ދިވެހި މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި އަޑުއުފުލުމަށް، މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެޚާއްޞަ ހިނގާލުމެއް އޮންނާނެއެވެ. މިއަދު ހަވީރު 4 ޖަހާއިރު ފެށޭ މިހިނގާލުން މާލޭގައި އުސްފަސްގަނޑުން ފެށޭއިރު ރަށްރަށުގެ އެމްޑީޕީ ހަރުގެތަކުން ވެސް މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކޮށް ހަމަ އެވަގުތު ހިނގާލުންތައް ފެށޭނެއެވެ.
ވީމާ، މިހަރަކާތުގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ރާއްޖޭގެ އެންމެހައި މަސައްކަތްތެރީން ބައިވެރިވެވަޑައިގަތުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޑީޕީން މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ވެއެވެ. .
7 ފެބްރުއަރީ 2012 ގައި ބަޣާވާތަކުން މިޕާޓީގެ ސަރުކާރު ވައްޓާލުމަށްފަހު، ބާޣީ ސަރުކާރުންނާއި އެސަރުކާރަށް ވާގިވެރިވާ ވިޔަފާރިތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރީންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ ކަމަށާއި، އޭގެ ތެރޭގައި، ޤާނޫނުއަސާސީއާއި، ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ވަޒީފާއިން ވަކިކުރުން ހިމެނޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ވަކިން ޚާއްޞަކޮށް އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނާ ދޭތެރޭ އެފަދަ ގޮތްގޮތުން ޢަމަލުކުރަމުންދާތީ އެކަން އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.
ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ މެމްބަރަކަށްވީ 15 މެއި 2009 ގައެވެ. ދިވެހިރާއްޖެ އެޖަމްޢިއްޔާގެ މެމްބަރަކަށްވުން އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިފައިވާ ވައުދެކެވެ. އެހެންކަމުން، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއެކު ވެސް އެމްޑީޕީގެ ސަރުކާރުންވަނީ އެ ވައުދު ފުއްދާފައެވެ.
އައި.އެލް.އޯ ގައި ދިވެހިރާއްޖެ ބައިވެރިވުމާއެކު، އެޖަމްޢިއްޔާގެ އަސާސީ 8 މުއާހަދާގައި ރާއްޖެއިން ސޮއިކުރުމުގެ މަސައްކަތް ކޮށްނިންމުމަށްފަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެ މުއާހަދާތަކުގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްޑީޕީން ލޭބަރޑޭގެ ހިނގާލުމާއި ބެހޭ ގޮތުން ނެރުނު ނޫސްބަޔާނުގައި ބުނީ އެޕާޓީގެ އެންމެ މުހިއްމު އެއް އަމާޒަކީ، ދިވެހި ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެމީހެއްގެ އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދައި، އަބުރުވެރި ދިރިއުޅުމެއް އުޅޭ ބައެއްކަމުގައި ހެދުން ކަމަށާއި، އެކަން ކުރުމަށްޓަކައި އެމްޑީޕީން ހިންގި އެންމެ މުހިއްމު މަޝްރޫޢަކީ ދިވެހި ޒުވާނުން މަސައްކަތުގެ މައިދާނަށް ނެރުމަށް ހިންގި “ހުނަރު” ޕްރޮގްރާމެވެ. އެޕްރޮގްރާމުން އެތައް ސަތޭކަ ދިވެހި ޒުވާނުންނެއް މަސައްކަތުގެ ހުނަރު ދަސްކުރަމުންދަނިކޮށް މިހާރުގެ ބާޣީ ސަރުކާރުން ވަނީ ހުއްޓާލާފައެވެ.