ނޫސްބަޔާން: އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ އާއި ނައިބު ރައީސް އަލްއުސްތާޛް އަލްހާން ފަހުމީގެ އިތުބާރު ނެތްކަމަށް ފާސްކުރުމާއި ބެހޭ ގޮތުން އެމްޑީޕީން ނެރޭ ބަޔާން

2008 ވަނަ އަހަރު ދިވެހި ރައްޔިތުން އިންތިޚާބުކުރި އެމްޑީޕީ ގެ ސަރުކާރު، 07 ފެބްރުއަރީ 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެގެން ބަޣާވާތްކޮށްގެން ވައްޓާލުމާ ގުޅިގެން 08 ފެބްރުއަރީ 2012 ގައި މިޕާޓީގެ ޤައުމީ މަޖިލީހުން ވަނީ މިޕާޓީން ޢަމަލުކުރާނެ ގޮތްތަކެއް ނިންމާފައެވެ. އަދި މިޕާޓީގެ ޤައުމީ މަޖިލީހުގެ އިއްތިފާގުން ނިންމި ނިންމުންތަކާ އެއްގޮތަށް ޕާޓީގެ އެންމެހައި މެންބަރު ޢަމަލު ކުރަމުން ގެންދަނިކޮށް، މިޕާޓީގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޑރ. އިބްރާހީމް ދީދީ އާއި، ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް އަލްހާން ފަހުމީ ގެންދަވަނީ، ޕާޓީގެ އެނިންމުންތަކުގެ ރޫޙާ ޚިލާފަށް އެކިފަހަރުމަތިން އެކި ކަންކަން ކުރައްވަމުން ކަމަށް ގިނަ އާންމު މެންބަރުންނަށް ޤަބޫލުކުރެވޭ ކަމަށް ބުނެ ޕާޓީގެ ރައީސް އާއި ނާއިބު ރައީސްއާ މެދު އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބެލުމަށް ޤައުމީ މަޖިލީހަށް ޤަރާރެއް ހުށަހެޅުނެވެ. އެޤަރާރުގައި ވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެބޭފުޅުންގެ އެފަދަ ޢަމަލުތަކުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންގެ ހިތްތަކަށް ވަނީ ނުތަނަވަސްކަން ލިބިފައި ކަމަށާއި، ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް އެބޭފުޅުން ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

ޕާޓީގެ ރައީސްއާއި ނާއިބު ރައީސްގެ އެއަމަލުތައް އެހެން ހުރުމުން، ޕާޓީގެ ޤައުމީ މަޖިލީހުގައި އެ ދެބޭފުޅުންނަށް އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބެލުމަށް ނެގި ވޯޓުގައި އެ ދެބޭފުޅުންނަށް ޕާޓީގެ ގައުމީ މަޖިލީހުގެ އިތުބާރު ނެތްކަމަށްވަނީ ފާސްކޮށްފައެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވީ ހިނދު، އަދި މިޕާޓީގެ ކަންކަން ހިނގަމުންދަނީ ޑިމޮކްރެޓިކް އުޞޫލުން ކަމަށްވީ ހިނދު، މިޕާޓީގެ ޤައުމީ މަޖިލީހުގެ ނިންމުންތަކާއި އަދި އާންމު މެންބަރުންގެ ވިސްނުމާއި ފިކުރާ ޚިލާފަށް އެއްވެސް މެންބަރަކު މަސައްކަތް ކުރައްވާނަމަ އެ މެންބަރަކު އެކަން އެކުރައްވަމުން ގެންދަވަނީ ޑިމޮކްރެޓިކް އުޞޫލުން ކަމަށް ބެލެވޭނޭ ޖާގައެއް ނެތެވެ. އަދި އެފަދަ މެންބަރުންގެ ސަބަބުން ޕާޓީގެ ޢާންމު މެންބަރުންގެ ޙައްޤުތައް ގެއްލިގެން ދިޔުމަކީ މިޕާޓީން ޖާގަދޭނެ ކަމެއް ނޫނެވެ.

ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
ތަރުޖަމާން
7777852