ޚިޔާނާތުން މިންވަރެއް!

ފުނަމާ

އަށްޑިހައިގެ އަހަރުތަކުން ފެށިގެން ދިވެހީންގެ ތެރޭގައި އެއިރުއޮތް ސަރުކާރުން މިގައުމާއި ރައްޔިތުންނަށް ވަމުންގެންދިޔަ ޚިޔާނާތް ތަކުގެ ވާހަކަތައް މަޑުން ނަމަވެސް އިވޭންފެށިއެވެ. އެއިރު ވެރިކަމުގައި އެތިބަ މީހުންނަކީ އެމީހުންގެ ވެރިކަމާއި އެވެރިކަމުގައި ބައިވެރިވާ އެއްވެސް މީހަކާބެހޭގޮތުން ” ނުވާހަކައެއް” ދައްކާލުން ކީއްކުރަން ، ކަތިނަޒަރަކުން ބަލާލިޔަސް އެމީހަކާއި އެމީހެއްގެ މުޅިއާއިލާވެސް އެގޮތްމިގޮތުން ނައްތާލަމުން ގެންދިޔަ ބައެއްކަމުން، ދިވެހީންގެ ތެރޭގައި ސަރުކާރާއި ބެހޭގޮތުން ވާހަކައެއް ދައްކާނަމަ އެކަންކުރަނީ ފިސާރި މަޑުމަޑުން ފިލައި ތިބެގެންނެވެ. އެދުވަސްވަރު ކޮންމެވެސް ބަޔަކު ފޮރުވިގެންތިބެ އިންޓަރ ނެޓުގައިވެސް ސަރުކާރާއި އިދިކޮޅަށް ބައެއްކަހަލަ ލިއުންތައް ޝާއިޢުކުރަމުން ގެންދިޔަކަން ފާހަގަ ކޮށްލަމެވެ.

1988 ނޮވެމްބަރ 3 ގެ ހާދިސާއަށްފަހު ކޮންމެވެސް ވަރެއްގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ލިބިގެން ދިޔަކަމުގައި ހީކުރެވުނެވެ. ނަމަވެސް އާޚިރުގައި މިކަން ނިމިގެން ދިޔައިރު އެކަމަކީ ސަރުކާރާ އިދިކޮޅަށް ބަސްކިޔާމީހުން ބްލެކްލިސްޓް ކުރުމުގެ ބޭނުމުގައި ކުރެވުނު ކަމެއްކަން ޔަގީންވިއެވެ. ނަމަވެސް ލިބުނު ކުޑަކުޑަ ފުރުސަތުގެ ބޭނުންކޮށް ކޮންމެވެސް ވަރަކަށް ސަރުކާރުގެ އިސްވެރީންގެ ބޮޑެތި ޚިޔާނާތްތަކެއް އާންމުންނާއި ހަމަޔަށް ތިލަވެގެން ދިޔައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އެފްޕީއައިޑީގެ ބޮޑު ޚިޔާނާތެވެ. އެއިރު އިވުނު އަޑުތަކަށް ބަލާއިރު އޭރުގެ ވެރިމީހާގެ އަންހެނުންގެ ކޮއްކޮ އަކު މިޚިޔާނާތުގައި ބައިވެރިވިކަން ދޭހަވެގެން ދިޔައެވެ. ނަމަވެސް މާގިނަދުވަހެއްނުވެ މިމުޅި މައްސަލަ އެކުގައި ފޮރުވާލެވުނެވެ. ރައްޔިތުންނާއި ދައުލަތައް ލިބުނު ގެއްލުމުގެ ޒިންމާ އުފުލާނެ މީހަކުނެތި އެފްޕީ އައިޑީގެ ނަން ބަދަލުކޮށް ނިންމާލީއެވެ.

