ފުނަމާ
ދިވެހި ރައްޔިތުންގެ އެތަކެއް އުންމީދުތަކެއް ފުރިހަމަ ކުރުމަށް އެރައްޔިތުންގެ ރުހުމާއެކު ކަނޑައެޅި ސަރުކާރުގެ ވެރިޔާ ، ޝުޢުރާގެ މަތިވެރި މިސާލުން ފުރިހަމަ އަޣުލަބިއްޔަތުން ދިވެހީން ދިވެހި ގައުމަށް އިސްކުޅަ ވަލީޔުލް އަމްރު މިވަނީ އަދާވާތްތެރި ފާސިގުންގެ ބަޔަކު ނުކުމެ ގަދަކަމުން ވެރިކަމުން ވަކިކޮށްފައެވެ. ފެންނާންހުރި ހުރިހައި ހެކިތަކެއް އެބުނަނީ މިއީ ބަޣާވާތެއް ކަމުގައެވެ. ބޭރާއި އެތެރެއިންވެސް އެގޮވަނީ ހަމަ މިހެންނެވެ.
ބަޣާވާތަކުން ސަރުކާރު ވަށްޓާލައި މިއަދު ވެރިކަމުގައި ބަގުޑިލައިގެން އެތިބަ ބާޣީން ކިތަންމެ ވަރަކަށް މިއީ ގާނޫނީ ހަމަތަކުގެ މަތިން ގެނައި ބަދަލެކޭ، ކަލާނގެ މިންވަރުފުޅޭ ، ގޮވިއެއް ކަމަކު އެހަދަނީ ބޮޑުދޮގެއްކަން ހަމަޔަގީނުން އެވެރީންނަށްވެސް އެބައެނގެއެވެ. އެމްޑީޕީގެ ވެރިކަން ފެށުނު ދުވަހުއްސުރެ ފެށިގެން އެވެރިކަން ވަށްޓާލާނެ ކަމުގައި ގޮވައިނަގަމުން ގެންދިޔަ އަޑުތައް ދިވެހީން ނާހަމު ހެއްޔެވެ؟ އެގޮތައް އެގޮވި މީހުންގެ ސިފަ ދިވެހީން ނުދެކޭ ހެއްޔެވެ؟ މިއަދު އެމީހުން ކޮބައިތޯ އަހާލައިފިނަމަ ބުނެވެން އޮތް ހަގީގަތަކީ އެމީހުން އެތިބީ އެބުނިގޮތައް ކޮންމެ ގޮތަކުންކުރެ އެންމެ ހަޔާތްކުޑަ ގޮތަށް ދިވެހި ވެރިކަން ފޭރިގަނެ ވެރިކަމަށް އަރައިކަމުގައެވެ. ގާނޫނުއަސާސީއާއި ޚިލާފުވެ އިސްލާމްދީނުގެ ރުކުނެއްވެސް މުގުރާލައިގެންނެވެ. މުސްލިމުން އެމީހުންގެ ތެރެއިން ވެރިޔަކު ޚިޔާރުކޮށް ވެރިކަމަށް ބައިޢަތު ހިފައިގެން ތިބިހައި ހިނދަކު އެވެރިމީހާ ކަނޑައެޅިގެން ކުފުރުވެ ނުދާހައި ހިނދަކު އެހެން ވެރިޔަކަށް ބައިޢަތު ހިފުމަކީ އިސްލާމުންނަށް ނަހީކުރަށްވާފައިވާ އަމަލެކެވެ. ނަމަވެސް ފާސިގު ވެފައިތިބި ފަހަރި ޝޭޚުންތަކެއް ނުކުމެ ދިވެހީންނަށް ގުރުއާނާއި ސުންނަތް އޮޅުވާލައި ވާވެއްދުމަށް ދެއްކި ސުންޕާ ކިތަންމެ ވާހަކަ ތަކެއްގެ ސަބަބުން ބަޔަކަށް މަގުއޮޅި ދިޔައިރު ރިޝްވަތުގެ ހުތުރު މުޑުދާރު ފައިސާއިން ދިވެހި ސަލާމަތީ ބާރުތަކުގައި ހިމެނޭ ބަޔަކު ގަނެލައިގެން އެތިބީ ވެރިކަން ބަދަލުކޮށް ލައިގެންނެވެ. ލަދެއް ހަޔާތެއްނެތި ތިމަންނާމެންނީ މިގައުމުގެ ވެރީން ކަމުގައި ބުނަމުން ގެންދާއިރު ބަސްކިޔާން އެތިބަ މީހުންގެ ހާލަކީ ކޮބައިކަން ނޭނގޭ ދިވެހި ރައްޔިތަކު ނެތެވެ.
