އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މިނިވަންކަމާއެކީ ކުރެވޭނެ ކަމުގެ ޔަގީކަން އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

7 ފެބްރުއަރީ 2012ގައިފުލުހުންނާއިސިފައިންގެމަދުބަޔަކުނިކުމެކުރިބަޣާވާތަކުން ވައްޓާލުމާ ގުޅިގެން ގަހުގީގު ކުރުމަށް ބާގީ ސަރުކާރުން ކަނޑައަޅާފައިވާ އިންކުއަރީ ކޮމިޝަން ކޮމަންވެލްތުގެ ސީމެގްގެ ހުށައެޅުންތަކާ އެއްގޮތަށް ސަރުކާރުން ބަދަލުކޮށް މަސައްކަތުގެ ތަފޞީލުތަކަށް ބަދަލު ގެންނެވުމުން އެމަސައްކަތް މިނިވަންކަމާއެކީ ހިންގޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެފުރަތަމަ ބޭއްވުނު ގިނަޕާޓީ އެކުލެވޭ ރިޔާސީއިންތިހާބުގައި ވާދަކޮށް އިންތިހާބުވިސަރުކާރު 7 ފެބްރުއަރީ 2012 ގައި ފުލުހުންނާއި ސިފައިންގެ މަދު ބަޔަކު ބަގާވާތަކުން ވައްޓާލިތާ 100 ދުވަސް ހަމަވުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިސްލާހުކުރެވުނު ކޮމިޝަންގެ ޓީ.އޯ.އާރުގައި ކޮމިޝަނަށް އިތުރު ބާރުތަކެއް ލިބިގެންދާނެކަމަށެވެ. އެއީ ތަހުގީގު ކުރުމުގައި ފޯނުކޯލްތަކުގެތަފްސީލު ބެލުމާއި، ބޭންކު އެކައުންޓު ތަކުގެ ތަފްސީލުގެ އިތުރުން ތަހުގީގުން ހޯދޭ ކަންކަމަށް ބިނާކޮށް ދައުވާވެސް ކުރެވޭނެއެވެ. އަދި ޖޫން 1ގައި އިންކުއަރީ ކޮމިޝަނުގެ މަސައްކަތް ފެށި ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމަން ވާނެ ކަމަށްވެސް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ކޮމިޝަނުގެ ޗެއަރއަކަށް މިހާރު ހުންނެވި އިސްމާއިލް ޝަފީއު އެމަގާމުން ދުރުވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ކުރިން އެމް.ޑީ.ޕީއިން ވަނީ އިސްމާއިލް ޝަފީއު އެމަގާމުގައި ހުންނެވުމުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބާގީ ސަރުކާރަށް 100 ދުވަސް މިއަދު ފުރޭއިރު ފާއިތުވީ ދުވަސްތަކުގައި ކުރެވިފައިވާ ކަންކަމަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ 2008ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނޫ އަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކަކަށް އަރައިގަންނަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އެކިގޮތްގޮތުން މަސައްކަތްކޮށްފައިވެއެވެ. މިގޮތުން ގާތްގަޑަކަށް 600 މީހުން މިއަދާ ހަމައަށް ވަނީ ހައްޔަރުކޮށްފައެވެ. އަދި 60އަށް ވުރެ ގިނަމީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މިކަމާ މެދު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން މިއަދު އެފަދަ ކަންކަން ގަބޫލު ނުކުރާނެކަމަށާއި ދިވެހިރާއްޖޭގައި ރައްޔިތުން ހޮވާ ރައްޔިތުންގެ ސަރުކާރެއް ބިނާކުރާނކަމަށެވެ.

ބަގާވާތަކުން ސަރުކާރު ވައްޓަލުމާ ގުޅިގެން ލޮޅުން އެރީ ހަމައެކަނި ސިޔާސީ ނިޒާމަކަށް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން ބަގާވާތާ ގުޅިގެނއިގްތިޞާދީގޮތުން ރާއްޖެ ހަލުވިކަމާއެކު ދަތުރުކުރަމުން އައި މިސަރާބު ބަދަލުވެ، އިގްތިޞާދުވެސް މިވަނީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައިކަމަށް ރައީށް ނަޝީދު ވިދާޅުވިއެވެ. ބަޖެޓުގެ ދަރަނީގެ މިންވަރު އެތައް ގުނައަކުން ބޮޑުވެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެމް.ޑީ.ޕީ ސަރުކާރުން ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އައި ޚިދުމަތްތައް މިހާރު ސަރުކާރަކަށް ރައްޔިތުންނަށް ފޯރުކޮށްނުދެވޭކަމަށް ވިދާޅުވިއެވެ. މިގޮތުން އާސަންދަ އެކިއެކި އުޒުރުތައް ދައްކައިގެން ކުރިއަށް ގެންދެވިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އަދި ހެޔޮވެރިކަމުން ދުރުވެފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ސިޔާސީ ވެރިންނާ ވާހަކަދެއްކުމަށް ތައްޔާރަށް ހުންނެވިކަމަށާއި ރިޔާސީ އިންތިހާބު ބޭއްވުމަށް އެމް.ޑީ.ޕީން ވާންޖެހޭ ހުރިހާ ތައްޔާރިތައް ވަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް ވަރަށް އަވަހަށް ރާއްޖޭގައި އުފެދި އަނެއްކާވެސް ޑިމޮކްރަސީގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.