އެއީ މިގައުމުގެ ހަލާކެވެ!

ފުނަމާ

ފާޅުވެ އެނގޭން އޮތްގޮތުގައި ދިވެހިރާއްޖެއަށް ޖުމްހޫރިއްޔަތެއް ތަޢާރަފު ކުރެއްވީ ސުމުއްވުލް އަމީރު އަލްމަރްހޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ސިލްސިލާވަމުންއައި ދިވެހި ރަސްރަސްކަލުންގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ކަމުގައި ވުމުގެ ޝަރަފު ރައްޔިތުންގެ ވޯޓަކުން ހޯއްދެވީ އަމީންދީދީ އެވެ.

ރަސްކަމުގެ ޚާންދާނީ ލެއިން ކަޅިވެ އިއްޒަތާ ޖާހަށް ފެންބޮވާފައިތިބި މަދުބަޔަކަށް ޖުމްހޫރީ ވެރިކަން ވެގެންދިޔައީ ބޮޑު އަޒާބަކަށެވެ. އެހެންކަމުން ގިނަދުވަހެއްނުވެ އެވެރިކަމަށް ނިމުންގެނައީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، ރައްޔިތުން އޮޅުވާލައި ފިސާރި ހީލަތްތެރި ކަމާއެކުގައެވެ. ޒަމާނުއްސުރެ ދިވެހީން އެދީނަކަށް ތަބާވެ އުޅެމުންއައި އިސްލާމް ދީނުގެ މަތިވެރި ޝަރީއަތުގެ ޚުކުމްތައް ތަންފީޒު ކުރެއްވި ކުރެއްވުމަކީވެސް އަމީންދީދީ ކުރެއްވި ނުބައި ނުލަފާވެގެންވާ އަމަލެއް ކަމުގައި ހަދާ އާޑަފުރައްސާރަކޮށް ފަރިހިޅެން ކިޔައިފައި ވާކަން ތާރީޚުން އެނގޭން އެބައޮތެވެ. އެދުވަހުވެސް މަކަރާއި ހީލަތުގައި ކުރިއަރައިތިބި މިގައުމުގެ އަދުއްވުން ހަތިޔާރަކަށް ބޭނުންކުރީ ދީނެވެ. އަނިޔާކޮށް ހަވަރަށްދީ މަރާލީ އިސްލާމީ މިދައުލަތުގެ ވަލީޔުލް އަމްރެވެ. ތާރީޚު އެއޮތީ ފެންނާށެވެ.

ފުރަތަމަ ޖުމްހޫރިއްޔަތައްފަހު އަލުން ރަސްކަމުގެ ޗޭނެއް ގަތާލުމަށް ކުރި މަސައްކަތް މަދުއަހަރު ތަކަކަށްފަހު އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލު ކޮށްލުމުގެ މަސައްކަތް ފެށިކާމިޔާބު ވެގެން އައީ ވަޒީރުލް އައުޒަމް އަލްމަރްހޫމް އިބްރާހީމް ނާސިރުގެ މޭސްތިރި ކަމާއެކުގައެވެ. ކުރިމަތިވި މުހިންމު ހާދިސާ ތަކަކާވެސް ގުޅިގެންނެވެ. ދައުލަތުގެ ފަރާތުން ރައްޔިތުންތަކަކަށް ކުރަމުންގެންދިޔަ ދަތިތަކަކާ އިހުމާލުވުން ތަކަކާހުރެ ކަމުގައި ބުނެނަމަވެސް އެންމެ ދެކުނުގެ ތިންއަތޮޅު ދިވެހި ދައުލަތުން ވަކިވުމަށް ކުރެވުނު މަސައްކަތް ތަކަކާއި ގުޅިގެން ބައެއް މީހުންގެ ކުރިމަތީގައި އިންސާފުން ، އަނެއްބައެއްގެ ކުރިމަތީގައި ބޭއިންސާފުން ހިންގުނު ކުރިމަތިލުން ތަކަކާއެކު އެތަކެއް ފުރާނަ ގެއްލި އެތަކެއް މީހުންގެ ލޭވެސް އޮހޮރުވި އަދި، ކަރުނައިން ފުރިގެންވީ ހާދިސާ ތަކެއް ހިނގައި ދިއުމަށްފަހުގައެވެ.