އެެ ވެރިކަން ފެށުނުއިރު މިކުޑަކުޑަ ދިވެހިރާއްޖޭގައި އެއިރުއޮތް ޝިޕިންގް ލައިންއަކީ މިއޭޝިޔާ ގައިވެސް އޮތް އެންމެ ފާހަގަކުރެވޭ އެންމެ އާގުބޯޓުގިނަ ޝިޕިންގ ލައިންއެވެ. ބުނެވޭގޮތުގައި ލަންކާގައި އެގައުމުގެ ޝިޕިންގ ލައިންއެއް އުފެއްދުމަށް ދިވެހި ޝިޕިންގ ލައިންއިން ބޮޑެތި އެހީތަކެއްވެސް ވެދީފައިވެއެވެ. ނަމަވެސް އެެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން މިޝިޕިންގް ލައިން ވަޅުވަންނަމުން ގޮސް މުޅީން ހުލިވެ ދިޔައީއެވެ. ސައްތައަކަށް އެންމެ ހަތަރު ބޯޓު މަދުވި ޝިޕިންގް ލައިންގެ ދެތިންބޯޓުމެނުވީ މައުމޫނުގެ ސަރުކާރު ނިމިގެން ދިޔައިރު އޮތްކަމަކަށް ނުވެއެވެ. އެބޮޑު ސިނާއަތުން ދައުލަތައް ލިބުނު ގެއްލުމެއް މެނުވީ ފެންނާކަށް ނެތެވެ. ފައިދާއަށް އެންމެ ފުފިޔާ ފޮށްޗެއްވެސްނެތި ހުލިވެ އެންމެ ފަހުން ޝިޕިންގ ލައިންގެ ނަންވެސް ބަދަލުވީއެވެ. ޒިންމާ ނަގާނެ މީހަކު އަމުދުން ނެތެވެ.

މުދަލާ ފައިސާއަށްވުރެ ގައިމުވެސް އަގުބޮޑީ އިންސާނުންގެއެވެ. އެހެންކަމުން އެ ތިރީސްއަހަރުގެ ވެރިކަމުގައި ޖަލުތަކުން ވީއެއް ނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ކަނޑައެޅިގެން މަރާލެވުނު މީހުންގެ މައްސަލައަކީ އާދައިގެ ކުޑަ ކަމެއްނޫނެވެ. ފާޅުގައި ބަޑިޖަހައި މަރާލިމީހުންގެ މައްސަލަވެސް މިއަދާ ހަމަޔަށްވެސް އެއޮތީ އެންމެ ރަނގަޅަށް ނުބެލިއެވެ. ހަގީގީ ޒިންމާ އުފުލަން ޖެހެނީ ކާކުކަން ނޭނގިއެވެ. ސަލާމަތީ ބާރުތަކުން ހައްޔަރުވެ ފާޑަކަށް އަދަބެއް ދެވުނު ކަމުގައި ދެއްކީ އާދައިގެ ބަޔަކަށެވެ. ނަމަވެސް ހަތިޔާރެއްނެތް ބައެއްގެ ގަޔަށް ސީދާވަޒަން ބޭނުންކުރާން އޯޑަރު ނެރުނު މީހަކަށް އަދަބެއް ލިބިފަކާ ނެތެވެ. އޭރުގެ ބަހުރުވައިންނަމަ ޖައްވާ ފަޒާއަށް ޖެހި ވަޒަންތަކުން ދިރިތިބި ބައެއްގެ ފުރާނަ ގެއްލުނީއެވެ. އެހެންކަމެއް ވީކަމެއް ނޭނގުނެވެ.

ދެހާސް ހަތަރެއްގެ އޭޝިޔާ ސުނާމީ ކާރިސާއަކީ ދިވެހީންގެ ހަޔާތުގައި އެންމެ ގިނަބަޔަކަށް މިއަދުވެސް އެންމެ ހަނދާން ނައްތާލަން ދަތި ހާދިސާއެވެ. ދިވެހި ރައްޔިތުންގެ މުދަލާއި ގެދޮރު ގެއްލި އެތަކެއް ފުރާނަ ގެއްލިގެން ދިޔައެވެ. ގުދުރަތީ މިފަދަ ކާރިސާ ތަކަކީ ވަކި މީހެއްގެ ސަބަބުން ނުވަތަ ފުށުން އަންނަ ކަމެކޭ ނުބުނެވޭނެއެވެ. ނަމަވެސް ކަންހިނގިގޮތް މިއޮތީ ފެންނާށެވެ. އޮޅޭނެ ދިވެހި ދަރިޔަކު ނެތެވެ. އިންޑޮނޭޝިއާ ސަރަހައްދުގައި ހެލުނު ބިންހެލުމާއި ގުޅިގެން އުފެދުނު ބިޔަ ސުނާމީގެ ރާޅުތައް ރާއްޖެއާއި އެތަކެއްސަތޭކަ ކިލޯމީޓަރު ދުރުން އެއްގައުމުން ، އަނެއް ގައުމަށް އަރަމުން އައިސް މިދިވެހި ރާއްޖޭގެ މަތިން ދިޔައިރު އެންމެ ކުޑަމިނުން މައުލޫމާތު ފޯރުކޮށް ދެވޭނެ މީހަކުވެސް ނެތެވެ. ހަފުސްވެދިޔައީ ދިވެހި ރައްޔިތުންގެ މުދަލާއި ގެދޮރެވެ. ވެރިމީހާ ހުރީ އުފަލުގައި ފިސާރި ތިޔާގި ކަމާއެކުގައެވެ.

