ރައީސް ނަޝީދު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހާޒިރުވެވަޑައިގެންފި

އެމްޑީޕީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް ހާޒިރުވެވަޑައިގެން ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލީހަށްފަހު އެޕާޓީން ބޭއްވި ސުލްހަވެރި ހިނގާލުމުގައި އެމަނިކުފާނަށް ފުލުހުން ކުރެއްވި އަނިޔާތަކާ ބެހޭ ގޮތުން އެ ކޮމިޝަނަށް ބަޔާނެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވީ، އެމްޑީޕީގެ މެންބަރުންނަށް ފުލުހުން ލާއިންސާނީ ބޮޑެތި އަނިޔާތައް ކޮށްފައިވާ މައްސަލަ އެމްޑީޕީން އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ރައީސް ނަޝީދުގެ ބަޔާނަކަށް އެ ކޮމިޝަނުން ބޭނުން ވުމުންނެވެ.

އެމްޑީޕީން 8 ފެބްރުއަރީގައި ބޭއްވި ސުލްހަވެރި ހިނގާލުމުގައި ފުލުހުންވަނީ އެމްޑީޕީގެ ހިނގާލުން ރޫޅާލައި، އެ ޕާޓީގެ މެންބަރުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އެ ދުވަހު އަނިޔާވި ފަރާތްތަކުގެ ތެރޭގައި އެމްއެމްއޭ ކައިރީގައި ހުރި ފިހާރައެއްގެ ތެރޭގައި ތިއްބަވަނިކޮށް ފުލުހުން ގަދަކަމުން ނެރެ އަނިޔާކުރި، ރައީސް ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ގުނާލެވޭ ވަރަށް ގިނަ ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ހިމެނެއެވެ.