މާޒީ ފަހާ ނުދުވިޔަސް ، ޢިބުރަތް ލިބިގަންނާން ޖެހޭނެއެވެ!

ފުނަމާ

ކޮންމެ ކަމެއްވެސް ﷲ ތަޢާލާގެ މިންވަރުފުޅުން ނިންމަވަނީ އެންމެ ރަނގަޅަށް އެންމެ މަސްލަޙަތު ހުރިގޮތަކަށް ކަމުގައި ގަބޫލުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކަމެއް ވުމަށް މެދުވެރިވާ ސަބަބުތައް މެދުވެރިކޮށް އެސަބަބުތަކުގައި ހިފައިގެން މަސައްކަތް ކުރުމަކީވެސް ހަމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެކެވެ. އެކަމެއް ފުރިހަމަވުމާއި ނުވުން ހިމެނިގެން ދިއުމުގައި އަޅުގަނޑުމެން އެކަމެއްގައި އަމަލުކުޅަ ގޮތެއް ހަމަޔަގީނުންވެސް ގުޅިލާ މެހިގެން ވާނެކަމާ މެދަކު ޝައްކެއްވެސް ނެތެވެ. ހަމައެހެންމެ ކަމެއް މެދުވެރިވެގެން އަންނައިރު އަޅުގަނޑުމެންނަށް އެކަމެއް އެންމެ ފުރިހަމަޔަށް ފަހުމުނުވާ ކިތަންމެ ކަންތައްތަކެއް އެކަންކަމާއި ގުޅިފައި ހުރެއެވެ.

އެހެނަސް ފަހުން އެކަމާއި ވިސްނާލުމުން މިވީގޮތްތައް އަމިއްލަ ސިކުނޑިއަށް ފަހުމުވެ އެނގެމުން ދާކަމީ ހަގީގަތެވެ. ކަމެއް ކާމިޔާބުވީގޮތް ބަލައި އެފަދަ ކަމެއް އަލުން ކުރާއިރު ކުރީން އެކަން ކުރިގޮތަށް ނުވަތަ ހާލަތާ ޒަމާނާ ގުޅޭގޮތުން އަލުން ގެންނާންޖެހޭނެ ބަދަލުތަކެއް ވާނަމަ އެކަމެއް ފުރިހަމަ ކުރުމާއި ހަމައެފަދައިން ނާކާމިޔާބުވި ނުވަތަ ފުރިހަމަ ނުވި ކަންކަމުގައި ދިމާވި ގޮތްތައް ބަލައި ހޯދައި އެފަދަ ކަމެއްގައި އަލުން އެކުރެވުނު ކުށްތައް ތަކުރާރު ނުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެއަށް ކިޔައި މިއުޅެނީ އެންމެ އާންމު ބަހުންނަމަ މާޟީވިތަނުން ޢިބުރަތް ލިބިގަތުން ކަމުގައި ވެދާނެއެވެ.

ދިވެހިރާއްޖޭގައި ވެރިކަންކުރި ވެރީންނާއި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ކުރަމުންއައި ޖެއްސުންތަކާއި އަނިޔާތަކާ ، ދުށްތުރާ ތަކުގެ ސަބަބުން މިރައްޔިތުންގެ ހިތުގައި އެވެރިކަމުގެ ވަށްޓަފާޅިއާއި އެވެރީންނާއި މެދުގައި އުފެދުނު ނަފުރަތާއި ރުޅިވެރިކަމަށް ނިމުމެއް ގެނައުމުގެ ގޮތުން މަދުބަޔަކު ނުކުމެ އެންމެންގެ ފަރާތުން އިހުތިޖާޖުކޮށް އެންމެ ފަހުން ﷲގެ ރަޙުމަތް ފުޅާއިއެކުގައި މަލްޓިޕާޓީ ޑިމޮކްރަސީއެއް މިރާއްޖެ އަށް ތަޢާރަފުކުރެވުނީ މީގެ ތިންއަހަރެއްހާ ދުވަސް ކުރީންނެވެ. މިއީ ހަގީގަތެކެވެ. އެދުވަހުން ފެށިގެން ދިވެހީން މިއައީ ދެން ދިވެހީންގެ ގިނަބަޔަކު އުންމީދުކުރިފަދަ ވެރިކަމެއް މެނުވީ ރާއްޖޭގައި ނޯންނާނެ ކަމުގެ ޔަގީން ކުރަމުންނެވެ. ރައްޔިތުންގެ ވޯޓަށް ހުށައެޅޭ ގިނަބައެއްގެ މެދުން ރައްޔިތުން އެންމެރުހޭ ، އެންމެރަނގަޅު ، ރައްޔިތުންނަށް ފައިދާހުރި މެނިފެސްޓޯއެއް ހިފައިގެން އައިމީހަކަށް މެނުވީ މިގައުމުގެ ވެރިކން ދެން ނުލިބޭނޭ ކަމުގައި ކަށަވަރުކޮށްގެން މިތިބީ ނުހަނު ޔަގީންކަމާއެކު އުފަލުންނެވެ. އަލަށް އުދެއްދި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ކެއްތެރި ކަމެއްނެތި ކުރަމުންއައި މަސައްކަތްތަކާއި އެކަންކަން ހާސިލްވަމުން އަންނަ މިންވަރު ބަލަމުން އަންނާންއޮތް ރިޔާސީ އިންތިޚާބާއި މެދުގައި ގޮތެއް ނިންމުމަށް ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންވެސް މެއެވެ. އެވެރިކަމަށް ފުރިހަމަ ފަސްއަހަރު ފުރިގެން ދެހާސްތޭރައިގައި ބާއްވާނެ ރިޔާސީ އިންތިޚާބަކީ ޔަގީނުންވެސް އެސަރުކާރަށް އަދަބުދޭނެ ނުވަތަ އިނާމުދޭނެ އިންތިޚާބަކަށް ވާނެކަން އެނގި އެކަން ބަލައި ލުމުގެ އުންމީދުގައެވެ.

