޭދަކުރި ދިގުމުއްދަތުގެ ތެރޭގައިވެސް ބޮއްސުންލައި، ހަމަލޭނަކަށް ނޭޅި އޮންނަ ކަމުގައި މިބުނެވެނީ ރާއްޖޭގެ ޝަރުޢީ ދާއިރާއެވެ. އެއިރެއްގައި ހުންނަ ވެރިއެއްގެ ބާރުގެ ދަށުގައި އޮންނަގޮތަށް ދާދިފަހާ ޖެހެންދެން ޝަރުއީ ދާއިރާ އޮތުމުގެ ސަބަބުން އެދާއިރާއިން މިނިވަންކަމާއި އެކުގައި ކަންކަން ނިންމުމުގެ ބަދަލުގައި އަބަދުމެ އިވެނީ ދާއިރާގެ ދޯދިޔާ ކަމުގެ ވާހަކައެވެ. އިސްލާމީ ޝަރީޢަތޭ ކިއެއްކަމަކު އެންމެ ފުރިހަމަޔަށް އިސްލާމީ ޝަރީޢަތް މިގައުމުގައި ގާއިމު ކުރެވިފައި ނުވާކަމީ ، މިދިގު ތާރީޚަށް ބަލާލުމުން އެނގޭންއޮތް ޙަޤީގަތެކެވެ. ވެރިޔަކަށް ހުންނަ މީހާ ބޭނުންހާ ގޮތަކަށް ޝަރީއަތުގެ ހުކުމްތައް އިއްވުމަކީ ގާޟީންނަށް ވާޖިބު ކަމެއްގެ ގޮތުގައި އޮތް އޮތުން މިއަދުވެސް މިއޮތީ ގާތްގަނޑަކަށް އެގޮތުގަ ކަމުގައި ބުނެވިދާނެއެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް އަދުލު އިންސާފުން ބޭރުވެ ހުކުމް ކުރެވޭނަމަ އެކަން ބެލެވޭނީ އިސްލާމްދީނަށް ކުރެވޭ ފުރައްސާރައެއް ކަމުގައެވެ. މީގެ އެންމެ ނުރައްކާ ކަމަކީ މިދީނުގެ ހަމަހަމަކަމާއި އިންސާފުވެރި ކަމާމެދު މީސްތަކުންގެ ހިތުގައި ޝައްކު އުފެދުމެވެ. އެހެންނަމަ އެކުރެވެނީ ބިރުވެރި ކަމެކެވެ. ރާއްޖެއިން އިސްލާމްދީން ފޮހެލަން ބޭނުންނުވާނަމަ އިސްލާމީ ޝަރީޢަތުގެ އިންސާފު ވެރިކަން އަބަދުވެސް މީސްތަކުންނަށް އަމަލާ ބަހުން ދައްކައިދޭން ޖެހެއެވެ. މިކަމުގެ ޒިންމާ ކޮނޑު އަޅައިގެން ތިބީ ރާއްޖޭގެ ފަނޑިޔާރުންނެވެ. ދަށު ކޯޓަކުން ވިޔަސް ހައިކޯޓުން ވިޔަސް އަދިކީއް، ސްޕްރީމް ކޯޓުން ވިޔަސް ހިންގާން ޖެހޭނީ އިސްލާމީ ޝަރީއަތެވެ. ނިންމާ ކޮންމެ ނިންމުމެއް ޖެހޭނީ އިސްލާމީ ޝަރީޢަތުގެ ގިއުގަނޑުގެ ތެރެއިން އިންސާފުވެރި ކަމާއެކު ނިންމާށެވެ.

