އިންކުއިރީ ކޮމިޝަނުގައި ހިމެނުމަށް ރައީސް ނަޝީދުގެ ފަރާތުން ފޮނުވާ ހުރިހާ ނަމެއް ރިޖެކްޓްކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފި

ބާޣީ ސަރުކާރުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް މުހަންމަދު ވަޙީދު ޙަސަން މަނިކުގެ ގަރާރަކުން އުފައްދަވާފައިވާ އިންކުއިރީ ކޮމިޝަނުގައި ހިމެނުމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތުން ފޮނުވާ ހުރިހާ ނަމެއް ރިޖެކްޓްކުރަމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރު ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ ކޮމިޝަނުގައި ހިމެނުއްވުމަށް ހުށަހަޅުއްވާ ހުރިހާ ނަމެއް ރިޖެކްޓްކުރަމުންދާ ކަމަށެވެ. އަދި ކޮމިޝަނަށް ނަން ހުށަހެޅުމުގައި ވަރަށް ގިނަ ކަންތައް ޝަރުތުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެއްވެސް ޕަބްލިކް ފޯރަމެއްގައި ބަޣާވާތާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވާ ފަރާތަކަށް ނުވުން ވެސް ޝަރުތުކޮށްފައިވާ ކަމަށް މި ނޫސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ރައީސް ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ އަދި މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ 50000 މެންބަރުންގެ ތެރެއިން ބަޣާވާތާ ދެކޮޅަށް އަޑުއުފުލާފައިނުވާ މީހަކު ހޯދުމަކީ ދަތިކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ބާޣީ ސަރުކާރުން ހުށަހަޅާ ޝަރުތުތަކަކީ ވަރަށް ތާކުންތާކު ނުޖެހޭ ޝަރުތުތަކެއް ކަމަށް ވިދާޅުވަމުން ޙަސަން ލަތީފް އިތުރަށް ވިދާޅުވީ 2 ހަފްތާގެ ތެރޭގައި ރައީސް ނަޝީދުގެ ފަރާތުން ބޭފުޅަކު ކަނޑަނޭޅިއްޖެ ނަމަ ގާނޫނީ ވަކީލަކު ހިމަނައިގެން އެ ކޮމިޝަނުގެ މަސައްކަތް ކުރިޔަށް ގެންދާނޭ ކަމަށް ބާޣީ ސަރުކާރުން ބުނަމުންދާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. މީގެ އިތުރުން ވެސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކޮށްފައިވާ އިސްމާޢީލް ޝަފީއު އެ ކޮމިޝަން ޗެއަރ ކުރުމަކީ އެމްޑީޕީން އެއް ގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެ ކަމުގައި ވެސް އެމްޑީޕީން ދޫދީފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެފަދަ ޝަރުތުތަކެއް ބާޣީ ސަރުކާރުން ކުރަމުންދިއުން ބަހަނާއެއް ކަމަށް ހަދައިގެން ބޯހަރުކޮށްގެން ތިބުމަކީ އެމްޑީޕީން ކުރާނޭ ކަމެއް ނޫން ކަމަށް ހާމިދު ވިދާޅުވިއެވެ.

އިންކުއިރީ ކޮމިޝަނުން ބަލާނީ ރައީސް ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރުވެގެންތޯ އާއި، ވެރިކަން ބަދަލުވީ ގޮތް ކަމަށް މިއަދުގެ ނޫސް ކޮންފަރެންސްގައި ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި އެ ކޮމިޝަނަށް ހުށަހެޅޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ކޮމިޝަނުގެ މަސައްކަތް 31 ޖުލައިގެ ނިޔަލަށް ނިންމަންޖެހޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އިންކުއިރީ ކޮމިޝަނަށް ބަދަލު ގެނައުމަށް ބާޣީ ސަރުކާރަށް ކޮމަންވެލްތުންދީފައިވާ 4 ހަފްތާގެ މުހުލަތު ހަމަވާން 1 ދުވަހަށް ވެފައިވަނިކޮށް ބާޣީ ސަރުކާރުން ގޮތް ބަދަލުކޮށް ހަތިޔާރު ބަހައްޓަން ޖެހުނީ ކޮމަންވެލްތާއެކު ރައްޔިތުން ތިބި ކަމުގެ އަޑު ބާޣީ ސަރުކާރަށް އިއްވިލެއް ބާރުކަމުން ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.އަދި ބާޣީ ސަރުކާރު ޕްރެޝަރަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއްކުރީ ޕާޓީގެ އާންމު މެންބަރުންކަން ފާހަގަކޮށް، އެމްޑީޕީގެ އާންމު މެންބަރުންނަށް ދެބޭފުޅުން ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

އިންކުއިރީ ކޮމިޝަން މިހާރު އެކުލަވާލުމަށް އެއްބަސްވެފައިވާ ގޮތުން އެ ކޮމިޝަންގެ ޗެއަރމަން އިސްމާޢީލް ޝަފީއުގެ އިތުރުން ކޯޗެއަރ އަކާއި، ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު އެ ކޮމިޝަނުގައި އިންނަވާނެއެވެ. އަދި ބޭރުގެ ފަނޑިޔާރަކު އޮބްޒާވަރެއްގެ ގޮތުން އިންނަވާނެއެވެ.

“މިއަދު ނޫސް ވެރިންނާ ބައްދަލުކުރަން ހަމަޖެއްސީ ވަރަށް ތާރީޚީ އެނައުންސްމެންޓެއް ދެވެން އޮތީމަ. އަދި މި ޚަބަރަކީ ބަޣާވާތުގައި ބައިވެރިވި ފަރާތްތަކަށް އެހާ ރަގަޅު ޚަބަރަކަށް ނުވާނެ. އެ ޚަބަރަކީ ސީމެގުން އެދޭފަދަ ގޮތަށް އިންކުއިރީ ކޮމިޝަން މިނިވަންވި ކަމުގެ ޚަބަރު.” މިއަދުގެ ނޫސް ކޮންފަރެންސްގައި ހާމިދު ވިދާޅުވިއެވެ.

އިންކުއިރީ ކޮމިޝަން އިތުބާރުހިފޭ ކޮމިޝަނެއްގެ ގޮތުގައި އަލުންއެކުލަވާނުލައިފިނަމަ ރާއްޖެއާއި މެދު ހަރުކަށި ފިޔަވަޅުއަޅާނޭ ކަމަށް ސީމެގުން ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށް ސަރުކާރުން ދިޔައީ ކޮމަންވެލްތަށް ފުރައްސާރަކުރަމުންނެވެ. އަދި ބާޣީ ސަރުކާރުގައި ހިމެނޭ ދެ ޕާޓީއަކަށް ނިސްބަތްވާ ދެ މެންބަރަކު ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.