ރޭދަންވަރުގެ ވަގުތެއްގައި އެމްޑީޕީގެ ނައިފަރުދާއިރާގެ މައިޖަގަހައިގެ އެތެރެއާ ބޭރަށް އަދި ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާ ސުވިޗް އޮންކުރުމުން މުޅިތަންރޯވެ އަނދާގޮތަށް ބަޔަކު ހިންގަން އުޅެފައިވާ ޖަރީމާ އެމްޑީޕީގެ ނައިފަރު ދާއިރާއިން ޓެރަރިޒަމްގެ އެ ނުބައި ޢަމަލު، ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފިއެވެ.
މިކަން ކުށްވެރި ކުރައްވައި ވާހަކަ ދައްކަވަމުން އެމްޑީޕީ ނައިފަރު ދާއިރާގެ ނާއިބު ރައީސް ވަދީފް މޫސާ ވިދާޅުވީ މިޢަމަލު ހިންގީ ޕީޕީއެމަށް ނިސްބަތްވާ ބަޔަކު ކަމަށް ތުހުމަތު ކުރެވޭކަމަށާއި، އެމްޑީޕީއިން ނައިފަރުގައި ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް އެއްވެސް ފަރާތަކުން އެއްވެސް ރޮގަކުން ހުރަސް އަޅައިފިނަމަ، އެހެން އެއްވެސް ޕާޓީއެއްގެ އެއްވެސް ހަރަކާތެއް ނައިފަރުގައި ހިންގިޔަ ނުދޭނޭކަމުގައެވެ. އަދި އެމްޑީޕީއަކީ ސުލްހަވެރިކަމާއެކު އިހުތިޖާޖްކުރާ ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ ޕާޓީއެއްކަމަށާއި، އެމްޑީޕީގެ މެންބަރުންނަކީ އިންޞާފަށް ލޯބިކުރާ ފިކުރުގެ އަހުލުވެރިބައެއްކަން މުޅިގައުމަށް މިހާރު އެނގިގެން ހިގައްޖެކަމަށާއި، ބަޣާވާތާއިގުޅިގެން އެމްޑީޕީއިން ހިންގާފައިވާ ބިނާކުރުވަނިވި ސުލްޙަވެރި އިހުތިޖާޖްތަކުން ވެސް އެކަން ކަށަވަރު ވެގެން ހިނގައްޖެކަމުގައި ވަދީފް މޫސާވިދާޅުވިއެވެ.
އަވަސް އިންތިޚާބެއް ހޯދުމަށްޓަކައި، އެމްޑީޕީ ނައިފަރު ދާއިރާއިން ސުލްޙަވެރިކަމާއެކު ހިންގާ އެވެސް އިހުތިޖާޖެއް ހުއްޓުވާނުލެވޭނޭ ކަމަށާއި، ބާޣީ ސަރުކާރު “އެނދުމަތިވެ އައިވީގުޅާހިސާބަށް” ދިއުމާވިދިގެން އެކަން ހަޖަމް ނުކުރެވުނު ނައިފަރުގެ ބަޔަކު އެމްޑީޕީގެ ޖަގަހައަށް ގެއްލުންދޭން އުޅުނީކަމުގައި ވެސް ވަދީފް މޫސާވިދާޅުވިއެވެ. އަދި މިފަދަ ތަހުޒީބު އަދި އިލްމީ ޒަމާނުގައި މިކަހަލަ ހަޑިމުޑުދާރު ޢަމަލެއް ބަޔަކު ހިނގަން އުޅުނީތީ ހިތާމަކުރައްވާކަމެއް ކަމުގައިވެސް ވަދީފް މޫސާ ވިދާޅުވިއެވެ.
ރާއްޖެ މި ދަތުރުކުރަނީ ޑިމޮކްރެޓިކު އުޞޫލް ތަކާދިމާލަށް ކަމަށާއި އެމްޑީޕީ ނައިފަރުދާއިރާގެ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނާ ގައުމުގެ އިސްތިގްލާލު ރައްކާތެރިކޮށް އަމާން މިނިވަން އުފާވެރި ޖައްވެއް އަންނަނިވި ޖީލުތަކަށް ވާޞިލްކުރުންކަމަށާއި، ބަގާވާތްކުރާ ފަރާތްތަކުގެ ކިބައިން މިލޮބުވެތި ވަޠަން ޙިމާޔަތް ކުރުންމަތީގައި ދެމިތިބުން ކަމުގައި އެދާއިރާގެ އިސް އޮފިޝަލެއް ކަމުގައިވާ އަހުމަދު އިޖްލާލު ވިދާޅުވިއެވެ. އެހެންކަމާއެކު، ހުރިހާރައްޔިތުންނަކީ ވެސް މުސްލިމުންކަން ދެކެ ދެނެތިބެ ފަސާދަޔާ ކޮރަޕްޝަންގެ ނުބައި އާދަ މިގައުމުން ފޮހެލުމަށްޓަކައި އެމްޑީޕީއާއި ބައިވެރި ވުމަކީ ގައުމުގެ މުސްތަގްބަލަށް ލިބިގެންދާނޭ އުފާވެރި ޚަބަރެއްކަމުގައި ވެސް އިޖްލާލު ވިދާޅުވިއެވެ.