ޖިނާޢީ މައްސަލަތަކުގައި ދައުވާކުރުމުގައި ހަމަހަމަ ކަމެއް ނެތް – އެމްޑީޕީ

ރާއްޖޭގެ މިނިވަން މުވައްސަސާތައް ފެއިލްވެފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބަޣާވާތަށް ފަހު ޖިނާޢީ މައްސަލަތަކުގައި ދައުވާކުރުމުގައި ހަމަހަމަ ކަމެއް ނެތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި އެމްޑީޕީގެ ޤާނޫނީ ކޮމިޓީއާއި ޙައްޤު ކޮމިޓީން މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޙައްޤު ކޮމިޓީގެ މުޤައްރިރުކަން ކުރައްވާ ޤާނޫނީ ވަކީލު ޢަބްދުﷲ ޝާއިރު މިއަދު ވިދާޅުވީ ރާއްޖޭގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށްޓަކައި ކެނޑިނޭޅި މުޒާހަރާކޮށް، ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ތަންތަނުގެ ބިއްލޫރި ތަޅާލައި، ފުލުހެއްގެ ގައިގައި ރޯކޮށް، ފެންފޯއްރުއްތައް އުފުރާ ހަދާފައިވާ އިއްތިހާދުގެ ބައިވެރިންނާ މެދު ޝަރީޢަތް ނުކޮށް، އެމްޑީޕީގެ އިޙްތިޖާޖުތަކުން ހައްޔަރުކުރެވޭ މީހުންނާ މެދު ޝަރީޢަތްކުރަމުންދާ ކަމަށާއި، އެކަމުން ޕްރޮސެކިއުޓަރ ޖެނެރަލް ފެއިލްވެފައިވާކަން ދޭހަވާ ކަމަށެވެ. އަދި ހަމަ އެއާއެކު ސިފައިންނާއި ފުލުހުންގެ މަރުކަޒާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، ރާއްޖެއަށް ގެނައި ބަޣާވާތާ ގުޅިގެން އެ ބަޣާވާތުގެ އެއްވެސް މައްސަލައެއް މިހާތަނަށް ބެލިފައިނުވާ ކަމަށް ވިދާޅުވެ، ކަމާބެހޭ މުޥައްސަސާތައް ކަމަށްވާ ޕީޖީ އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަން ވެސް ފެއިލްވެފައިވާ ކަމަށް ޝާއިރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މުޤައްރިރުކަން ކުރައްވާ ޤާނޫނީ ވަކީލު އަޙުމަދު ޢަބްދުﷲ އަފީފް ވިދާޅުވީ ބަޣާވާތަށްފަހު އެމްޑީޕީން ކުރަމުންދާ އިޙްތިޖާޖުތަކުގައި މިހާތަނަށް 460 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ދޫކޮށްފައިވީ ނަމަވެސް ވަރަށް ގިނަ ބައެއްގެ މައްޗަށް ފުލުހުންގެ ސަފުތައް ފޫއަޅުވާލުން ފަދަ އިދިކޮޅު އިއްތިހާދުން ވެސް ތަކުރާރުކޮށް ހިންގާފައިވާ އަމަލުތަކާ ގުޅިގެން ދައުވާކުރަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ދައުވާކޮށްފައިވާ ގިނަ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ރަށްރަށުގެ މެޖިސްޓްެރޭޓް ކޯޓުތަކުގައި ކަމަށާއި، އެހެން ކަމުން އެފަދަ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. މީގެ އިތުރުން ހައްޔަރުކުރާ މީހުންނަށް ވަރަށް ބޮޑަށް އަނިޔާކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި، އެފަރާތްތައް ދޫކޮށްލަނީ ވެސް ވަރަށް ގިނަ އަސާސީ ހައްގުތަކުން މަހުރޫމްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ރޭގަނޑު ވަކި ގަޑިއަކުން ފެށިގެން ބޭރުގައި އުޅުން މަނާކުރުމާއި، މުޒާހަރާތަކަށް ނުދިއުމަށް ޝަރުތުކުރާ ކަމަށް އަފީފް ވިދާޅުވިއެވެ.