ނާސިރުގެ މޭސްތިރިކަމުގައި އައްޑޫ ގަޑުބަޑު ނިމިގެން ދިޔަ ދިޔުމުގައި ފުރުސަތުގެ ބޭނުންކޮށް ރާއްޖެ އެއިރު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތްއޮތުމަށް ނިމުންގެނުވައި ރައްޔިތުންގެ ރުހުމާއިއެކު ދިވެހިޖުމްހޫރިއްޔަތުގެ ދެވަނަ ދައުރަށް ދިވެހީން މަރުހަބާކީ ސުމުއްވުލް އަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ނޣޢވ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސްގެ ގޮތުގައި އިންތިޚާބު ކުރުމާއެކުގައެވެ. ނާސިރުގެ ރައީސްކަމުގެ ދިހަ އަހަރަކީ މިއަދުވެސް މިގައުމުން ފެންނަމުންމިދާ އެންމެހައި ތަރައްގީއެއްގެ ބިންގާއެޅިގެން ދިޔަ ދައުރު ކަމުގައި ދަންނަވާންޖެހެއެވެ.

ޒަމާނުއްސުރެ ދިވެހީން ބޭނުންކުރަމުން ދިޔަ ރިޔަލު އޮޑިފަހަރު ދޫކޮށްލައި މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި އިންޖީނުއެޅި މަސްވެރިކަމުގެ ސިނާޢަތު ފުޅާވެގެން ދިޔައިރު ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރެއްވީ ނާސިރެވެ. މުއާސަލާތީ ކުރިއެރުންތައް ހޯއްދެމުމަށް ތަފާތު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން އިނގިރޭސި މީޑިއަމްއަށް ތަޢުލީމުދިނުމާއި ، އޭޝިޔާގައި ނެތްވަރުގެ ޝިޕިންގ ލައިންއެއް ރާއްޖޭގައި އުފެއްދެވިއެވެ. މިނޫނަސް ކިތަންމެ ކިތަންމެ ކަމެއް މަރްހޫމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގައި ތަޢާރަފު ކުރެއްވިއެވެ. އެންމެ އަޖާބުކަމަކީ ނާސިރު ދެދައުރުގެ ވެރިކަން ނިންމަވާލައްވައި އަމިއްލަޔަށް އިސްތިއުފާ ދެއްވައި ވެރިކަމުން ވަކިވެ ވަޑައި ގެންނެވިއިރު ރާއްޖޭގައި ބޭރުގެ ދަރަންޏެއް ނެތްކަމެވެ. ލިބޭއެއްޗަކުން ފުއްދަމުން ރާއްޖެ ކުރިއަށް ގެންދެވިކަމެވެ. ނަމަވެސް ނާސިރަށް މިހުރިހައި ކަމެއްގެ އިނާމެއްގެ ގޮތުގައި ދިވެހީން ޖެއްސީ ކޮންފަދަ އަހުވަތަކެއްކަން އެދުވަސް ދުށްބައެއްގެ ހަނދާނުން މިއަދުވެސް ފިލައިގެން ނުދާނެއެވެ. ދުވަހަކު އިންސާނަކަށް އިންސާނުންގެ ދުލުން ކިޔާނެ ހުރިހައި ނުބައި ނުލަފާހައި އެއްޗެއް ކިޔައި ޅެންފަރިހި ހަދައި ކާޓޫނުކުރަހައި މުޅިގައުމުގައާއި ބޭރުގައުމު ތަކުގައިވެސް ނާސިރުގެ ނަންފުޅު ޚަރާބުކުޅައެވެ. މިކަމުގެ މޭސްތިރިއަކީ ނާސިރުގެ މަދަދާއި އެހީތެރިކަމާއިވެސް އެކުގައި ދިވެހި ޖުމްހޫރިއްޔަތުގެ ދެވަނަ ދައުރުގެ ދެވަނަ ރައީސްގެ ގޮތުގައި ދިވެހީން އިންތިޚާބުކުޅަ މައުމޫނެވެ.

އިބުރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި ކުރިއެރުން ތަކުގެ ބަދަލުގައި ދިވެހީންގެ ލޯތްބާއި ހެޔޮއެދުންތައް އެމަނިކުފާނަށް ހައްގުކަމުގައި ވީނަމަވެސް ނާސިރުގެ ހުރިހައި ވިދުންތަކަކަށް ފަސްއަޅައި އޮފުކަނޑުވާލިއެވެ. އެމަނިކުފާނުންގެ ހަށިކޮޅުވެސް އަމީންދީދީގެ ހަށިކޮޅުހެން ހަވަރަށްދީ އަވަދި ކޮށްލުމަށް ރޭވިރޭވުން ނާކާމިޔާބު ވެގެންދިޔައީ އެކަންކަން އެނގިވަޑައިގެން ނާސިރު ރާއްޖެއިން ބޭރަށް ހިޖުރަ ކުރެއްވުމުންނެވެ. އެހައިރުން މައުމޫނުގެ ހުރިހައި ހަސަދައެއް ފިލުވާލައި އޭނާގެ މޫނުމަތި އޮފުކުރާން ހަނާކޮށްލީ ނާސިރުގެ ގާތްމީހުންތަކެވެ. ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކޮށްދިން އެތަކެއް ވަފާތެރީން ތަކެކެވެ. އެމީހުންގެ އަނބިދަރީންވެސް ދޫކޮށްނުލައި ވޭންދެނިވި އަޒާބުތައް ދެއްކިއެވެ.

މިހުރިހައި ކަމަކަށްފަހު ދިވެހި ވެރިކަމުގައި ގަދަފައި ވިއްދައިގެން މިގައުމުގައި ވެރިކަމަށް ކުފޫހަމަވާ ހަމައެކަކުވެސް ހުއްޓަ ނުދިނުމަށް މައުމޫނު ކުރަމުންގެންދިޔަ މަސައްކަތް ލޮބާޑިލައިގެން ތިރީސް އަހަރު ކުރިއަށް ގެންދިޔައެވެ. ޒުވާންޖީލު މަސްތުވާ އެއްޗެތީގެ ވަބާބައި ޖައްސާ ސުންނާފަތި ކޮށްލިއެވެ. ވެރިކަމާ ދިމާލަށް ކަޅިއަޅާފާނެ ކަމުގައި ހީކުރެވުނު ކޮންމެ ލޮލެއް ” ކަނުކޮށްލިއެވެ”. ޖަލުތަކުގައި ވޭންދެނިވި އަހުވަދައްކައި ދިވެހީން ބިރުވެރިކަމުގައި ހަފުސްކުރުވިއެވެ. މިއަދު ބަޣާވާތަކުން ވެރިކަމުގައި މައުމޫނު ޖެހިހައި ބެރަކަށް ނަށަން އެހެރަ ފިލި ވަހީދަކީ މިރާއްޖެއަށް އެންމެ ފުރަތަމަ ޕީއެޗްޑީ އެއް ހިފައިގެން އައި މީހާއެވެ. އެކަމުގެ އަދަބެއްގެ ގޮތުން އޭނާވެސް ތަޅާ ރާއްޖެއިން ބައްސާލީ މައުމޫނެވެ. އޭނާގެ މުޅިއައިލާ މަގުމަތިކޮށް އޮރިޔާންކޮށް މައިމީހާއަށް އައުގުރާނަ އަންބާ ހަދައިގެން ކިއުއްވީވެސް ހަމަ މައުމޫނެވެ. އެކަމަކު ހަނދާން ބަލިކަމުން ނުވަތަ ވެރިކަމާ ހަސްގަނެފައި ހުރިވަރުން މިއަދަކު ބާޣީކަލޭގެއަކަށް މިކަމެއް އެނގޭހެނެއް ހީއެއް ނުވެއެވެ.

