ފުވައްމުލަކުގައި ބޭއްވި މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

” ކޮމަންވެލްތާ އެކު ރައްޔިތުން” ގެ ނަމުގައި ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގައި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މި މުޒާހަރާގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި މި މުޒާހަރާގެ ބައިވެރިން އެހެން މުޒާހަރާތަކެކޭ ވެސް އެއްފަދައިން އަޑުއުފުލާފައިވަނީ ސީމެގުން ބާޣީ ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކަށް އިޖާބަ ދިނުމަށާއި އިންތިޚާބު އަވަސް ކުރުމަށެވެ.

މި މުޒާހަރާ ނިންމާފައިވަނީ ފުވައްމުލަކު ރަސްމީ ބޯޅަދަނޑަށެވެ. މުޒާހަރާ ރަސްމީ ބޯޅަދަނޑު ސަރަހައްދުން ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކައިރި މުސްތަޤްބަލެއްގައި އަވަސް އިންތިޚާބެއްގެ ތާރީޚް ލިބިގެންދާނޭ ކަމަށް ވިދާޅުވިއެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވެވަޑައިގެންފައިވާތީ އާއި، ސުލްހަވެރިކަމާއި އެކު މުޒާހަރާ ނިންމާލާފައިވާތީ މުޒާހަރާގެ ބައިވެރިންނަށް ޝުކުރު ދަންނަވާކަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މުޒާހަރާ އިއްޔެ މާލޭގައި ވެސް ބޭއްވި އެވެ. މާލޭގައި ބޭއްވި މުޒާހަރާ ފަށާފައިވަނީ އިއްޔެގެ އަސުރު ނަމާދަށްފަހު އުުސްފަސްގަނޑުންނެވެ.