އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި އާންމުކޮށް އުސްފަސްގަނޑުގައި ބާއްވަމުންދާ އެއްވުން ރޭ ބޭއްވީ މުލިއާގެ ކައިރީގައި

އަވަސް އިންތިޚާބަކަށް ގޮވާލައި އާންމުކޮށް އުސްފަސްގަނޑުގައި އެމްޑީޕީން ބާއްވަމުންދާ އެއްވުން ރޭ މުލިއާގެ ކައިރީގައި ބާއްވައިފިއެވެ.

މުލިއާގެ ކައިރިން މެދު ޒިޔާރަތް ކުރިމަތީގައި ރޭ ބޭއްވި މި އެއްވުމުގައި އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.

މި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބެއް ނުބޭއްވި ލަސްވާ ކޮންމެ ދުވަހަކީ ވެރިކަން ފޭރިގެންފައިވާ ބަޣާވާތުގެ ބައިވެރިންނަށް އިންތިޚާބެއް ނުބާއްވައި ބާޣީ ސަރުކާރު ދަމަހައްޓަން މަސައްކަތްކުރާނޭ ދުވަހެއް ކަމަށެވެ. އަދި މިއަހަރު ރާއްޖޭގައި އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ރާއްޖޭގައި ދެން އިންތިޚާބެއް ނުބޭއްވިދާނޭ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން ބޭއްވި ހިނގާލުމުގެ ބައިވެރިން މެދުޒިޔާރަތް ކައިރިއަށް އެއްވެ ރޭ އެމްޑީޕީން ބޭއްވި އެ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މެދުޒިޔާރަތް ކުރިމަތީގައި ހުންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މުވައްޒަފަކަށް ވެސް އެންމެ ދަށްކޮށް ދެވޭނެ މުސާރަ ނުވަތަ މިނިމަމް ވޭޖެއް މި އަހަރު ކަނޑައެޅުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށާއި، އެއީ 4000ރ. ގެ މުސާރައެއް ކަމަށެވެ. އަދި ދިވެހިންނާ އެއްވަރުގެ މިނިމަމް ވޭޖް ބިދޭސީންނަށް ވެސް މިއަހަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބިދޭސީން މަދުވެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ވެރިކަމެއްގައި ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮއްދޭނޭ ކަމަށާއި، އަދި އެމްޑީޕީގެ ސަރުކާރުން ކަނޑައަޅާފައި އޮތީ ސިފައިންނާއި ފުލުހުންނާއި، ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުން އަދި އާންމު ރައްޔިތުންނަށް ވެސް ފްލެޓް ދޭން ކަމަށެވެ. .

ބާޣީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު، އެމްޑީޕީގެ ވެރިކަމެއްގައި ހައްޔަރުކުރާނެ ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރާނީ ސިފައިންނާ ފުލުހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބަޣާވާތްކުރާ ފަރާތްތަކުން އެ ބަޣާވާތް ފުރިހަމަކުރުމަށް މަސައްކަތްކޮށްފައިވާކަން އެފަދަ ގައުމުތަކުން ފެންނަން އެބަހުރި ކަމަށް ވިދާޅުވެ، ރާއްޖޭގައި ވެސް އެ ގޮތަށް ކަންހިނގައި، ސިޔާސީ ލީޑަރުންތައް ހައްޔަރުކޮށް ބާޣީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ނާޒިމް ހުރިހާ ބާރެއް އަތުލައްވަފާނޭ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ވަހީދުއްދީން އާއި ބައްދަލުކުރެއްވުމަށް ފަހު ބާޣީ ސަރުކާރުގެ ވެރިޔާގެ ނައިބަކަށް ރައްޔިތުންގެ ބަހަކާއި ނުލައި ޑީން ވެވަޑައިގެން ހުންނެވީތީ އެއީ ވަރަށް ހުތުރު އަމަލެއް ކަމަށް ޑީން އަރިހުގައި ވިދާޅުވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ބައިނަލް އަގްވާމީ އެއްވެސް ޖަމާއަތަކުން ރާއްޖެ ވަކިވެއްޖެ ނަމަ އޭގެ ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކޮށް އިއްޔެ ބޭއްވި ހިނގާލުމުގައާއި، މެދުޒިޔާރަތްކުރިމަތީގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.