ބަޣާވާތުގެ އެންމެ އަޑީގައި ހުރިކަމުގައި ބުނަމުން ގެންދާ މައުމޫނަކީ އޭނާގެ ތިރީސް އަހަރުގެ ވެރިކަމުގައި އެތަކެއް ދިވެހި ރައްޔިތުންނެއްގެ މަރުގެ ތުހުމަތު ބޮލުގައި އެޅިފައިވާ އަނިޔާވެރިޔެކެވެ. ދިވެހި ރައްޔިތުން އޭނާވަނީ ވެރިކަމުން ދުރުކޮށްފައެވެ. ގާނޫނީ ހަމަތަކުގެ މަތީން ވޯޓު ލައިގެންނެވެ. ބަޣާވާތައް އެންމެގިނަ ފައިސާ ޚަރަދު ކުރިކަމުގައި އެބުނާ ބުރުމާ ގާސިމަކީ ކުރީގެ ވެރިކަމުގެ ކޮއިލު ތެރޭގައި އުޅެގެން ނާޖާއިޒު ގޮތްގޮތުން މުއްސަނދިކަން ހޯދައިގެން ހުރި މީހެއްކަމުގައި ބުނާމީހުންނަކީ ރާއްޖޭގައި މަދުބައެއް ނޫނެވެ. ވެރިކަމަށް ކުރިމަތިލައި މީހަކަށް ފޯއް އަޑިއެއް ދީފައިއޮތަސް އެވާހަކަވެސް ގޮވައިހަދައިގެން ތެޅިފޮޅި އުޅެމެ ރައްޔިތުން ނޫނެކޭ ބުނެފައިވާ މީހެކެވެ. ކިތަންމެ ވަރަކަށް ތިމަންނާއީ މިދިވެހި އުޑުދަށުގައި ތިބި އެންމެ ތައުލީމީ މީހުންގެ ތެރެއިންވެސް އެންމެ ތުންފަތުގެ ރަތްކުލަ ގަދަ، އަންހެންވެރީން އެންމެ ހިތްކިޔާ މީހާއޭ ބުނެ ވެރިކަމަށް ކުރިމަތި ލީނަމަވެސް ހަސަން ސައީދަށްވެސް ދިވެހީން ބުނެފައިވަނީ ނޫނެކޭއެވެ.
މިއަދު ވެރިޔަކީ ތިމަންނާއޭ ބުނަމުން ގެންދާ އެތެރެއާއި ބޭރުން ވެސް “ކާޅެއް”ގެ ގޮތުގައި ސިފަކުރާ މީހާގެ ހާލަކީ ކޮބައިކަން ނޭނގޭ އާދަމުގެ ދަރިޔަކު މިގައުމުގައި ނޫޅޭނެއެވެ. އެންމެ ފުރަތަމަ ޕީއެޗުޑީ އެއް ހަދައިގެން ރާއްޖެއައި ދިވެއްސަކީ އޭނާއެވެ. ނަމަވެސް ލިބުނު އިލްމެއްގެ ބޭނުން ދިވެހީންނަށް ކޮށްދެވިފައެއް ނެތެވެ. އޭރުގެ ވެރިކަމުން ކިރިޔާ އޭނާޔާ އިދިކޮޅަށް ކިނބިއްސެއް އެޅިޔަސް ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ގިނަވުމުން މަޝްހޫރު ފިލި ވަހީދުގެ ނަމުން ގިނަބަޔަކު އޭނާއަށް މުޚާތަބުކުރެއެވެ. އެމްޑީޕީ އުފެއްދުމުގައި ބައިވެރިވާން ލިބުމުންވެސް އެއިރުގެ ވެރިކަން ދެކެ ބިރުން ފިލަފިލައިގެން އުޅެފައި ރައްޓެހީންނާއި ތިމާގެ އަހުލުން ބޭނުން ކޮށްގެން ޕާޓީއެއް ހެދިކަމަކު އެޕާޓީއާއިގެން ހިންދެމި ނުލެވޭނެކަން އެނގުމުން އަވަހަށް އެމްޑީޕީއާއި ގުޅިގެން ރަނިނގް މޭޓެއްގެ ގޮތުގައި ނުކުމެ ނައިބު ރައީސެއްގެ ގޮތުގައި މީހުންނަށް ތަޢާރަފުވީއެވެ. އެކަމަކު މިއަދު އެހެރީ ޒަމާނުއްސުރެ ހިތުގައި ދިވެހި ވެރިކަމަށް ބޫތުކައިފައި އޮތް އެދުންގަނޑުގެ ބޮޑުކަމުން