ވެރިކަމަށްއައި ފަރާތުންވެސް އެކަން އެނގި ކަށަވަރުވެ އެނގޭ ޙާލުގައި ރެޔާދުވާ އެއްކޮށްލައިގެން މަސައްކަތް ކުރަމުން ގެންދާތަން ފެނުނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށެވެ. ސަރުކާރާއި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުން ކުރީގެ މާޝީފަހާ ދުވެވަޑައި ގަންނަވާ ވެރިޔަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމުގައެވެ. ކެއްތެރި ކަމެއްނެތި މުޅިދުނިޔޭގައި ފުނާއަޅުއްވައިގެން ނަމަވެސް ދިވެހީންގެ ހިތްތަކަށް ފިނިކަން ގެނެސް ދެއްވައި އެވިދާޅުވާ ތަރައްގީއާއި ހެޔޮވެރިކަމުން ފުރާލެވިފައިވާ ” އަނެއްދިވެހިރާއްޖެ ” ދިވެހީންނަށް ގެނެސް ދެއްވުމުގައި އެމަނިކުފާނުން އަރާމަކަށް އެންމެ ވާޅެއްވެސް ދަންމަވާނުމެ ލައްވައެވެ. ވެދިޔަތަން ވެދިޔައީއެވެ. މިއަދު ޖާހިލު ނުލަފާ ބަޔަކު ތެދުވެ މިގައުމުގެ ރައްޔިތުންގެ ހުވަފެންތަކާއި އެސަރުކާރުގެ ބުރަމިންނެތް މަސައްކަތްތައް ފެނަށް ދުށްވާލައި ދައުރުގެ މެދުތެރެއިން ދައުލަތް ވަގަށް ޖަހައިގަނެފިއެވެ. އަނިޔާވެރި ޚުދުމުޚުތާރު ކަމުގެ ތެރެޔަށް ދިވެހި ގައުމު އަނެއްކާވެސް މިއޮތީ އެއްލާލާފައެވެ. ކަންމިވީ ކިހިނެއް ކަމާމެދު ކޮންމެވެސް ސިކުނޑި ތަކަކުން މިއަދު ވިސްނާލަން އެބަޖެހެއެވެ.