މިއީ އެެ އެބުނާ ގަދަ ތިރީސް އަހަރުގެ ތަޖުރިބާގެ ތެރެއިން ދާދި މަދު މިންވަރެކެވެ. އާންމު ފަރުދުންނަށް ދެއްކިހައި އަހުވަތަކާއި ޖަލުގައި ދިން އަނިޔާތަކަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ނަމަވެސް މިފަދަ ނުވަތަ ބޮޑެތި ކިތަންމެ ކަންކަމެއް ރާއްޖޭގެ ރައްޔިތުންނަށް އެއިރުގެ ވެރިކަމުން ވަނީ ތަޖުރިބާ ކުރާން ޖައްސާފައެވެ. ރައްޔިތުންގެ ތެރެއިން ގެދޮރާއި މުދާ ގެއްލި މަގުމަތިވި ކިތަންމެ ބަޔަކު މިއަދުވެސް އެތިބީ ބިކަހާލުގައި ފެންނާށެވެ. ހައްގު ބަދަލެއްވެސް ނުލިބުނެވެ. ދުނިޔޭގެ އެތަކެއް ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން އެދިންހާ އެހީތައް ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް ހިއްސާކުރާކަށް ނުލިބުނެވެ.

ބުނެވޭގޮތުގައި އަދި ފެންނާންހުރި ހެކިތައްވެސް އަންގާގޮތުގައި 88 ގެ ނޮވެމްބަރ 3ގެ ހާދިސާއާއި ގުޅޭގޮތުން ސީދާއެއިރުގެ ވެރިމީހާއާއި ސަލާމަތީ ބާރުތަކުގައި އެންމެ އިސްކޮށް ތިބިމީހުންނަށް މާކުރީން މައުލޫމާތު ދެވުނެވެ. ނަމަވެސް ހަމަ އަޅާނުލައި ތިބުމުގެ ސަބަބުން އެދުވަހުވެސް ދިވެހީންގެ އެތަކެއް މީހުންގެ ފުރާނަގެއްލި އެތަކެއް ގެއްލުންތަކާއި ގައުމު ކުރިމަތިލާން ޖެހުނެވެ. ހަމައެހެންމެ އޭޝިޔާ ސުނާމީގެ ޚަބަރުތަކާ މައުލޫމާތުތައްވެސް ވަގުތުން ވަގުތައް އޭރުގެ ވެރިޔާއަށް ލިބެމުން ދިޔަކަން ޚޮދު އޭނާ ދައްކާފައިވާ ވާހަކަތަކުން ސާބިތުވެއެވެ. ނަމަވެސް ދިވެހި އެއްވެސް ރައްޔިތަކަށް އެކަމާބެހޭ މައުލޫމާތު ދީފައެއް ނެތެވެ. ވަށައިގެން ތިންފައިލީގާ ޖަހައި ޖަޕާނުމީހުން ލައްވައި ސަލާމަތީ ފިޔަވަޅު އަޅައިފައިވާ މާލޭގައި ލެއްވިހައި މަލެއްގެ ނަންކިޔާ ލޯންޗުތައް އޭނާގެ ހިމާޔަތުގައި ތައްޔާރީ ހާލަތައް ގެނެސްގެން އޭނާ ހުރީ ދިވެހީންނަށް ލިބެމުންދިޔަ ގެއްލުންތަކަށް ކަނުލޮލެއް ދީގެންނެވެ. އެތައް މިލިޔަން ޑޮލަރެއްގެ ބޮޑުގަނޑުވަރުގައި އާއިލާތިބީ ފުރިހަމަ ސަލާމަތާއި ރައްކާތެރި ކަމުގައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ހާލުގައި ޖެހިފައިތިބި މީސްތަކުން ނުކައިނުބޮއެ ތިބިއިރު އޭނާ އާއި އޭނާގެ އައުވާނުން ތިބީ މާމަލުގެ ފޮންޏާއި މޭވާގެ ދިޔަވެސް ހިތަކަށް ލިބިގެންނެވެ. ކަނޑުމަތީގައި ހާލުގައި ޖެހިފައި ދިވެހިއެތަކެއް އަންހެން ދަރީން ތިބިއިރު އޭނާގެ އަނބި މީހާ އާއި ދަރީންތިބީ ރިޔާސީ ގަނޑުވަރުގެ ސުވިމިންގ ޕޫލްގައި ހިތްއުފާ ކުރާށެވެ. މިއަދު ޕާޓީ ބޮޑުކުރާށާ ބާޣީ ސަރުކާރަށާއި ޚޮދު ތިމާއަށް ކެމްޕެއިން ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދަށް ދަތުރުތައް ކުރަމުން އޭނާގެ ސަލާމަތައް ދައުލަތުން އެތައް މިލިޔަން ރުފިޔާ ހުސްކުރާއިރު އެދުވަހު އެކާރިސާގައި ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުގައި ނުކައިނުބޮއި އަވީލެވިފައިވާ ދިވެހި ރައްޔިތުންގެ ހާލު ދެކިލަން މިކަލޭގެއަކަށް ނުދެވުނެވެ. ފަތަރާސީވެފައި ކޯފީ އަނާނާއި މިނޫންވެސް ދުނިޔޭގެ މުހިންމު ޝަޚުސިއްޔަތު ތަކާއިއެކު ރާއްޖޭގެ ދެތިން ރަށަކަށް އަރައިލުން ފިޔަވައި އެއްކަމެއްވެސް އޭނާއަކަށް ނުކުރެވުނެވެ.