ފާސިގު ބަޔަކަށް ވިކި، ހަފުސްވެ ވެރިކަން ފޭރި ގަނެގެންނެވެ. މޭކަށިގަނޑާ ހަމައިގައި ބެގީކޮށް ،އަތްފައި ބަޅާބޫޅި ކޮށްގެން ކިތަންމެ ވަރަކަށް ހަޅޭއް ލެވިއެއް ކަމަކު އެއީ މިއަދު މިގައުމުގެ އެންމެންވެސް އެގޮވާ ބާޣީ ވަހީދެވެ. ކިތަންމެ ނުރުހުނަސް މީހުންގެ ޅަދަރީންވެސް މިއަދު އެތިބަ ގޮވަނީ ކަޅުކާޅުގެ ނަމުން މުޚާތަބު ކޮށެވެ. ރައްޔިތުންގެ ވޯޓަކުން ވެރިކަމެއް އުފެއްދޭނެ އެއްވެސް އުރަތްޕެއް މިއިން އެކެއްގެ ކިބައިގައިވެސް ނެތަތީވެ އިންތިޚާބެއް ބޭއްވުމަކީ ކޮލެރާއަށް ވުރެ އެމީހުން ބިރުގަންނަ ކަމެކެވެ. ސީމެގާއި ، އީޔޫ އަދި ، ކީއްކުރަން އެމެރިކާއިން ގޮވިޔަސް އަވަސް އިންތިޚާބަކަށް ދިއުމަކީ އެމީހުންގެ ހަށީގައި ފުރާނަ ހުރެގެން ކުރާނެ ކަމެއް ނޫނެވެ. ދިވެހި ރައްޔިތުން ބަނޑަށް ޖެހުނަސް އެކަމެއް ހަމަހިލާ އެމީހުން ނުކުރާނެއެވެ. ޖެހޭނީ ގަދަކަމުން އޮބިއަޅުވާށެވެ.
ދެހާސްތޭރައިގައި މެނުވީ ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމުގައި އެމީހުންގެ ” ފުފޫކޮތަޅު ބަންޑާރަނައިބު” ގޮވާއިރު މީގެކުރީން ދައުރުގެ މެދުތެރޭގެ އިންތިޚާބެކޭ ކިޔައި ލެވިހަޅޭއް ދިވެހީން އަޑުނާހަނީ ހެއްޔެވެ؟ ކުރިމަލާމާތާއި ، ޖެއްސި ވަށްތަރުތައް ދިވެހީން ނުދެކެނީ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ ވަގުތެއްގައިވެސް ހާލަތާ ގުޅިގެން ރިޔާސީ އިންތިޚާބެއް ބޭއްވުމަކަށް ދިވެހީންގެ ގާނޫނުއަސާސީ ހުރަހެއް ނާޅައެވެ. ތަފާތުވެގެން މިއުޅެނީ ބުނާބަހެވެ. ނެތިގެން މިއުޅެނީ އިތުބާރެވެ. އިންތިޚާބަކުން ބާޣީންނަށް އެއްވެސް ކާމިޔާބެއް ނުލިބޭނެކަން އެހެރަދަނީ ފެންނަމުންނެވެ. މިހާރުވެސް އިއްތިހާދޭ އެގޮވާ ރޮނގާލި ބާޣީން އެކަކު އަނެކެއްގެ މަސްކައި ހަދަމުން އެތިބަ ދުވަނީއެވެ. ބުރުމާގާސިމު ރިޔާސީ ކެމްޕެއިނު ފަށައި ޖަގަހަތައް ހަދަނީއެވެ. މިލިޔަނުން ލާރިގަނޑު އޮށްސަނީއެވެ. މައުމޫނު އެހެރަ ދުވަނީ ނުހިނގޭ ހާލުގައި ހަތަރު މޮށްގަނޑު ޖަހައިގެން މީހުންގެ ފައިބުޑަށް ސަލާން ޖަހަމުންނެވެ. މަގާމާއި ފައިސާ ދޭނެ ކަމުގައި ބުނެ ބާޣީން އެގެންދަނީ ރައްޔިތުން ހައްލަމުންނެވެ. ކޮޅުބޮޑު ކުރަމުންނެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުންގިނަ އެންމެ ޑިމޮކްރެޓިކު ޕާޓީކަމާ މިޕާޓީ މިހެން އޮއްވައި