ބައެއްގެ ނުވަތަ ޖަމާއަތެއްގެ މައްޗަށްވިޔަސް ވެރިވެއްޖެ ކޮންމެ ބައެއްގެ ނުވަތަ މީހެއްގެ މައްޗަށް އެންމެ ފުރަތަމަވެސް ވާޖިބުވެގެންވަނީ އެބައެއްގެ މެދުގައި އަދުލުއިންސާފު ގާއިމުކުރުމެވެ. އެމްޑީޕީގެ ސަރުކާރު އައިސް މާޟީފަހާ ނުދުވާނެ ކަމުގައި ބުނެ ރައްޔިތުންނައިގެން ކުރިއަށް ދިޔައިރު މިގައުމުގެ ސަތޭކަޔަށްވުރެ ގިނަމީހުންގެ މަރުގެ ތުހުމަތު އެޅިފައިވާ މީހަކު އެހެރީ މަގުމަތީގައި މިނިވަންވެ އެހެންމީހުންނަށް ވުރެވެސް މާއިއްޒަތްތެރި ކަމުގައެވެ. އެތަކެއް އިނާޔަތް ލިބިދީފައެވެ. ދައުލަތުގެ ނަމުގައި އެތަކެއް ސަތޭކަ މިލިޔަން ޑޮލަރެއްގެ ވަގުވިޔަފާރި ކުރިކަމުގައި ބުނާބަޔަކު ތިބީ މަގުމަތީގައި ހަމަޖެހިލައިގެންނެވެ. ދައުލަތުގެ އެތައް ބިލިޔަން ރުފިޔާގެ ޚިޔާނާތްތައް އޮތީ ފަސްލެވި ފޮރުވިފައެވެ. އެހެން ކަމުގައި ވާނަމަ އަދުލު އިންސާފު ގާއިމު ކުރެވުނުތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދެންބުނާނީ ކީކޭބާވައެވެ؟ ފަހަރެއްގައި ރާއްޖޭގެ ޖޫޑިޝަރީ އޮތީ މިނިވަން ނުވެކަމުގައި ބުނުމުން އެއީ ތެދެއް ކަމުގައި ގަބޫލުކުރެވިވެސް ދާނެއެވެ. ނަމަވެސް އެހިސާބުން އެކަން ނިންމާލެވޭކަށް ނެތެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ރައްޔިތުން އެކަމަށް ނުކުތްނަމަ ޚިޔާނާތްތެރީންނާއި ގާތިލުން އަނިޔާވެރި މުޖުރިމުން މިގައުމުގައި ފިތުނަ އުފައްދާކަށް ނުތިބީހެވެ. ނުވެސް ތިބެވުނީހެވެ. ނަމަވެސް އެކަން ކުރާން ފެނިގެން ނުކުމެވުނީ ވަގުތު ފާއިތުވީ ފަހުންނެވެ. ސަރުކާރުގެ ދީލަތިިކަމާއި އޯގާތެރި ކަމުން ނާޖާއިޒު ފައިދާނަގައި އެއްކަލަ މުޖުރިމުން އެމީހުންގެ ބަލިފައިތައް ގަދަކުރި ފަހުންނެވެ. މިކަމާމެދުގައި އެކިމީހުންގެ ޚިޔާލުތަފާތު ވިނަމަވެސް އަޅުގަނޑާ އެއްބަސްވާނެ މީހުންވެސް މަދުނުވާނެ ކަމުގައި ދަންނަވަން ޖެހެއެވެ. ހަމައެކަނި މިސާލެއްގެ ގޮތުން ދަންނަވަން ޖެހެނީ ހަތާތަޅާލުމުން ކުޅަނދުރުތައް ތިބޭނީ ވައިވެފައެވެ. އަލުން ބާރެއްލިބޭނީ ހަތައެއް ހަދައިގެންނެވެ.

