ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ހޯދުމަށް ވާދަކުރައްވާ ޕާޓީ މެމްބަރުންގެ ތެރެއިން އިންތިޚާބީ ދާއިރާއަކުން 2 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވީ ނަމަވެސް އެ ދާއިރާއެއްގައި ޕްރައިމަރީއެއް ބޭއްވުމަށް ގައުމީ މަޖިލިހުން ނިންމަވައިފިއެވެ.
ރޭ ހަކުރާ މާލަމްގައި އޮތް ގައުމީ މަޖިލިހުގެ 65 ވަނަ ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވި 22 މެމްބަރުންގެ ތެރެއިން 13 މެމްބަރުން ވޯޓު ދެއްވައިގެން ނިންމެވި ނިންމެވުމުގައި ވަނީ “ޕާޓީ ޓިކެޓް ދިނުމުގައި އަމަލު ކުރަމުން ދާނީ ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައިވެސް އިންތިޚާބެއް ބޭއްވުން” މިހެންނެވެ.
މި ނިންމެވުމާއެކު ގައުމީ މަޖިލިހުން ކުރިން ފާސްކޮށްފައިވާ ޕާޓީގެ ޓިކެޓް ކެންޑިޑޭޓަކަށް ދެވޭނެ އުސޫލުގެ 2 ވަނަ މަރުހަލާގެ 3 ވަނަ ނަންބަރު ބާތިލް ވީއެވެ. އެ ނަންބަރު ވަނީ، 12 ޖެނުއަރީ 2009 ގައި އޮތް ގައުމީ ހިންގާ ކޮމިޓީގެ 102 ވަނަ ބައްދަލުވުމުގައިވެސް ބާތިލް ކޮށްފައެވެ. ނަމަވެސް ގައުމީ ހިންގާ ކޮމިޓީގެ އެ ނިންމުން ބާތިލްކޮށް 22 ޖެނުއަރީ 2009 ގައި ބޭއްވި ގައުމީ މަޖިލިހުގެ 64 ވަނަ ބައްދަލުވުމުގައި ޕާޓީގެ ޓިކެޓް ކެންޑިޑޭޓަކަށް ދެވޭނެ އުސޫލުގެ 2 ވަނަ މަރުހަލާގެ 3 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވެއެވެ.
ގައުމީ މަޖިލިހުން ފާސްކޮށްފައިވާ ޕާޓީގެ ޓިކެޓް ކެންޑިޑޭޓަކަށް ދެވޭނެ އުސޫލުގެ 3 ވަނަ ނަންބަރުގައި ވަނީ 3 ކެންޑިޑޭޓުންނަށްވުރެ މަދުން ކުރިމަތިލާފައިވާނަމަ ޕާޓީ ޓިކެޓް ދެވޭނީ އެ އުސޫލުގައި ހިމެނޭ ޝޯޓްލިސްޓް ކުރާ މިންގަނޑުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަކަށް ކަމަށެވެ.
ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމަށް ރޭ ގައުމީ މަޖިލިހުން ނިންމެވީ އެ މައްސަލައާމެދު ވަރަށް ބޮޑަށް ބަހުސް ކުރުމަށްފަހު 2 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވީނަމަވެސް، ޕްރައިމަރީއެއް ބޭއްވުމަކީ އެންމެ ޑިމޮކްރެޓިކް، އިންސާފުވެރި ގޮތްކަމަށް ދެކި، އެގޮތަކީ ޕާޓީގެ މަސްލަހަތަށް ވެސް އެންމެ ރަގަޅު ގޮތްކަމުގައި ވާހަކަ ދެކެވިގެންނެވެ.
ރޭގެ 8.30 ން ފެށިގެން 11.45 ށް ދެމިގެން ދިޔަ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް 23 މެމްބަރުން ހާޒިރުވެވަޑައިގަތެވެ. އެ ބޭފުޅުންނަކީ އިބްރާޙިމް ޙުސެއިން ޒަކީ އާއި ޙާމިދު ޢަބްދުލް ޣަފޫރާއި ޝުޢައިބު ޢަލީ (ފުރަހަނި)، އީވާ ޢަބްދުﷲ އާއި ޑރ އިބްރާހީމް ދީދީ (ޑީޑީ) އާއި މުޙަންމަދު ޒިޔާދު (ޒިޔާއްޓޭ) އާއި ޢަބްދުﷲ ސަޢީދު އާއި އަޙްމަދު ޢަބްދުﷲ އާއި އަޙްމަދު ޢާދިލް އާއި އަސްލަމް ޝާކިރާއި މުޙަންމަދު ރަޝީދު ޙުސެއިން (ބިގޭ) އާއި އިބްރާހީމް ވަޙީދު އާއި އަޙްމަދު ޝަފީޤާއި ޙަސަން ޢަފީފާއި އަޙްމަދު ޙަލީމް (ދޮންބިލެއް) އާއި މުހައްމަދު ޝަރީފް (ސެންކޯ) އާއި މުހައްމަދު އަސްލަމް އާއި މުޙައްމަދު ރިޔާޒާއި އަދުނާން ހަލީމާއި އަހުމަދު ސަމީރާއި އައްޝައިޚު މުޙަންމަދު ފާރޫޤާއި އައްޝައިޚު އާދަމް ނަސީމް (ބީއޭ) އެވެ.
ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ގައުމީ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއެވެ.