އެމްޑީޕީ އަންހެނުންގެ ރޫޙުން ގއ.އާއި ގދ.ގެ ހުރިހާ ރަށަކަށް ކުރާ ދަތުރެއްގައި މާދަމާ ފުރާނެ

އެމްޑީޕީ އަންހެނުންގެ ރޫޙުން ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރެއްގައި މާދަމާ ފުރާނެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ ގއ.އަށާއި ގދ.ގެ ރަށްތަކަށް މިކުރާ ދަތުރަކީ އެރަށްރަށުގެ އަންހެނުންގެ ރޫޙް އެކްޓިވޭޓް ކުރުމަށްޓަކައި ކުރާ 5 ދުވަހުގެ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ހުވަދުއަތޮޅުގެ ރަށްރަށުގެ އެމްޑީޕީ އަންހެނުންގެ ރޫހްގެ ހުރިހާ މެންބަރުންނާ ބައްދަލުކޮށް އިދާރީ ގޮތުން ޕާޓީގެ ހަރަކާތައް ހިންގާނެގޮތުގެ މައުލޫމާތު ދިނުމާއި، އަދި ޕާޓީގެ ފަރާތުން އެމްޑީފީގެ ހުރިހާ މެންބަރުންނާ އިދާރީ ގޮތުންދޭންޖޭހޭ މައުލޫމާތުދިނުމުގެ ސެޝަންތަކެއް ބާއްވާނޭ ކަމަށް ޝިޔާމާ ވިދާޅުވިއެވެ.

މި ދަތުރުގައި އެމްޑީޕީ އަންހެނުންގެ ރޫޙްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އަންހެނުންގެ ރޫޙްގެ ރައިސާ ޝިޔާމާ އަހުމަދާއި، ރައީސް ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން
މިނިސްޓަރ ޝިފާ މުޙައްމަދު އަދި އަންހެނުންގެ ރޫޙްގެ އިސް މެންބަރު އައިޝަތު އާނިޔާ އެވެ.

މި ދަތުރުގައި އެމްޑީޕީ އަންހެނުންގެ ރޫހުން ފުރަތަމަ ޒިޔާރަތްކުރާނީ ކޮލަމާފުއްޓަށެވެ. ކޮލަމާފުއްޓަށް ވަޑައިގެން ކޮލަމާފުށީ އެމްޑީޕީ އަންހެނުންގެ ރޫހާއި ބައްދަލުކުރާނެ އެވެ. އަދި މާދަމާރޭ ކޮލަމާފުށީގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާގައި މި ޓީމުން ބައިވެރިވާނެއެވެ.

މިދަތުރަކީ ގއ.އާއި ގދގެ އެމްޑީޕީ މެންބަރުންގެ އެދިވަޑައިގަތުމަށް އެ ދެއަތޮޅަށް ކުރާ ދަތުރެއް ކަމަށާއި، ދަތުރުގެ ޓިކެޓްގެ ޚަރަދު ފިޔަވައި، އެހެން ހުރިހާކަމެއް އިންތިޒާމްކޮށްފައި ވަނީ ހުވަދު އަތޮޅުގެ އެމްޑީޕީ މެންބަރުން ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.