ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އިފްތިތާޙްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ރޭ އިފްތިތާޙް ކުރައްވައިފިއެވެ.

މި ޕްރައިމަރީ ކެމްޕެއިން އިފްތިތާހް ކުރެއްވީ ނިލަންދެ އަތޮޅު އުތުރުބުރި އާއި އެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތުރުބުރީ މަގޫދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއް ގައެވެ.

ރައީސް ނަޝީދު ނިލަންދެ އަތޮޅަށް ކުރައްވާ 2 ދުވަހުގެ މި ދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގެންނެވީ ދ.ކުޑަހުވަދޫ އަށެވެ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެ ކުޑަހުވަދޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒަށް ވަޑައިގެން އެ ސްކޫލުގެ ހާލަތު ބައްލަވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޑަހުވަދޫއަށް ފަހު ރައީސް ނަޝީދު ދެންވަޑައިގެންނެވީ މީދޫ އަށެވެ. މީދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ޖަގަހައެއްގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާޠަބުކުރެއްވިއެވެ. އަދި ރަށުތެރެ ބައްލަވާލައްވައި އެރަށު ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދު ނިލަންދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ރޭ ވަނީ ފ.މަގޫދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން އެމްޑީޕީ މެދު ޕްރޮވިންސްގެ ރައީސް އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ މާލީ ވަޒީރު މުޙައްމަދު ޝިހާބާއި، ނައިބު ރައީސް ޢަބްދުﷲ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަގޫދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޖަގަހައިގެ ބިންގާ މިއަދު ހެނދުނު ރައީސް ނަޝީދާއި. މިނިސްޓަރ ޝިހާބް އަޅުއްވައި ދެއްވިއެވެ. އަދި ބިލެތްދޫއަށް ވަޑައިގެން އެރަށު އެމްޑީޕީ ހަރުގޭގައި ބިލެތްދޫ ގޮފިތަކުގެ އިދާރީ މަރުކަޒު ހުޅުވުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އެރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު މެންދުރުފަހު ފ.ފީއައްޔަށް ވަޑައިގަތުމަށްފަހު، މިއަދު ހަވީރު ރައީސް ނަޝީދު މާލެވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫންމަހުގެ 16 ވާ ހޮނިހިރު ދުވަހުއެވެ.