30 ޖޫން 2010
އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފައިސާގެ ނުފޫޒްފޯރުވާތީ އެފަދަ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި، އެކަމާއި ދެކޮޅު ހެދުމުގެގޮތުން އެމްޑީޕީން މިއަދު ފެށި ސިލްސިލާ މުޒާހަރާ މާދަމާ ހަވީރުވެސް ކުރިޔަށް ގެންދަވާނޭ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 4 ޖެހިއިރު ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާގައި، އެމްޑީޕީގެ އިސް ވެރިންނާއި، ވަޒީރުންގެ މަޖިލީހުން އިއްޔެ އިސްތިޢުފާ ދެއްވި ބައެއް ވަޒީރުންނާއި، އެމްޑީޕީގެ މެންބަރުންނާއި، ޕާޓީއަށް ތާޢީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
މި މުޒާހަރާ ނިންމާލުމުގެ ގޮތުން މުޒާހަރާގެ އިސް ބައިވެރިން ވަނީ އާޓިފިޝަލް ބީޗްގައި އާންމުންނާ މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން އެމްޑީޕީގެ އެންމެ އިސްވެރިންނާއި އިސްތިޢުފާދެއްވި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.
މިގޮތުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ސަރުކާރަކީ ވެސް އެމްޑީޕީ ފަދައިން ޓީމެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުން ހިމެނި ވަޑައިގަންނަވާ ބޭފުޅުން ތިއްބެވި ސަރުކާރެއްކަން އިއްޔެ އިސްތިޢުފާދެއްވި ބޭފުޅުން ސާބިތުކޮށްދެއްވައިފި ކަމަށާއި، އެމްޑީޕީ އަބަދުވެސް މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
” އަޅުގަނޑުމެން އެމްޑީޕީ މެންބަރުން ދަނޑަށް އަރާނީ ވެސް، ކުޅޭނީ ވެސް، އަދި ދަނޑުން ފައިބާނީ ވެސް ޓީމެއްގެ ގޮތުގަ. ކެބިނެޓަކީ ވެސް ޓީމެއް. އެއްވެސް ޚިލާފެއް ނެތި އެބޭފުޅުންގެ ހުރިހާ ބޭފުޅުން އެއްފަހަރާ އެއިސްތިޢުފާ ދެއްވީ.” މާރިޔާ ވިދާޅުވިއެވެ. ” އަޅުގަނޑުމެން މިއަދު މިފެށި މުޒާހަރާ މާދަމާވެސް ކުރިޔަށް ގެންދާނަން. އަދި މިރޭ އަޅުގަނޑުމެންގެ ހަރުގޭގައި ވެސް އާންމު ޖަލްސާ އޮންނާނެ. އަޅުގަނޑުމެން ހުއްޓާލާނީ މިކަން (މަޖިލިސް މެންބަރުންނަށް ފައިސާގެ ނުފޫޒް ފޯރުވާ މައްސަލަ) ކޮޅެއްގަ ޖައްސާފަ.”
ކުރީގެ ދާޚިލީ ވަޒީރު މުހައްމަދު ޝިހާބު ރައީސް ނަޝީދުގެ ހިއްވަރު ގަދަކަމަށް ތަޢުރީފް ކުރައްވައި އަބަދުވެސް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވާނޭ ކަމަށް ވިދާޅުވިއިރު، ޑރ. ސަވާދު ވިދާޅުވީ އެބޭފުޅުން އިސްތިޢުފާ ދެއްވީ ވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާހެން ” އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގެން” ކަމަށެވެ.
މިއަދުގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވީ އެމްޑީޕީ އިން ކުރިން މަގުމައްޗަށް ނިކުތީ އޭރު އޮތް ވެރިކަން ބަދަލުކުރަން ކަމަށާއި، މިހާރު މިނިކުންނަނީ ރައްޔިތުންނަށް ބޭނުންވާ ޙައްޤުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއެޅުން ހުއްޓުވުމަށް ކަމުގައެވެ.
މުޒާހަރާ ނިންމާލުމުގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހިތްތިރިކުރެއްވުން ދޫކޮށްލައްވައި، މިހާރު ކަންތައް ގެންދަވާ މިސްރާބަށް ކުރިޔަށް ވަޑައިގެންނެވުމަށް ރައީސަށް ގޮވާލައްވާފައެވެ.
މާދަމާގެ މުޒާހަރާވެސް ފަށާގޮތަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު، ސޯޝަލް ސެންޓަރު ކައިރިން ކަމަށް އެމްޑީޕީން ބުނެއެވެ.