މިއަދު އަމަލު ކުރެވެމުންދާ ގާނޫނުއަސާސީގެ ދަށުން ދައުލަތުގެ ތިންބާރު މިވަނީ ވަކިކުރެވިފައެވެ. މިނިވަން މުސްތަގިއްލު ބާރެއްގެ ގޮތުގައި ޖޫޑިޝަރީ އޮތްއިރު އެދާއިރާގައި ހުކުމް ކުރާންތިބި ފަނޑިޔާރުންގެ ސުލޫކާއި ޢިލްމީ ފެންވަރާމެދު ގިނަބައެއްގެ ހިތުގައި ހިނގަނީ ޝައްކެވެ. އެއްކަހަލަ ދެމައްސަލައެއްގައި ކުރެވޭ ހުކުމް ތަފާތެވެ. ނިންމާ ނިންމުންތަކާއި ނެރޭ ހުކުމްތަކުގައި ފާޅުވެ އެނގޭ މިންވަރަށް ޒާތީގޮތް އެކުލެވިގެން ވެއެވެ. ދަށުކޯޓު ތަކާއި މަތީ ކޯޓުތަކުގެ އިހްތިސާސް އަކީ ކޮބައިކަން އޮޅޭ މިންވަރަށް މިދަރަޖަ ތަކުގައި ތަފާތު އެބަހުއްޓެވެ. ނަމަވެސް ޝަރުއީ ދާއިރާ އިންސާފުވެރި ކުރުވައި ހަމަހަމަ ކުރުވުމަށް ކުރެވޭ ކޮންމެ މަސައްކަތެއް ދަނީ ފަނުފުލުންނެވެ. ދައުލަތުގެ ވެރީން ކަމުގައިވާ ދިވެހި ރައްޔިތުންގެ ޚިޔާލުތަކާއި ފިކުރުތަކަށް އިހްތިރާމު ކުރުމެއް އަމުދުން ނެތޭ ދެންނެވިއަސް ކުށަކަށް ނުވާނެއެވެ.
ފާޑުކިއުމަކީ ކޮންމެ ކަމެއްވެސް ހަމަމަގުން ގެންދިއުމަށް އޮންނާނެ އެންމެބޮޑު ފަރުވާއެވެ. ނަމަވެސް ޝަރުއީ ދާއިރާއަށް ފާޑުކިއުމަކީ މާބޮޑު ކުށެއް ކަމުގައި ހަދައިގެން މިއަދުގެ ފަނޑިޔާރުން އެގެންދަނީ ރައްޔިތުންގެ ދުލުގައި ތަޅުއަޅުވަމުންނެވެ. މިއީ އިންސާފުވެރި ކަމެއް ކަމުގައި ދެކޭނެ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އެއްބަސް ވަމެވެ. ޒާތީގޮތުން ދިމާކޮށް ޝަރުޢީ ދާއިރާއަށް ހަޖޫކިއުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެހެނީ އެޝަރީއަތަކީ ބާވައި ލެއްވި އެއްޗެކެވެ. ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ހިންގޭ ނިޒާމެކެވެ. ވަޟްޢީ ގާނޫނަކުން އިސްލާމީ ޝަރީޢަތުގެ އެއްވެސް ހުކުމެއް ބަދަލެއް ނުކުރެވޭނެއެވެ.

ކަންމިހެން އޮތްއިރު މިއަދުމިއޮތް ހާލަތުގައި ރާއްޖޭގެ ޝަރުޢީ ދާއިރާ މިއޮތީ ކީއްވެހެއްޔެވެ؟ ފަނޑިޔާރުންގެ ފެންވަރެއް ނެތީމަހެއްޔެވެ؟ ނޫނީ ޖޫޑިޝަރީ ކޮމިޝަން ދޯދިޔާ ވީމަހެއްޔެވެ؟ ނޫނީ އަނެއްކާ ޝަރުއީ ދާއިރާ އަަކީވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ބެލެވެނީ ހެއްޔެވެ؟ މިފަދަ އެތަކެއް ސުވާލު ރައްޔިތުންގެ ހިތުގައި އަބަދުމެ މިއޮންނަނީ އުފެދި ތަދުވޭވެއެވެ. ވޭތުވެ ދިޔަ ތިންއަހަރު ޝަރީއަތުގައި ވަކިގޮތަކަށް ނިމެމުން އައި ޝަރީޢަތްތައް ބާޣީ ސަރުކާރު އައުމާ ގުޅިގެން ކުއްލިޔަކަށް ބަދަލުވީ ކީއްވެ ހެއްޔެވެ؟ ކޯޓަށް ބަލައިގަނެ އަޑުއެހުންތައް ކުރިޔަށްދިޔަ ބައެއް މައްސަލަތައް ކުއްލިއަކަށް ނުބެލޭ މައްސަލަ ތަކަކަށް ބަދަލުވެގެން ދިޔަތަން އަޅުގަނޑުމެން މިތިބީ ބަލާށެވެ. ވީއިރު މިއީ އިސްލާމީ ޝަރީއަތް ކަމާމެދު ބައެއްގެ ހިތުގައި ޝައްކު އުފެދޭކަށް ގިނަވަގުތެއް ބޭނުމެއް ނުވާނެ ދޮގެއްތޯއެވެ؟

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ދެހާސް އަށްވަނަ އަހަރު ސަރުކާރު ބަދަލުވީއިރު އެއިރު އަމަލު ކުރެވެމުންދާ ނޫގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންތަކެއް ތިއްބެވެ. އަބަދުވެސް އެއިރަކު ވެރިކަމުގައި ހުންނަވާ ވެރިޔަކު އައްޔަންކުރާ މެންބަރުން ތަކެކެވެ. ނަމަވެސް ވެރިކަން ބަދަލުވެ ރައީސުލް ޖުމްހޫރިއްޔާ ބަދަލުވުމާ ގުޅިގެން ކުރީގައި އެހެރަ ވެރި މީހާ އައްޔަން ކޮށްފައިތިބި މެންބަރުން ވަކިކޮށް އަލުން އިންތިޚާބުވި ރައީސް ނަޝީދުގެ ފަރާތްޕުޅުން މެންބަރުންތަކެއް ލުމާގުޅިގެން ބަޔަކު ޝަރީއަތައް ގެންދިޔަ މައްސަލައާއި ގުޅިގެން ޝަރީޢަތުން ނެރުނު ޙުކުމަކީ ކޮބައިކަން އެންމެންވެސް އެބަދަނެއެވެ. ކުރީގެ ރައީސް އައްޔަންކުރި މެންބަރުން ބައިތިއްބާން ޖެހޭނެ ކަމުގައި ބުނާއިރު އެމެންބަރުން ގޮނޑިން ނެގިދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އެދައުރުގެ ބާކީއޮތްބައިގެ މުސާރަވެސް ދޭންޖެހޭނެ ކަމުގައި ބުނަމުން އެބަގެންދެއެވެ.

