ނަޑެއްލާ އެމްޑީޕީ ގޮފިތަކުގެ ނޫސް ބަޔާން

ދިވެހި ޤައުމަށް ގައްދާރުވި މަދު ބަޔެއްގެ ކެހިވެރި ހީލަތްތެރި ރޭވުންތަކަކާއި އެކު ޤައުމީ ހިދުމަތުގައި ރެޔާއި ދުވާލު އާއިލާއާއި ޅަދަރީން ދޫކޮށް ޤައުމަށްޓަކައި ޖިހާދުވާން ތައްޔާރަށް ތިއްބެވި ޤައުމުގެ ދިފާއީ ބާރުތަކުގެ އާދެ! ފުލުހުންނާއި ސިފާއިންގެ މަދު ބަޔެއްގެ އެހީއާއި އެކު މި ޤައުމުގެ ނަމާއި އަބުރާއި ގަދަރާއި އިއްޒަތް ފޭރިގަނެ ދިވެހި ވެރިކަމާއި ތޮޅި އިސްލާމީ ހަމަތަކުގެ މަތީން ޝުޢުރާގެ އޫސޫލްތަކުގެ މަތިން ދިވެހިން އިސްކުރި ވެރިމީހާއާއި ދެކޮޅަށް ބަޢާވާތް ކޮށް 07 ފެބުރުއަރީ 2012 މި ޤައުމުގެ މާޒީގެ ކަޅުސަފްހާއަކަށް ބަދަލު ވެދިޔުމާއި އެކު މި ޤައުމަށް ޑިމޮކުރަސީ ގެނުވުމަށްޓަކައި ރެޔާއި ދުވާލު ބުރަ މަސައްކަތް ކުރެއްވި ސައުތު އޭޝިޔާގެ ނެލްސަން މަންޑޭލާ އަދި ރައްޖޭޖެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކުރަޓިކް ރަޢީސް އަދި އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް މި ގޮފިތަކުގެ ފަރާތުން ނުހަނު އިހްލާސްތެރި ކަމާއި އެކު ބަލައި ގަންނަމެވެ.

އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު އަޅުގަޑުމެން ހޮވެވީ 5 އަހަރުގެ މުއްދަތަކަށެވެ. އެހެން ކަމުން ބަޔަކު މީހުން ނިކުމެ ބަޢާވަތްކޮށް ވެރިކަން ފޭރިގަތުމަކީ އެމް.ޑީ.ޕީ އިން ރައީސް ނަޝީދަށް އަރުވާފައިވާ 5 އަހަރުގެ ޓާމް ހަމަކުރުމަށް އެޅޭ ހުރަހެއްކަމުގައި މި ގޮފިތަކުން ނުދެކެވެ. އަދި 2011 ވަނަ އަހަރު ބޭއްވުނު އެމް.ޑީ.ޕީ ގެ އެތެރޭގެ އިންތިޙާބުގައި ޕާޓީގެ ރަޢީސާއި ނައިބް ރަޢިސް އަޅުގަޑުމެން އިންތިޙާބުކުރީ ވަރަށްވެސް ފޮނި އުންމީދާއި އެކުގައެވެ. ވެވަޑައިގަތް ވަޢުދުތަށް ފުއްދަވައި ޕާޓީ އާ ހަރުފަތްތަކެއް ކުރިޔަށް އަޅާނެ ކަމުގެ ފޮނި އުންމީދުގައެވެ. ޕާޓީގެ ރަޢިސް ގެ ކެމްޕެއިން ބަސްފުޅުންނަމަ ރުއްބުޑުގައި ބާއްވާ ޕާޓިގެ ޖަލްސާތަކަށް ނިމުމެއް ގެނެސް ޕާޓިގެ އޮފީސް ތަކާއި ހަރުގެ ތަށް އިމާރާތް ކުރާނެ ކަމުގެ އުންމީދުގައެވެ. އަދި 2013 ގެ އިންތިހާބު ރަޢީސް ނަޝީދަށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި ޕާޓިގެ ނާއިބް ރައީސް ވިދާޅުވަމުން ދިޔައީ އެއްލައްކަ މެމްބަރުން ޕާޓި އާށްވައްދައި އެމް.ޑި.ޕީ 2013 ގެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް 2013 ކާމިޔާބު ކޮށްދިނުމަށް އެކި ފޯޑިޔަމް ތަކުގައި ވެ ވަޑައިގަތް ވަޢުދު ތަކާއިއެކު އިންތިހާބު ވުމަށް ފަހު ދުވަހެއް ދުވަހެއް ޕާޓީ ހީނަރުވެ. ޕާޓި ބަލިކަށިވެ ދިޔުމުގެ އަސްލަކަށްވީ ޕާޓީގެ ވެރިކަން ބަޔަކު މީހުން ޤާނޫނީ ހަމަތަކުގެ ބޭރުން ފޭރިގަތުމެވެ. މި ގޮފިތަކުން ދެކޭ ގޮތުގައި ޕާޓީގެ ވެރިކަން ފޭރިގަތުމުގެ ފުރިހަމަ ޒިންމާ ޕާޓީގެ އޭރުގެ ރައީސް އަދި ނާއިބް ރަޢީސް ނަންގަވަން ޖެހޭނެއެވެ.

