ބާޣީންނަށް ސަތޭކަ ދުވަހުން ކުރެވުނީ ކޮންކަމެއް؟

ފުނަމާ

ވަރުގެ ކޮޅަށް މޭކަޕުކޮށްގެން ބާޣީ ސަރުކާރުގެ އިސްސަފުގައި ތިބިމީހުންކޮޅެއް ނުކުމެ ނޫސްވެރީންގެ ކުރިމަތީގައި ތިބެގެން ބާޣީން ރައީސް އެއްގެ ގޮތުގައި ދައްކައިގެން އެއުޅޭ ކާޅަށް އޭނާގެ ވެރިކަމުގެ ސަތޭކަދުވަހުގެ ކުރިއެރުންތައް ކިޔައިދޭން އުޅުނުއިރު އަޑުއަހާން އިނދެވުނީ ހައިރާންވެ އަޖާއިބު ވެފައެވެ. މިސަތޭކަ ދުވަހުން އެއްވެސް ކަމެއް ހާސިލްކުރެވުނު ވާހަކައެއް ގައިމުވެސް ނުބުނެވުނެވެ.

އެމްޑީޕީގެ ސަރުކާރުން މިގައުމުގައި ފަށާ، ހިންގަމުން ގެންދިޔަ ހުރިހައި ބޮޑެތި މަޝްރޫޢުތަކެއް މިއަދު މިވަނީ މަޑުޖެހި ހިނދިފައެވެ. ކުރެވެމުންދާ ކަމެއްވިޔަސް ” އަމާކީތީ ފަރަށް ދާހެނޭ ” ބުނާހެން އެބަކުރެއެވެ. ހައުސިން ޕުރޮޖެކްޓްތައް ދަނީ މަޑުޖެހި އުވެމުންނެވެ. ވެށިފަހި މާލެ މަޝްރޫޢުގެ ކުރިމަގެއް މިހާރަކު ޔަގީނެއް ނޫނެވެ. މިއަހަރަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ އެތަކެއް ބަނދަރުތައް ފައިސާ ނެތޭކިޔައި އެވަނީ ހުއްޓާލާފައެވެ. ނަރުދަމާތަކުގެ ކުރެހުންތައްވެސް ބުނަނީ ވީތަނެއް ނޭނގޭ ކަމަށެވެ. ދަތުރުފަތުރުގެ ނިޒާމުގެ މައްޗަށް ކައުންސިލްތައް ގަދަކޮށް އެކަންވެސް މަސްހުނި ގަނޑަކަށް ހަދަމުން ގެންދާއިރު ދަތުރު ، ފަތުރުގެ ކަންކަން ހިންގަމުން ގެންދާ ކުންފުނި ތަކަށް ދޫކުރަން ހަމަޖެއްސި ފަށުރަށްތައް ދޫނުކުރާނެކަން މިހާރުދަނީ ކަށަވަރު ވަމުންނެވެ. އާސަންދަ ސަންދޯކު އަޅަނީއެވެ. މިވޭތުވެދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ މުޒާހަރާތަކެއް ކުރެވެމުންދާ ދުވަހެކެވެ. ދުލާއި ގަލަމުގެ މިނިވަންކަން ފޭރިގަތުމަށް ބާޣީކާޅުތައް އެދަނީ ބައިބަޔަށް ނުކުންނަމުންނެވެ. ބޮނަކުއާ ވަޒީރަށް އިސްލާމިކް މިނިސްޓްރީގެ ތެރޭގައި ވަޒީފާ އަދާކުރާ އަންހެން ކުދިންގެ މޫނުބެލުން ނޫންކަމެއް ނުކުރެވެއެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި ދީނީ ވަހުދަތު އިތުރު ކުރުމުގެ ބަދަލުގައި ހުކުރު ޚުތުބާ ތަކުގައި މުސްލިމުންނަށް ބަދުދުޢާ ކުރުމާއި ފަހަރި ޝޭޚުން މިސްކިތް ތަކަށް ފޮނުވައިގެން ބާޣީ ސަރުކާރު ސައްޚަ ކުރެވޭތޯ ބެލުންނޫން ކަމެއް ނުކުރެވެއެވެ.

ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ނޫންކަމުގައި ބާޣީން ފަށްފަށްކޮށް ބުނަމުން ގެންދާއިރު އެމްޑީޕީގެ މެނިފެސްޓޯ ކޮބައިހެއްޔެވެ؟ އެމްޑީޕީ ސަރުކާރުން އެކުލަވާލި ކެބިނެޓު ކޮބައި ހެއްޔެވެ؟ ކަންކަން ހިންގުމަށް އެމްޑީޕީން ގެންގުޅުނު ޕޮލިސީތައް ކޮބައިހެއްޔެވެ؟ މިސުވާލު ތަކުގެ ޖަވާބު ހޯދާލުމަށް ބަލާލާއިރު ފެންނަނީ އިސްތިއުފާ ނުދެނީސް މުޅިކެބިނެޓު އެއްކޮށް ވަކިކޮށްލިތަނެވެ. ސިޔާސީ މަގާމުތަކުގައި ތިބި އެންމެން ގެއަށް ފޮނުވަލައި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އުފެއްދި ހުރިހައި ކުންފުނިތަކެއް އުވާލިތަނެވެ. ބާކީ އޮތް ކުންފުންޏެއްގެ ބޯޑަށް ބާޣީން އައްޔަންކޮށް ނިންމާލި ތަނެވެ. އެމްޑީޕީ ސަރުކާރާ އިދިކޮޅަށް ނުކުމެ މަގުމަތީގައި މީހުންނަށާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގައި އިސްކޮށްތިބި އެންމެން އެތިބީ ދައުލަތުގެ މަތީ މަގާމުތަކަށް އިސްކޮށްފައެވެ. އިތުރު މިނިސްޓްރީތައް ހަދައި ކޮންމެ ބާޣީއަކަށް މަގާމެއް އުފައްދައިފިއެވެ. އަމިއްލަ ގެއަކީ ރާވިއްކާ ރިސޯޓެއް ކަމުގައި ހަދައިގެން އެވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރަމުން ގެންދާ މީހަކަށް ނައިބުކަން ދީފިއެވެ. ބާޣީންނާއި އިދިކޮޅަށް ބަހެއްބުނާ ކޮންމެ މީހަކު ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތް ތެރިވުމަށް އަބަދުމެ އެގެންދަނީ ބާރުއަޅަމުންނެވެ.

ރާޅުގަނޑުގެ ސަރަހައްދު ރޫޅާލައި މިއަދު އެތެޅިފޮޅެނީ އުސްފަސްގަނޑު ފުނޑާލުމަށެވެ. އެމްޑީޕީގެ މެންބަރެއް ވިއްޔާ ދިވެހި ރައްޔިތެއް ކަމުގައިވެސް ނުބަލައެވެ. ބޮނޑިބަތް ޖަމީލާއި ބާޣީ ރިޔާޒު ގޮވައި ނަގަނީ ފުލުހުންނަކީ ފިސާރި އާންމުން އެމީހުންދެކެ ބިރުގަންނަ ބަޔަކަށް ހަދާލާނެކަމުގައެވެ. އެކަމަށް އޮތީ ވަޢުދުވެސް ވެފައެވެ. ބާޣީ ނާޒިމު މިހާރު އުޅެނީ އޭނާ ވަދެއުޅޭ ހުރިހައި ތަނަކާއި އަނބިމީހާގެ ގައިގައިވެސް މެޓަލް ޑިޓެކްޓަރ ހަރުކޮށްގެންނެވެ. މިހާލުގައި އުޅޭ ބަޔަކަށް ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ސަތޭކަ ދުވަސް ކީއްކުރަން ސަތޭކަ އަހަރު އެގޮތަށް ހުއްޓަސް ބާޣީވަހީދުގެ ފުށުން މިގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެއެވެ.
\
ބާޣީ ކެބިނެޓުގައި ހިމެނޭ ކޮންމެ މީހަކަށް ދަގަނޑު ހެދުމާއި އައިޕެޑާއި ބްލެކްބެރީ ފޯނުގަނެފައި ރޭގަނޑު ބިޓުންނަށް ކުރާ ކޯލްތަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދެވިއްޖެއެވެ. އެކަމަށް ކާޅުު އޮތީ އެއްބަސް ވެފައެވެ. އޭސީސީން ނިންމިޔަސް އެކަން ކުރާނެއެވެ. އިތުރު މަގާމުތައް އުފައްދައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލާތަކަށް ބަހައި މެންބަރުން ގަތުމުގެ މަސައްކަތް ގެންދަނީ ކުރިއަށެވެ. ރިސޯޓު ތަކުން ދައުލަތައް ލިބެންއޮތް ފައިސާތައް ކަނޑައިދީ ބުރުމާޔަށް ބަޣާވާތުގެ ތެރޭގައި އަނބުރައި ދޭންބުނެ ނެގި ފައިސާގަނޑު މިހާރު އެވަނީ ދީފައިވެސް ތޯއްޗެކެވެ. ދައުލަތުގެ މީޑިޔާ އެވަނީ ބާޣީ މީޑިޔާއަކަށް ބަދަލުކޮށްފައެވެ.

ބަޣާވާތާ ގުޅިގެން ދުނިޔޭގެ ލޯތަކުން މިގައުމަށް ކަޅިއަޅައި އެކަން ތަހުގީގު ކުރުމަށް ގޮވާލުމުން ޚުދުމުޚްތާރު ކަތީބުގެ އައުވާނުންތަކެއް ލައިގެން އިންކުއަރީ ކޮމިޝަންއެއް ހަދައި މަލަމަތި ރީތިކުރާން އުޅުނެއް ކަމަކު ދުނިޔެ އެކަމެއް ގަބޫލެއް ނުކުރިއެވެ. ކޮމަންވެލްތުން އިދިކޮޅަށް ބަހެއް ބުނުމުން ކޮމަންވެލްތުން ވަކިވުމަށް ބާޣީން ނިންމައި އެމީހުންގެ ތެރެއިން މަޖިލީހަށްވެސް އެކަން އެވަނީ ވަށްދާފައެވެ. އެންމެފަހުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ގޮތްހުސްވެ މިހާރު އެއުޅެނީ ރައީސް ނަޝީދުގެ ފަރާތުން އެކޮމިޝަންއަށް ލާންޖެހޭ މެންބަރުވެސް ބާޣީންނަށް ވިކިފައި ހުންނާން ޖެހޭނެ ކަމުގެ ޝަރުތު ކަނޑައަޅަމުންނެވެ.

