ރައްޔިތުން ބޭނުންވަނީ އެމީހުންގެ އިހުސާސްތައް ދަންނަ އެމީހުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދޭ ވެރިކަމެއް – ރައީސް ނަޝީދު

ރައީސް ނަޝީދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި

ރައްޔިތުން ބޭނުންވަނީ އެމީހުންގެ އިހުސާސްތައް ދަންނަ އެމީހުންގެ ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކޮށްދޭ ވެރިކަމެއް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބާޣީ ވެރިކަމުގައި ދިވެހިރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދޭ ކަމަށާއި، އަދި ކޮށް ނުވެސްދެވޭނޭ ކަމަށެވެ. އަދި ރައްޔިތުން އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދޭން މަސައްކަތްކުރަމުން ގެންދަނީ އެ ސަބަބަށްޓަކައި ކަމަށާއި، އެމްޑީޕީއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް ރައްޔިތުންނެއް ތިބިކަން ބާޣީންނަށް މިހާރު ވަރަށް ސާފުވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ގަދަކަމުން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ތިބި ބާޣީންނަށް ލިބިފައިވަނީ ވެރިކަމެއް ނޫންކަމަށާއި އެއީ އަނދައަނދާ އޮތް ފަޓާހެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރުވެސް އެތެރޭގެ ކޯޅުން އެހާ ބޮޑުވެފައިވާ އިއްތިހާދުގެ ބައިވެރިންނަށް ނިސްބަތްކޮށް “ބާޣީންނަށް އެތިބެވެނީ ވެރިކަމުގައި ކަމަށް ހީވިއަސް އެއީ އަނދައަނދާ އޮތް ފަޓާހެއްކަމަށާއި އިސާހިތަކު އެފަޓާސް ބާޣީންގެ އަތަށް ގޮވައި އެމީހުން ފިހޭނެކަމުގައި،” ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ވެރިކަމަށް އަތްގަދަކޮށްގެން ތިބި ބާޣީންނަށް މާގިނަ ދުވަހު ރައްޔިތުންގެ ވެރިކަން ފޭރިގަނެގެން ނުތިބެވޭނޭ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، މި 2012 ވަނަ އަހަރުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވައި އަލުން އެމްޑީޕީގެ ވެރިކަމެއް ގެންނަވާނޭ ކަމަށެވެ. އަދި އިއްތިހާދޭ ކިޔާ ބާޣީން ރޫޅިއްޖެ ކަމަށާއި، ކޮންމެ މީހަކުވެސް ބޭނުންވަނީ އަމިއްލަޔަށް، ވަކިވަކިން ވެރިކަމަށް ކުރިމަތިލާންކަމަށް ވުމުން ބާޣީ ސަރުކާރުގެ ވެރިޔާ. ޑރ. ވަހީދު އިތުރަށް ކުރިމަތިލާނެ ތަނެއް ނެތްކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދެއްކެވި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ވެސް ބާޣީ ސަރުކާރަށް ތަފާތު ބަހުގެ ހަމަލާތައް ދެއްވިއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި އަލަށް ހަދާފައިވާ އެމްޑީޕީ ޖަގަހަތައް ހުޅުއްވައި ދެއްވިއެވެ.

ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަން މާލެވަޑައިގެންނެވުމާ ގުޅިގެން، ރައީސް ނަޝީދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ މާލެވަޑައިގެންފައެވެ.