ތިރީސް އަހަރު ރާއްޖެއަށް ލިބުނު އެހީތަކާއި ކުރިއަރައިދިޔަ ސިނާއަތް ތަކުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރިތާނގައި ވީނުވީއެއް ނޭނގި ބޮޑެތި މަހުޖަނުންތަކެއް އުފެދި ރައްޔިތުންގެ ފައިސާއާއި މުދާތައް ރަށްތަކާއެކު ވަކިބަޔަކަށް ވަގުފުވެ ދިއުމާއި ރައްޔިތުންނަށް ދެމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވި މަދުބަޔަކު މިހާރުގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާގެ އަރިއަހުގައި މަގުމައްޗަށް ނުކުމެ ކުރެއްވި ހިއްވަރާއި މިންނެތް މަސައްކަތުން މައުމޫނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް ، ރައްޔިތުން ކިތަންމެ ވަރަކަށް އެދުނު ނަމަވެސް މައުމޫނާއި އޭނާގެ އައުވާނުންނަށް ކުޑަވެސް އަހުވައެއް ނުދައްކައި ދޫކޮށްފައި ބޭތިއްބުން ވެގެންދިޔައީ މިގައުމަށް އަނެއްކާވެސް އެކަލޭގެ ދައްޖާލުގެ މިސާލުގައި ފާވުން ކަމުގައެވެ. ހޭބުއްދި ފިލާފައިތިބި ދަހިވެތި މުއްލާއިން ތަކަކާއި އަދަބެއް ސަދަބެއް އަޚުލާގުގައި އަމުދުންނެތް ހަޔާތް ކެނޑިންތަކެއް ނެރެގެން އެންމެ ފަހުން އެވަރުން ނުވެގެން ރިޝްވަތު ދީގެން ހަތިޔާރުއެޅި ބަޔަކު ސަރުކާރާ އިދިކޮޅަށް ނެރެގެން މިގައުމުގެ ގާނޫނީ ސަރުކާރު މިވަނީ ވަށްޓާލާފައެވެ. އަމީންދީދީއަށް ހެދިހެން ފުލުހުންނާއި ސިފައިގެ އެހީތެރި ކަމާއެކު ރައީސް ނަޝީދު ހަވަރަށް ދިނުމަށް ކުރިމަސައްކަތް ރައީސް ނަޝީދުގެ ކެތްތެރިކަމާ ވިސްނުންތެރި ކަމުގެ ސަބަބުން ކާމިޔާބުނުވުމުންވެސް ފުލުހުންނާއި ސިފައިން ނެރެގެން ރައީސް ނަޝީދާއި އޭނާގެ އެހީތެރީންކޮޅެއް ފަހައި ލަވައި އަލިވާގޭ ދޮށަށް ގެންގޮސް ކަތިލާން ކުރިމަސައްކަތްވެސް ﷲގެ މިންވަރުފުޅުން ކާމިޔާބުނުވެ ދިޔައީއެވެ. އެކަމަކު މިއަދުވެސް މައުމޫނުގެ ރޭވުމުގައި ކޮންމެވެސް ގޮތަކުން ރައީސް ނަޝީދު ނައްތާލައި ދިވެހި ވެރިކަން ފޭރިގަތުމަށް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. މިއަދު ވެރިކަމުގައި ނަމެއްގައި މީހަކު ބަހައްޓައިގެން މައުމޫނު އަޑީގައި ހުރެގެން އެހިންގާ ހަޑިމުޑުދާރު އަމަލުތަކަކީ ދިވެހީންނަށް ވަންހަނާވާނެ ކަންކަމެއް ނޫނެވެ. މިގެނައި ބަޣާވާތުގެ އެންމެ އަޑީގައިވެސް ހުރީ އެންމެންވެސް އެބުނާފަދައިން ހަމަ މިކަލޭގެއެވެ. އެއީ މިގައުމުގެ ހަލާކެވެ. އޭނާގެ ކިބައިން މިގައުމާއި ރައްޔިތުން ސަލާމަތް ކުރަށްވާށިއެވެ. އާމީން!