ނޫސްބަޔާން: މީޑިއާގެ މިނިވަން ކަމަށް ހުރަސްއެޅޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާތީ އެކަން މިޕާޓީން ކުށްވެރިކުރަން

މިނިވަން މީޑިއާއަށް ހުރަސްއެޅުމަށް ބަޣާވާތް ސަރުކާރަށް ވާގިވެރިވާ އަދި އެ ސަރުކާރުގައި ހިމެނޭ ފަރާތްތަކުން ފާޅުގައި މަސައްކަތްކޮށްފައިވާ ކަމުގެ ކުލަ ހެކިތައް ބަޣާވާތުގެ ތެރެއިންނާއި ބަގާވާތަށްފަހު ވެސް މިދަނީ ފެންނަމުންނެވެ. އެގޮތުން ދިވެހިރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކޮށް ކުރީގެ ޚުދުމުޚްތާރު ވެރިޔާ މައުމޫނު ޢަބްދުލްޤައްޔޫމްގެ ގޮނޑިކޮއްކޮ ސަރުކާރެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އެމްއެންބީސީގެ ޖާރނަލިސްޓް މޫސާ ނައުޝާދަށް އެމްއެންބީސީވަން ކައިރިން ހަމަލަދީ ވަރަށް ބޮޑަށް އޭނާ ޒަޚަމްކޮށްލާފައިވެއެވެ. އަދި ހަމަ މިދުވަސްވަރު މިއަހަރުގެ ޖެނުއަރީ މަހު އެމްއެންބީސީގެ ނޫސްވެރިއެއްގެ މޫނަށް އަމާޒުކޮށް ޕެޕަރސްޕްރޭ ޖަހާފައިވާ އިރު، 241 ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުންދަނިކޮށް އެމްއެންބީސީވަންގެ ކޭބަލްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުރިކޮށްފައެވެ.

މީގެ އިތުރުން ބާޣީ ސަރުކާރުގެ އަމަލުތަކަށް ފާޑުކިޔަން ކެރޭ ހަމައެކަނި ޓީވީ ޗެނަލްކަމަށްވާ ރާއްޖެޓީވީން ލައިވްކުރުމަށް ބޭނުންކުރާ 3 ޖީ ކެމެރާގެ ކޭބަލް މިއަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު 2 ފަހަރެއްގެ މަތިން، ސިފައިންނާ ފުލުހުން ވަނީ އުފުރާލާފައެވެ. އަދި ބަޣާވާތް ގެނައިދުވަހު ސަރުކާރު ބަދަލުވުމުގެ 4 ގަޑިއިރުކުރިން އެމްއެންބީސީގެ އިމާރާތުގެ ގޭޓް ބަންދުކޮށްފައިވަނިކޮށް އެ ގޭޓުގެ ތަޅަށް ބަޑިޖަހައި، އެ އިމާރާތުގެ ތެރެއަށް ގަދަކަމުން ވަދެ، އެ ކުންފުނީގެ މުޥައްޒަފުން ޙިސާރުކޮށް، އެ ޗެނަލް އިން އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ އަދި، ބާޣީ ސަރުކާރު ގެނައުމަށް މަދަދުވެރިވި ގާސިމް އިބްރާހީމްގެ ވީޓީވީގެ ލައިވްފީޑު ގެނެސްދެމުން ދިޔަކަން ފާހަގަކުރެވެއެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެއްވެސް މުޥައްސަސާއަކުން މި ނުރައްކާތެރި އަމަލު މިހާތަނަށް ވެސް ކުށްވެރިކޮށްފައިނުވާކަން އެމްޑީޕީން ހިތާމައާއި އެކު ފާހަގަކުރަމެވެ.

ބަޣާވާތަށްފަހު ބައެއް ނޫސްވެރިންނަށް ޚާއްސަކޮށް، މިނިވަން ނޫހާއި، މޫންލައިޓް އަދި ރާއްޖެޓީވީގެ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅަމުންދާކަން ފާހަގަކުރެވެއެވެ. އަދި ބައެއް އިވެންޓްތައް ކަވަރުކުރުމަށްދާ ނޫސްވެރިން އެ ސަރަހައްދަށް ނުވައްދަނީ “މަތިން އަންގާފައިވާތީ” ކަމަށާއި، “އެއީ އެކަން އޮންނަ ގޮތް” ކަމަށްވާތީ ކަމަށް ފުލުހުން ބުނަމުންދާ ކަމުގެ ޝަކުވާ މި ޕާޓީއަށް ދަނީ ލިބެމުންނެވެ.

އަދި އެމްޑީޕީގެ ސީދާ ހަރަކާތް ކަވަރުކުރަމުންދިޔަ މޫންލައިޓްގެ ނޫސްވެރިއަކު ދާދިފަހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާކަން ވެސް ފާހަގަކުރަމެވެ.

ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރުން ކަމަށްވާ ގުފްތަގު އަޖީރު އާއި މުޙައްމަދު ޖިނާހަށް މިދިޔަ ހޮނިހިރު ދުވަހު ބަޔަކު ދީފައިވާ ހަމަލަ ވެސް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އެމްޑީޕީން ދެކޭ ގޮތުގައި ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ދީފައިވާ ނުރައްކާތެރި ހަމަލައަކީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި، މިނިވަން ނޫސްވެރިކަން ހީނަރުކުރުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ. އަދި މިހަމަލައަކީ ހަމައެކަނި އެ 2 ޕްރެޒެންޓަރުންނަށް ދީފައިވާ ހަމަލައެއް ނޫނެވެ. މިއީ މުޅި މީޑިއާގެ މިނިވަން ކަމަށް ދީފައިވާ ހަމަލައެކެވެ. އަދި މިހަމަލަ ދިނުމުގައި ތޫނު ހަތިޔާރު ބޭނުންކޮށްފައިވާތީ އެކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެން ކަމުން މި ފިނޑި އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅުއެޅުމަށް ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.

އަދި މަތީގައި ބަޔާންކޮށްފައިވާ ފަދަ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ އެތައް އަމަލެއް ތަކުރާރުކޮށް ރާއްޖެއިން މިހާރު ފެންނަމުން ދިޔަ ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ މުވައްސަސާތަކުން މަދު ފަހަރެއްގައި މެނުވީ މިފަދަ އަމަލުތައް ކުށްވެރިކޮށްފައިނުވާތީ، މި ދެންނެވި މުޥައްސަސާތަކަކީ ވެސް ބަޣާވާތް ސަރުކާރަށް ވާގިވެރިވާ ފަރާތްތަކެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި)