ޑިމޮކްރަސީއެއްގައި ނޫސްވެރިން ކަނުލައި އަޑުއަހަން ތިބެން ޖެހޭނެ – ރައީސް ނަޝީދު

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ޑިމޮކްރަސީއެއްގައި ނޫސްވެރިން ކަނުލައި އަޑުއަހަން ތިބެން ޖެހޭނެކަމަށް ވިދާޅުވެއްޖެއެވެ. އަދި ދިވެހިރާއްޖެއަށް ދިމާވެފައިމިވާ ސިޔާސީ ހަލަބޮލޮކަމުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އަންނަ ބަދަލާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް “ފުރާނަ އާއި ލެއިން” މަސައްކަތްކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންނާއި، ބްރޯޑްކާސްޓާރުން، މީޑިޔާ ކައުންސިލްގެ މެމްބަރުން، މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަންގެ މެމްބަރުން އަދި ރާއްޖޭގައި ތިިއްބަވާ ޑިޕްލޮމެޓިކް ކޮމިއުނިޓީގެ ބޭފުޅުންނަނަށް ބޭއްވި ހާއްސަ ފަރިއްކޮޅެއްގައި ރައީސް ނަޝީދު ވިދާޅުވީ ޚުދުމުހުތާރު ވެރިކަމުގައި ނޫސްވެރިންނަށް ކުރިމަތިވި ބިރުވެރިކަން އަނެއްކާވެސް އިއާދަވެދާނެކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ “މިދިޔަ ހަތަރު އަހަރު ދުވަހަކީ އަޅުގަނޑުމެންގެ ހަޔާތުގައި މާގިނަ ދުވަހެއްނޫން. އެހެންވީމާ އެހަތަރު އަހަރު ދުވެހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެފެނުނުތަން އެއީ އަނބުރާ އެހެންގޮތަކަށް ނުދާނެ ކަމެއްކަމަށް ދެކޭކަށް އަޅުގަނޑުމެން ނޭދެން. އެހެން ނަމަވެސް އެއީ އަޅުގަނޑުމެންގެ ތާރީޚުގައި އެތައްފަހަރަކު ހިގާފައިހުރި ކަމެއް.”

އަދި ޑިމޮކްރަސީގެ މަސައްކަތަކީ އެންމެ ޖީލަކުން ކުރެވޭނެ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑު ދެކެނީ ހަގީގަތުގައި އެކަންވާނީ އަޅުގަނޑުމެންގެ ދަރީންނަށޭ” ރައީސް ނަޝީދު ވިދާޅުވިއެވެ. ޑިމޮކްރަސީ ހަރުދަނާކޮށް ބިނާކުރުމުގައި ނޫސްވެރިންގެ މުހިއްމު ކަމަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ “އެހެންވީމާ އަޅުގަނޑުމެން މިއަދު ވަރަށް ކަނުލައި އަޑުއަހަން ތިބެން ޖެހޭނެ. ވަރަށް ބޮޑަށް މިކަމާ އަޅުގަނޑުމެން އަޅާލާން ޖެހޭނެ” ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ގުނައަކުން މަތިވެގެންދިޔައެވެ. ނޫސްވެރިކަމަަށް ގޮވާލާ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ރިޕޯޓަރަޒް ވިތައުޓް ބޯޑަރސްގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި 2011 ވަނައަހަރު ދިވެހިރާއްޖެ ވަނީ 72ވަނައަށް އަރާފައެވެ. 2008ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަަށް އިންތިހާުބުކުރެވުނުއިރު ދިވެހިރާއްޖެ އޮތީ 104ވަނައިގައެވެ. މިރިޕޯޓުގައި ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރާފައިވާ މިންވަރަށް ނުހަނު ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ. މީގެ އިތުރުން އެމެރިކާގެ ފްރީޑަމް ހައުސްއިން 2009ވަނަ އަހަރު ދިވެހިރާއްޖެއަކީ ‘އެއްގޮތަކަށްވެސް މިނިވަން ނޫން’ ގައުމުތަކުގެ ލިސްޓުން ‘މެދުމިންވަރަށް މިނިވަން’ ގައުމުތަކުގެ ލިސްޓަށް ބަދަލުކުރިއެވެ. މީގެ އިތުރުން އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ބަޔާންވެގެންވާ އެތައް ސިޔާސތުތައް ވަނީ ތަންފީޒުކުރެވިފައެވެ. މިގޮތުން މީޑިޔާ ކައުންސިލް އުފައްދައިފައިވެއެވެ. އަދި އަބުރާބެހުމުގެ ކުށަކީ ޖިނާޢީ ކުށެއްނޫން ކަމުގައި ފާސްކުރެވި ކޮޕީރައިޓް ގާނޫން ފާސްކުރެވުނެވެ.