ބާޣީންނަށް ކުރިނުލިބޭނެކަން އެނގޭތީވެ މިޕާޓީ ރޫޅާލުމަށް ދުވަހުން ދުވަހަށް އެގެންދަނީ މަކަރުވެރި ރޭވުންތައް ރާވަމުންނެވެ. އެކަމަކު އެމްޑީޕީގެ ވަހުދަތު މާގަދަފަދައެވެ. ސަފުތައް މާބަދަހިމެއެވެ. ވާނުވާ އެންމެން އެބަދަނެއެވެ. އަރުވާ އަޑުތައް އެންމެން މިތިބީ ދަނެގެން ސަމާލުވެއެވެ. އެތެރެއާއި ، ބޭރުގައި ތިބި މިތުރުންނާއި ހަތުރުން އެމްޑީޕީއަށް އެނގެއެވެ. ލީޑަރުންނަކީ ކޮބައިކަމާ އެމީހުންގެ ހިތްވަރާ ފަންވަރު އޮޅުންފިލައެވެ. ހުދުގަމީހެއްގެ އެތެރޭގައި ފޮރުވިފައި އޮތަސް ކަޅުހިތްތައް މިއަދު އެމްޑީޕީއަށް އެހެރަދަނީ އޮޅުން ފިލަމުންނެވެ. ކިތަންމެ ދުވަހަކު ކިރުދީގެން އަތުކުރީގައި އޮޅުކޮށްގެން ގެންގުޅުނަސް ހަރުފަ ވިހަލާނެކަން މިއަދު މިވަނީ ޔަގީން ކުރެވިފައެވެ. އިތުރަށް ދަސްކުރާނެ ގިނައެއްޗެއް މިހާރަކު ގައިމުވެސް ނެތެވެ.
މިއަދު މިފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ޔަގީންކަން އިތުރުވަނީ އެމްޑީޕީދެކެ ބާޣީން ބިރުގަންނަ ކަމެވެ. މޭތުރުތުރު އަޅާކަމެވެ. އެކަމަކު ކިތަންމެ ފޫހޭކިޔަސް އަވަސް އިންތިޚާބެއް މިއަހަރުގެ ތެރޭގައި ބާއްވަން ޖެހޭނެކަން ބޭރުދުނިޔެވެސް ގަބޫލުކުރާއިރު ރާއްޖޭގެ ވޯޓު ހައްގުވާ ފަންސާސްހާސް މީހުން ހިމެނޭ މިޕާޓީންނާއި ސަޕޯޓަރުން އެގެންދަނީ ފާޅުގައި ބުނަމުންނެވެ. ދުނިޔޭގެ ކުރިމަތީގައި ހުއްޓި ހުރެގެން މުސްކުޅި އަޖޫޒަކާއި ބާޣީ ވަހީދަކު ނޫނެކޭ ބުނިއެއް ކަމަކު އެއަޑެއް އަހާނެ ބަޔަކު ނެތެވެ. ގޮތްދޫނުކޮށް ހިފަހައްޓައިފިނަމަ ދިވެހި ރައްޔިތުން ބަނޑަށްޖެހި އޮރިޔާން ހާލުގައި ޖެހިގެން ދާނެކަމުގެ ބިރުވެރިކަން މިއޮތީ ވެރިވެފައެވެ. ބޭރުގެ ގައުމުތަކުން މިގައުމަށް ދަތިކުރުމަށް އަޅާ ކޮންމެ ފިޔަވަަޅަކީ ގައުމުގެ ތަރައްގީގެ ނާރެސްތައް ފުނޑުފުނޑު ވެގެންދާނެ ކަމެއްކަން ބާޣީންވެސް ދަނެއެވެ. އެހިސާބަށް ރައްޔިތުން ބަލަހައްޓައިގެން ނުތިބޭނެއެވެ.
އެމްޑީޕީ ފިނިހަނގުރާމަ ބަލާކަށް ނޯންނާނެއެވެ. ރައްޔިތުންގެ ހައްގުގައި ނުކުންނާނެއެވެ. އަދި އަނިޔާވެރި ބާޣީން ހިފައި ހައްޔަރުކޮށް އެމީހުންނަށް ހައްގުވެގެންވާ އަދަބު އިންސާފުވެރި ކަމާއެކުގައި ދޭންޖެހޭނެއެވެ. އެދުވަސް މިހާރުވެސް ލޮލުގެ ކުރިމަތީން ހަމަ ސިފަވެގެން މިހިރަ ފެންނަނީއެވެ. ޝައްކުލާ ރައްދެއް ނެތެވެ!!