ބަޣާވާތް ހިނގައިދިޔަގޮތް އޯކިޑް ފޮތަށް ވުރެ ސާފުވާނެ – ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސަޕޯޓުކުރާ ޒުވާނުންގެ ތެރެއިން ބަޔަކު އިސް ނަގައިގެން ގާއިމްކުރި އެމްޑީޕީ އޯޗާރޑް ޖަގަހަ އާއި އެމްޑީޕީގެ ވަރަށް ހަރަކާތްތެރި ޔުނިޓެއް ކަމަށްވާ “ޔެލޯފޯސް” ގެ އޮފީސް، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ހުޅުއްވައިދެއްވައިފިއެވެ.
މައްޗަންގޮޅި ކެނެރީ މަގުގައި ހުންނަ މިޖަގަހަ އާއި އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަވަސް އިންތިހާބަކަށްޓަކައި ރައްޔިތުންގެ ގޮވާ ގޮވެލީގެ އަޑު ކޮމަންވެލްތަށް އިވޭ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުދަކުޑަ ގައުމެއްގައި އަންތަރީސްވާހާ ގިނަ ބަޔަކު އަވަސް އިންތިޚާބަކަށް ގޮވާލައި ކުރަމުންދާ މަސައްކަތް ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަންއަށް ވެސް ފެނިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވިއެވެ. އަދި ނެޝަނަލް އިންކުއަރީ ކޮމިޝަން މިނިވަން ތަނަކަށް ހެދުމަށް ކޮމަންވެލްތުން ބާރުއަޅާފައި ވަނީ ރައީސް ނަޝީދަށްޓަކައި ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބާޣީ ސަރުކާރުގެ މަސްލަހަތު ހިމެނޭ ގޮތަށް ބާޣީ ސަރުކާރުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް މުޙަންމަދު ވަޙީދު ޙަސަން މަނިކު އެކުލަވާލާފައިވާ އިންކުއަރީ ކޮމިޝަނަށް ބަދަލު ގެންނަން މަޖުބޫރުވީ އިންތިހާބަށްޓަކައި ރައްޔިތުން ކުރާ މަސައްކަތުން ކަމަށްވާތީ އަވަސް އިންތިހާބަށްޓަކައި ކުރާ އިހްތިޖާޖު ހުއްޓާނުލެވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަރަށް ވެސް އެމްބެސެޑަރު ކަމުގައި ވަޑައިގަންނަވާށާއި އެނޫން ވެސް އެކި ބާވަތް ބާވަތުގެ “އޮފަރ” ހުށަހަޅައި އެކި ގޮތްގޮތުން އިލެކްޝަންސް ކޮމިޝަނާ ކުޅެވޭތޯ ބާޣީ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ރޭ ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން އަވަސް އިންތިހާބަކަށް ހުރަސްއެޅުމަށްޓަކައި ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުފޯރުވަމުންދާތީ، މި އަހަރުގެ ތެރޭގައި އަވަސް އިންތިހާބެއް ނުބޭއްވިއްޖެ ނަމަ ދުވަހަކު ވެސް ދެން އިންތިހާބެއް ނުބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބަޣާވާތުގެ ކަންކަން ތަހުގީގުކުރުމުން އާދައިގެ ރައްޔިތުންގެ ގޮތުގައި ތިބެ ފެބްރުއަރީ 7 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު މައުރޫފް ހިންގަމުން ދިޔަ، ނާޒިމް އާއި ރިޔާޒުގެ މައްޗަށާއި، ވެސް ޝަރީއަތުން އަންނަން ޖެހޭ ހުކުމެއް އަންނާނޭ ކަމަށެވެ. އަދި އެމްޑީޕީއާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ އުފަލުގައި ބައްދަބައްދާފައި އުޅުނު ބޭފުޅުން ކުރެއްވީ ކޮންކަމެއްތޯ ސާފުވާން ޖެހޭ ކަމަށާއި، ހުރިހާ ފޯނު ކޯލަކާއި ހުރިހާ އެސްއެމްއެސްއަކާއި ފޮޓޯއަކާއި ހުރިހާ ލާރި އެކައުންޓަކާ މި ބާވަތުގެ ހުރިހާ މައުލޫމާތެއް ހާމަކުރަން ޖެހޭ ކަމަށް ކޮމަންވެލްތުން އެއްބަސް ކުރުވައިފި ކަމަށް ވިދާޅުވަމުން “އެހެންވީމާ ޝައްކަކާ ނުލައި މިކަން ހިނގައިދިޔަ ގޮތަށް އަޅުގަނޑަށް ހީވަނީ އޯކިޑްފޮތަށް ވުރެ ސާފުވާނޭ” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މުޅި ބަޣާވާތުގެ ތެރޭގައި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ބުނާ ޝިޔާމަށް ފޯނުން މެސެޖްކުރީ އަދި ގުޅައިގެން ވާހަކަދެއްކީ ކާކުތޯ ވެސް ބަލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިފަހަރުވެސް އެމްޑީޕީގެ މެނިފެސްޓޯ އަލުން އެކުލަވާލަމުން އަންނައިރު ރައްޔިތުންގެ ބޭނުންތައް އެންމެ ބޮޑަށް ހިމަނުއްވާނެ ކަމަށް ވިދާޅުވެ، ކުރިންވެސް އަމަލުކުރެއްވި ގޮތަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ފުއްދަވަން ޖެހެނީ ކޮން ވައުދުތަކެއްތޯ އާންމު ރައްޔިތުންގެ ގާތަށް ވަޑައިގެން އޮޅުންފިލުއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.