ވެރިކަމުގައި އޮބިއަޅައިގެން ހުރިމީހާގެ ކިބައިގައި އިސްލާމީ ވަންތަކަމުގެ އެއްވެސް ކުލައެއް ފެންނާން ނެތްްތާނގައި އެވެރީންގެ ދަރީންނާ ބެހޭ ގޮތުން އިވޭއަޑުތަކަކީވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ނޫންކަމެއް ނޭނގެއެވެ. މުލީއާގޭގައި ބާރއެއް ހުރިކަމުގައި ބުނެގޮވި މީހުންގެ ނާއިބުރައީސް ގައިމުވެސް ނިދައި ކައިބޮއެ އުޅެނީ ރަލުން ފެންވަރާ ރިސޯޓެއްގައެވެ. ބާޣީ އާއި ކެބިނެޓު ތާއަބަދު އުޅޭކަމުގައި ބުނާއަޑު އިވެނީ ރިސޯޓުތަކުގެ ސްޕާތަކުގަޔާއި ބާރ ތަކުގައެވެ.

ދިވެހި ރައްޔިތުން މިތިބީ ބަނޑަށްޖެހި އަވަދިވާން ކައިރި ވެފައެވެ. ސަރުކާރުން ހިލޭލިބުނު ހުރިހައި އެއްޗެއް ކެނޑި ހަފުސްވެފައެވެ. މަދަނައެއް ، އާސަންދައެއް ، ކީއްކުރަން ނޭވާލާނެ ވައިކޮޅެއްވެސް ނުލިބޭފަދަ ހާލެއްގައެވެ. ޑިއުޓީ ކަނޑާލުމުން އަގުހެޔޮ ވާނެ ކަމުގައި ހީކުރެވުނު ހުރިހައި މުދަލެއް އަތްނުފޯރާ ފަށަށް ހިނގައްޖެއެވެ. ހޮސްޕިޓަލުތަކުން އެދެވޭ ފަރުވާއެއް ނުލިބެއެވެ. ޑޮކްޓަރުން ހަމަވާނެ ދުވަހެއް ނޭނގެއެވެ. އަމިއްލަ ކުންފުނި ހަދައިގެން ބޭރުން މީހުންނާއި މުދާ ގެންނަ މީހުންގެ ފައުޖެއް ގޮވައިގެން މުނާފިގު ކަލޭގެ ހެލްތު މިނިސްޓްރީގައި ވެޑުވި އެއިންނައިރު ރާއްޖެތެރޭގައި ޕެނަޑޯލުކޮޅެއްނެތި މީހުން ބިކަވެފައި ތިބިވާހަކަ މިހާރު ނުދައްކަނީ ކީއްވެބާވައެވެ؟ ކޮންޒިއުމަރ އައިޓަމްސް އެތެރެކުރުވައިގެން ލިބޭ އާންމުދަނީން ކަޓުލިބޭތީ ހެއްޔެވެ؟

އާޚިރުގައި ބާޣީންގެ ސަބަބުން ބޭރުދުނިޔެއިން ރާއްޖެ އެކަހެރިކޮށް ދިވެހި ރައްޔިތުން ބަނޑަށް ޖެހުންނޫންކަމެއް ވާނެކަމުގައި މިފެންނަ މަންޒަރު ތަކުށް ބަލައި ބުނެވޭކަށް ނެތެވެ. ތިމަންނާމެންގެ ވެރިކަމެއްގައި ޑޮލަރުގެ އަގުހެޔޮވާނެ ކަމުގައި، ޖީއެސްޓީ ނުނެގޭނެ ކަމަށާއި ޖީއެމްއާރު ރާއްޖޭގައި ނޯންނާނެ ކަމުގައި ކުރީންބުނި ހުރިހައި ބާޣީން މިއަދު މިނިސްޓަރުންގެ ގޮތުގައި ތިބިއިރު އެއްކަލަ އެއްކަމެއްވެސް ނުވިއެވެ. ވާނެކަމުގެ ހެއްކެއްވެސް ނުދެއްކެއެވެ. އެކަމަކު ކޮންމެ ބާޣީއަކަށް ބޮޑުމަގާމެއް އެގެންދަނީ ދެމުންނެވެ. ރައްޔިތުން މިތިބަ ހަނާވަނީއެވެ. އަނިޔާވެރިކަން އިންތިހާއަށް މިދަނީ ބޮޑުވަމުންނެވެ. ކޮންމެ ރައްޔިތަކު މިތިބެނީ ދެންވާނެ ގޮތެއް ނޭނގޭ ހާލު ބިރުވެރި ކަމެއްގެ ތެރޭގައެވެ.