ސުވާލަކީ އެމްޑީޕީގެ މެނިފެސްޓޯ ހިފައިގެން ރާއްޖޭގެ ރައްޔިތުންގެ ރުހުމާއި އެކުގައި އެކުލަވާލެވެނު ސަރުކާރުގެ ދައުރުގެ މެދު ތެރެއިން އިއްތިހާދޭ ކިޔައިގެން ބަޔަކު ބަޣާވާތަކުން ފޭރިގަނެގެން މިދައުރަށް ރައްޔިތުން އިންތިޚާބުކުޅަ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ވަކިކޮށް އެމަނިކުފާނުން ދެއްވާފައިވާ ސިޔާސީ މަގާމުތައް ވަކިކުރެވުމުން މަގުމަތިވި އާއިލާތަކުގެ މިއަދުގެ ނިކަމެތި ޙާލާއި މެދުގައި ސަހަރޯވެރިވެ ސްޕްރީމް ކޯޓުން އަމުރެއް ނުނެރެނީ ކީއްވެގެން ހެއްޔެވެ؟

ގައިމުވެސް ދިވެހީންގެ ގިނަބަޔަކު މިގޮވައި ނަގަނީ މިގެނެވުނީ ބަޣާވާތެކޭއެވެ. ވެރިކަމުގައި އެއިނީ ބޮޑުބާޣީ ކަމުގައެވެ. މިބަޣާވާތް ގެނައީ ބެލެވޭ ގޮތުގައި ޝަރުޢީ ދައިރާ އިންސާފުވެރި ކުރުވަން އެމްޑީޕީން ތެދުވި ދުވަހުން ފެށިގެންނެވެ. ވީއިރު ފުރަތަމަ ދުވަހުއްސުރެ ފެށިގެން ސިޔާސީ މަގާމުތަކުގައި ތިބިފަރާތްތައް ވަކިކޮށް ބާޣީ ލަޝްކަރުގައި ހިމެނޭ އެންމެންނަށް މިދޭދިނުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ؟ ރައްޔިތުން ރައީސް ނަޝީދު ވެރިކަމަށް ހޮވީ ފަސްއަހަރުގެ ފުރިހަމަ ދައުރަކަށެވެ އެމަނިކުފާނުންވަނީ ސަރުކާރު ހިންގުމަށް ބޭނުންވާ ސިޔާސީ މަގާމުތައް އުފައްދަވައި މަގާމުތަކުގެ ފަތްކޮޅުތައް ދެއްވާފައެވެ. އެވެސް ދިވެހި ރައްޔިތުންނެވެ. ނަމަވެސް މިކަން މިހާ ފާޅުކޮށް ހިނގަމުން ދާއިރު އުއްތަމަ ފަނޑިޔާރު ކޮބައި ހެއްޔެވެ؟ ވަކިކަމެއް ވީމައި ކޮންމެ ވަޤުތެއްގައިމެ ކޯޓުހުޅުވައިގެން ބޮޑެތި ނިންމުންތައް އެވަނީ ނިންމާފައެވެ. ބަޔާންތައްވަނީ ނެރެފައެވެ. އައިޑީކާޑު ބަލައިގެން ވަކިޕާޓީއެއްގެ މީހުންގެ މައްޗަށް ބޮޑެތި ހުކުމްތައް އިއްވަމުންދެޔޭ ބުނާއިރު ޖޫޑިޝަރީ ކޮމިޝަން ކޮބައި ހެއްޔެވެ؟ ކޯޓުތަކުން ކުރީން ދެންމެ ދެންމެ ނިންމައިދާނެ ކަމުގައި ބެލެވުނު ބައެއް މައްސަލަތައް އަރަތެއްހެން ބާޣީކާޅުގެ ވެރިކަމުގައި ނިންމަމުން ގެންދާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. މިކަން މިގޮތަށް ހިނގާއިރު ހަމަ ޗުއްޕުވެސް ނުބުނެ ރައްޔިތުން ޖެހޭނީ ތިބޭން ހެއްޔެވެ؟ އެހެންނަމަ އެކުރެވެނީ އިސްލާމީ ޝަރީއަތަށް ކުރެވޭ މަލާމާތެއް ނޫންކަމުގައި ދެންނެވޭނެ ޖާގައެއް ނޯންނާނެއެވެ.