މިބުނެވިދިޔަ ޖައްލާދުކަލޭގެ މިވަނީ ރާއްޖޭގެ ރައްޔިތުން އޭނާގެ އަނިޔާވެރި ވަކިތަކުން ސަލާމަތްކުޅަ މިގައުމު އަނެއްކާވެސް އަޑީގައި ހުރެގެން ބަޣާވާތްކޮށް މުށްދަށު ލާފައެވެ. އަނިޔާވެރި ކަމާ ޚިޔާނާތުގައި މުޅިދުނިޔެއަށް މިސާލުދައްކާފައިވާ މިވަރުގެ ސުންޕާ ނުބައި ނުލަފާ މީހެއްގެ ކިބައިން މިގައުމު ސަލާމަތް ކުރުމުގެ ޒިންމާ މިއަދު އެޅިފައިމިވަނީ އަޅުގަނޑުމެންގެ ބޮލުގައެވެ. ވެރިކަމުން ބޭލުމުންވެސް މީނާގެ ދަރީންލައްވައި މީހުންގެ ބޮލަށް ލަކުޑިބެރި އުކައި ރައްޔިތުން ސުންނާފަތި ކުރަމުން ގެންދިޔައީ ރައްޔިތުންގެ ބައިތިލްމާލުން ކޮންމެ އަހަރަކު އެތައް މިލިޔަން ރުފިޔާއެއް ކައި، ހޮޑަށް ލަމުންނެވެ. އެންމެފަހުން މުޅިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ހުރިހައި މަސައްކަތެއް ހުއްޓުވައި މިއަދު އެތިބަ ބާޣީންނަށް އެންމެމަތީން ބަސްކިޔައި ހަދަމުން އެގެންދަނީވެސް ހަމަ މިބުނާ ވެރިޔާއެވެ. ބޭރުގައުމަކުން މިއަދު މިއޮތް އަޑިނޭނގޭ އަދި، ރައްޔިތުންގެ ވޯޓަކުން ސައްޚަނުވާ ސަރުކާރާ އިދިކޮޅަށް ބުނާ ކޮންމެ އެއްޗަކަށް ފާޅުގައި ރައްދު ދެމުން އެގެންދަނީ ހަމަ މިބުނާ ކަލޭގެއެވެ. ނަމުގައި އޭނާއަކީ ކުރީގެ ރައީސްއެވެ. ނަމަވެސް މިއަދު މިގައުމު ބަނޑުދަށު ލައިގެން އެހެރަ ކާޅުގެ ރިމޯޓުއޮތ މީނާގެ އަތުގައިކަން ނޭނގޭ ހަމައެކަކުވެސް މިގައުމަކު ނެތެވެ. މިއީ މިއަދާ ހަމަޔަށް ބަލާލާއިރުވެސް ފެންނާންހުރި މިކަލޭގެ ގިނަ ޚިޔާނާތްތަކުގެ ތެރެއިން ދާދިމަދު މިންވަރެކެވެ. ދިވެހި ރައްޔިތުން މިޚިޔާނާތް ތެރިޔާގެ ކިބައިން މިގައުމު ސަލާމަތް ކުރުމަށް ނުކުމެ މަސައްކަތް ކުރަމުން ގެންދާތާވެސް ކިތަންމެ ދުވަހެކެވެ. ނަމަވެސް މިކަލޭގެއަށް ލިބިފައިވާ ހިޔަޅު ސިކުނޑިއާއި އެއްވަރަށް އަދިވެސް ދިވެހީންނަކަށް ރައްކާތެރިއެއް ނުވެވެއެވެ. އާޚިރުގައި ކަންނިމިދާނީ ކިހިނެއް ކަމެއް ނޭނގެއެވެ.