އެމްޑީޕީ ވެރިކަމަށް އައިއިރު ޕާޓީގެ ރަޖިސްޓަރީގައި ތިބީ ނަވާރަހާސް މީހުންނެވެ. ނަމަވެސް އެނގޭންއޮތް ހަގީގަތަކީ ދެހާސްއަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާުބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައިވެސް އެމްޑީޕީއަށް އެތަކެއްހާސް ވޯޓެއް އިތުރުވެފައިވާކަމެވެ. މާނަޔަކީ ޕާޓީގައި ރެޖިސްޓްރީ ނުވިނަމަވެސް އެމްޑީޕީގެ މެނިފެސްޓޯއާއި އޭގެ ކުރީގެ ސަރުކާރުގެ ޚުދުމުޚުތާރުކަމާއި އިދިކޮޅަށް ގިނަބަޔަކު ތިބިކަމެވެ. ނޫނީ ފަހަރެއްގައި އަލުން އަނބުރައި މައުމޫނު ވެރިކަމަށް އައިސްފިނަމަ ދުވަސް ދުށްވާލާނެކަމުގެ ބިރުގައި ޕާޓީގައި ނުހިމެނި ފޮރުވިގެން ތިބީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ގޮތެއްގައި ނަމަވެސް އެރައްޔިތުންގެ އެނިންމެވުމަށް އިހުތިރާމުކުރާން އެބަޖެހެއެވެ. އެމްޑީޕީ ވެރިކަމަށް އައުމާއެކު ބައިބަޔަށް އެމްޑީޕީއަށް މެންބަރުން އިތުރުވެ މިއަދު މިއޮތީ ފަންސާސް ހާހާއި ހަމަޔަށް އަރާފައެވެ. ސުވާލަކީ ކޮންމެ މެންބަރަކީ އިޚުލާސްތެރި މެންބަރެއްތޯއެވެ؟ ވެދާނެއެވެ. ހަމަކޮންމެ މެންބަރަކުވެސް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ އިޚުލާސްތެރި ނިޔަތެއްގައި ކަމަށް ވުމަކީ އިދިކޮޅު ހަދާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގެ އިސްސަފުން ކުރީގެ ސަރުކާރުގައި ހިމެނޭ ބޮޑެތި ތުހުމަތުގެ އިނގިލިތައް އެބަޔަކަށް ދިއްކުރެވުނު މީހުންތަކެއް ފެންނަމުން އެދިޔައީ ކީއްވެތޯ ސުވާލު ނުކުރެވޭނެ ސަބަބެއް ނެތެވެ. މައުމޫނަށް ޚުޝާމަދުކޮށް ޅެންހަދާލުމުން ނައިބުކަންލިބުނު ، ނާޖާއިޒު ގޮތުގައި ބޮޑެތި ލޯނުތައްނަގައި ދައްކާން ނުޖެހުނު ބައެއް މީސްމީހުން ކުއްލިޔަކަށް އެމްޑީޕީވެ އެމްޑީޕީ އަށްޓަކައި އެތަކެއް ގުރުބާނީތައް ފެށުނީއްސުރެ ވަމުންދިޔަ މީހުންގެ މަތީގައި ސަރުކާރުގައި ފައިގަދަކުރިތަން ފެނުނީ ކީއްވެ ބާވައެވެ. އެމްޑީޕީން އެންމެންނާ މެދުގައިވެސް އިޚުލާސްތެރި ވާތީ ކަމުގައި ހަމައެކަނި ބުނާބުނުން ގަބޫލުކޮށްފާނަމެވެ. ނަމަވެސް އެފަދަ މީހުންގެ ހިތްތައް ރަސޫލާގެ މޭފުޅު އިރުއްވައި ހިތްޕުޅު ދޮންނެވި ގޮތައް ދޮވެސާފުވެގެން ވާނެ ކަމުގައި ގަބޫލުކުރާކަށް ނެތީމެވެ. މަގާމާ ނުފޫޒަށްޓަކައި މިޕާޓީއާއި ގުޅިގެން މިޕާޓީގެ އަގުވަށްޓާލުމަށް މަސައްކަތް ކުރުންނޫން ހަމައެއްކަމެއްވެސް އެފަދަ ފަރާތްތަކުން ނުކުރާާކަމުގައި ހުވާވެސް ކުރާން ކެރިދާނެއެވެ. ދެންއޮތީ ޕާޓީގެ ލީޑަރޝިޕެވެ. ގައިމުވެސް މިޕާޓީއާއި އިއްޔެ މެންދުރު ގުޅުނު ކިތަންމެ ބަޔަކަށް ޕާޓީގެ މެންބަރުންގެ އިޚުލާސްތެރި ކަމުން މިޕާޓީގެ މުހިންމު މަގާމުތަކެއް ކަށަވަރުކޮށް ދީފިއެވެ. ނަމަވެސް މިއަދު މިފެންނަ މަންޒަރު ތަކުން މީގެފަހުން އެހިސާބަށް ކޮންމެ މީހަކުވެސް ގެންދާއިރު ބަލާންޖެހޭނެ ކިތަންމެ ކަމެއް ، ހަމައެހެންމެ ފުރުސަތު ދިނުމުގައިވެސް ޕްރޮޓަކޯލްސް ތަކެއް އެކަށައަޅާން ޖެހޭކަމުގައި ދެންނެވުމަކީ ހަމައެގޮތަށް މަގާމުތަކުގައި ތިއްބެވި އެންމެ އިޚުލާސްތެރި ފަރާތްތަކަށް ރައްދުކުރާ ބުރަބަހެއް ކަމުގައި ނުހިތްތެވުން އެދެމެވެ.

ހަމައެކަނި މިކަންކަމަށް ބަލާލައި އިތުރަށް ދިގުނުކުރާންވެގެން ނިންމާލަމުން ދަންނަވާލަން ޖެހެނީ ކުރީގައި ވެރިކަމަށް އައުމަށް ކުރެވުނު މަސައްކަތްތަކާއި އެއްގޮތަށް ނުވަތަ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް ގެންނާންޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް މިހާރު ސަރުކާރު ބަނޑުދަށު ލައިގެން އެތިބަ ބާޣީންނާއި އިދިކޮޅަށް ނުކުމެ އަލުން ރައްޔިތުންގެ ވޯޓުން ހޮވުނު ވެރިކަން ގާއިމުކޮށް ރައްޔިތުންނަށް ވެދީފައިވާ ވަޢުދުތައް ފުއްދައިދޭން އެބަޖެހެއެވެ. އެހެންނޫނީ ދެން ދުވަހަކުވެސް ރައްޔިތުން އިތުބާރާ އެކުގައި އެމީހުންއެދޭ ވެރިޔަކު ހޮވާކަށް ބޭނުމެއް ނުވާނެއެވެ. އަދި ﷲގެ މިންވަރުފުޅުން އަލުން އަނބުރައި ވެރިކަމަށް އައުމަށްފަހު މާޟީފަހައި ނުދުވުނެއް ކަމަކު މިހިނގައިދިޔަ ކަންކަމުން ޢިބުރަތް ލިބިގަންނާން ޖެހޭނެއެވެ.