ހޯނޑެއްދޫ އެމްޑީޕީ އަޕަރ ސައުތު އިނިޝިއޭޓިވް ގޮފިން ނަޑެއްލާ އަށް ޒިޔާރަތްކޮށްފި

ނަޑެއްލާ މެދުމިން ގޮފީގެ ދައުވަތަކަށް ހޯނޑެއްދޫ އެމްޑީޕީ އަޕަރ ސައުތުު އިނިޝިއޭޓިވް ގޮފިން ނަޑެއްލާ އަށް ޒިޔާރަތްކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުރި މިދަތުރުގައި ނަޑެއްލާއަށް ޒިޔާރަތްކުރެއްވީ އެގޮފީގެ ރައީސް އަހުމަދު އާދަމް އާއި ނާއިބް ރައީސް ޝަމްއޫން އާދަމްގެ އިތުރުން ގޮފީގެ މެންބަރ އަދި އެމް.ޑީ.ޕީ މަޑަވެލި ދާއިރާގެ ސެކްރެޓަރީއެވެ.

މިދަތުރުގައި ބުރާސްފަތި ދުވަހުގެރޭ ނަޑެއްލާ އެމް.ޑީ.ޕީގެ ހަރުގޭގައި ވަނީ ޕާޓީގެ ޖަލްސާއެއް ބާއްވަފައެވެ. މިޖަލްސާގައި ނަޑެއްލާ އަންހެނުންގެ ރޫހުގެ މެންބަރުންނާއި ނަޑެއްލާ މެދުމިން ގޮފީގެ ރައީސް ހަމްދޫން ރަޝީދު އަދި އަޕަރ ސައުތު އިނިޝިއޭޓިވް ގޮފީގެ ރައީސް ވާހަކަދެއްކެވިއެވެ. އަދި މީގެ އިތުރުން މަޑަވެލި ދާއިރާގެ ސެކްޓްރީ މުއާޒު މުޙައްމަދުވެސް ވާހަކަދެއްކެވިއެވެ.

މި ޖަލްސާގައި ނަޑެއްލާ މެދުމިން ގޮފީގެ ރައީސް ވަނީ ބަޤާވާތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފޮޓޯތަކާއި ވީޑިއޯތަކުން ހާމަވާ ގާސިމް އިބްރާހީމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޮމްނަވެލްތަށް އިޖާބާދިނުމުގެ މުހިންމުކަމާއި އިޖާބަ ނުދީފިނަމަ ދިވެހިން ތަހައްމަލް ކުރާނެ ދަތިތަކާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އަޕާރ ސައުތު އިނިޝިއޭޓިވް ގޮފީގެ ރައީސްގެ ވާހަކައިގައި ރައީސް ނަޝީދުގެ ދުރުވިސްނޭ ސިޔާސަތުގެ މައްޗަށް އަލިއަޅުވައި އަދި މިހާރު މަޑަވެލި ދާއިރާގައި އެމް.ޑީ.ޕީ ސަރުކާރުން ފަށާފައިވާ ކަންތައް ހުއްޓި އޭގެ އަސަރު ނަޑެއްލާގެ ރައްޔިތުންނަށާއި އަދި މަޑަވެލި ހޯނޑެއްދޫ ރައްޔިތުންނަށް ކޮށްފައިވާ މިންވަރާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ. މީގެ މިސާލެއްގޮތުން އަޙުމަދު ވިދާޅުވީ ހުނަރު ޕްރޮގްރާމް ހުއްޓިފައިވުމުން ނަޑެއްލާގެ އަދި ހޯނޑެއްދޫ އެތައް ޒުވާނުންނެއް މާޔޫސްވެފައިވާ ކަމަށެވެ.

ޖަލްސާގެ އެންމެފަހު އައިޓަމެއްގޮތުން މެންބަރުންނާއި މުޚާތަބް ކުރައްވާ މުއާޒު މުހައްމަދު ވިދާޅުވީ މިދަނޑިވަޅަކީ ނުރައްކާތެރި ވަގުތެއްކަމަށާއި ސަބަބަކީ ބަޤާވާތެއް ގެނެސްފައިވާ ދަނޑިވަޅެއްކަމުގައި ވުމުން އެކިގޮތްގޮތުން ބިރުދައްކައި ނުފޫޒްގެ ބޭނުންހިފާނެ ކަމުން މިއީ ހިތްވަރުކުރަންވީ ވަގުތުކަމަށެެވެ. އަދި ނަޑެއްލާ އެމް.ޑީ.ޕީ އެއްވެސް މެންބަރަކު މާޔޫސް ނުވުމަށްވެސް މުއާޒު ގޮވާލެއްވިއެވެ. މީގެ އިތުރުން ނަޑެއްލާގައި އެމް.ޑީ.ޕީގެ ހަރަކާތްތައް ކުރިއަރަމުން އަންނަ ބާރުމިނަށް ތައުރީފް ކުރައްވައި މިދާއިރާގެ އެހެނިހެން ރަށްތަކުން ނަޑެއްލާ މިސާލަކަށް ބަލައި ޕާޓީ ހަރަކާތްތައް ހިންގުމަށްވެސް މުއާޒު ގޮވާލެއްވިއެވެ.

ހުކުރު ދުވަހުގެ ހަވީރު ނަޑެއްލާ އަންހެނުންގެ ރޫހުން އިންތިޒާމްކުރި ހިނގާލުމުގައިވެސް އަޕާރ ސައުތު އިނިޝިއޭޓިވްގެ ވަފްދު ވަނީ ބައިވެރިވެފައެވެ. މިހިނގާލުމުގައި ކޮމަންވެލްތަށް އިޖާބަ ދިނުމަށާއި އަވަސް އިންތިޚާބަކަށް ގޮވާލައި ނަޑެއްލާ ބޮޑެތި ހުރިހާމަގެއްގައި ހިނގާފައިވެއެވެ.

މިދަތުރުގައި ނަޑެއްލާ އެމް.ޑީ.ޕީ މެންބަރުންނާއި އަޕާރ ސައުތު އިނިޝިއޭޓިވް ގޮފީގެ ޓީމުން ބައްދަލުކޮށް ޕާޓީގެ ހަރަކާތްތައް ފުޅާކުރެވިދާނެ ގޮތްތަކާއި ބަޤާވާތާއި ބެހޭގޮތުން މެންބަރުންނާއި ޚިޔާލުބަދަލުކޮށް ވާހަކަދެކެވުނެވެ.