ނަމަވެސް ޕާޓީގެ ވެރިކަން ވެއްޓުމާއި އެކު އިދިކޮޅުމީޑިޔާ ތަކުގައި ޕާޓީ އަށް ފާޑު ކިޔައި އަލްހާނުގެ ބަހުންނަމަ އެމް.ޑީ.ޕީ ގެ ހަޤީޤީ ފިކުރު ކަމުގައި ވާ ރައީސް ނަޝީދަށް ފާޑުކިޔައި ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެއްދި އެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ޤައުމީ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކާއި އެކު ޕާޓީގެ ރައީސް އަދި ނާއިބް ރަޢީސްގެ މަޤާމް ގެއްލުނެވެ. މި ގޮފިތަކުގެ ފަރާތުން ޕާޓީގެ ޤައުމީ މަޖިލީހުގެ ނިންމުމަށް ނުހަނު ތާޢީދުކުރަމެވެ. އަދި އެ ނިންމުން އަވަސް ކޮށްދިނުމަށް ޕާޓީގެ އެކި ގުނަންތަކުގައި މި ގޮފިތަކުގެ ފަރާތުން ދަންނަވާފައި ވާނެއެވެ. ނަމަވެސް ޤައުމީ މަޖިލީހުގެ ނިންމުމަށް ގޮންޖައްސަވައި ޕާޓީއަށް ދިމާވެފައި މިވާ ނާޒުކު ދަންޑިވަޅުގައި ޕާޓީ އިތުރަށް ބަލިކަށިކުރުމުގެ ނިޔަތުގައި ނިއު އެމް.ޑި.ޕީ ގެ ނަމުގައި އިންދިކޮޅު ޕާޓީތަކާއި ގުޅިގެން އަލްހާން ފަހުމީ އަދި ޑރ. އިބްރާމް ދީދީ ހިންގަވަމުން ގެންދަވާ ޑިމޮކުރަސިއާއި ހިލާފު ނާތަހުޒީބް އަމަލުތަށް މި ގޮފިތަކުގެ ފަރާތުން ކުއްވެރި ކުރަމެވެ.

ވީމާ، އެމް.ޑި.ޕީ ގެ ޢާއްމު މެމްބަރުންގެ ވިންދާއި އިދިކޮޅަށް އަދި ޕާޓީގެ އެންމެ އިސް ގުނަން ކަމުގައިވާ ޤައުމީ މަޖިލީހުގެ ނިންމުން ތަކަށް ގޮންޖައްސަވައި ޕާޓީގެ ކުރީގެ ރަޢިސް ޑރ.އިބްރާހިމް ދީދީ އަދި ޕާޓީގެ ކުރީގެ ނާއިބް ރަޢީސް އަލްހާން ފަހުމީ ހިންގަވަމުން މިގެންދަވާ ޑިމޮކުރަސީ އަށް ނުފެތޭ އަމަލުތަށް މި ގޮފިތަކުގެ ފަރާތުން އަދި ނަޑެއްލާ އެމް.ޑީ.ޕީ ގެ 200 އެތަށް މެމްބަރުންނެއްގެ ފަރާތުން ކުއްވެރިކުރަމެވެ. އަދި ޕާޓީގެ މެމްބަރުންގެ ރުހުމާއި ލޯބި ހޯދަން ބޭނުންފުޅުވެލައްވާނަމަ އަލުން އަބުރާ ޕާޓީގެ އުސޫލްތަކާއި ހަމަތަކަށް ރުޖޫއަވެ. މި ޕާޓީގެ ރިޔާސީ ކެންޑިޑޭޑް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި އިޙްލާސްތެރި ކަމާއި އެކު ހިދުމަތްކުރުމަށް ގޮވާލަމެވެ.
07 މެއި 2012

ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރާޢީސް : ޙަމްދޫން ރަޝިދު
ނަޑެއްލާ އެމް.ޑީ.ޕީ ޒުވާނުންގެ ގޮފީގެ ރަޢީސް : މުޙައްމަދު އަބްދުﷲ
ނަޑެއްލާ އެމް.ޑީ.ޕީ ފިޔަލަ ގޮފީގެ ރަޢީސް : އަބްދުﷲ ރަޝީދު